ސެއިން-އެޓިއެން، ފްރާންސް (ޖޫން 17) - ކްރޮއޭޝިއާ އަކީ ސްޕެއިން ފަދަ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ ކަމަށް ޗެކް ރިޕަބްލިކްގެ ކޯޗު ޕަވެލް ވާބާ ބުނެފި އެވެ.

ކްރޮއޭޝިއާ ވަނީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ތުރުކީ ބަލިކޮށްފަ އެވެ. ޗެކް ރިޕަބްލިކް ބަލިވީ ސްޕެއިން އަތުން 1-0 އިންނެވެ. ވާބާ ބުނީ ކްރޮއޭޝިއާ އަކީ ވެސް ސްޕެއިިން ފަދަ އުނދަގޫ ޓީމެއް ކަމަށެވެ.

"ކްރޮއޭޝިއާގެ ތަރިން ކުޅެނީ ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް. ދެން ތިބި ގިނަ ކުޅުންތެރިން ކުޅެނީ ސްޕެއިނުގެ ކްލަބްތަކަށް. އެއީ ހަމަ ކުޑަކުޑަ ސްޕެއިނެއް،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާބާ ބުންޏެވެ.

ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗާއި މަޓެއޯ ކޮވަސިޗް ކުޅެނީ ރެއާލް މެޑްރިޑަށެވެ. އިވާން ރަަކިޓިޗް ކުޅެނީ ބާސެލޯނާ އަށެވެ. އަދި ފޯވާޑް ޑޫޖެ ކޮޕް ކުޅެނީ ސެވިއްޔާ އަށެވެ.

ކްރޮއޭޝިއާގެ ކެޕްޓަން ޑަރިޔޯ ސާނާގެ ބައްޕަ މަރުވުމުން އޭނާ އާއި އެ ޓީމުގެ ގޯލްކީޕަރު ކޯޗު މަރިޔާން މަމިޗް ވަނީ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް މިދިޔަ ހޯމަ ދުވަހު ކްރޮއޭޝިއާ އަށް ގޮސްްފަ އެވެ. މަމިޗާއި ސާނާ މިއަދުގެ ވަގުތެއްގައި އެނބުރި ފްރާންސަށް އައި ނަމަވެސް މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ޗެކް ރިޕަބްލިކް އަތުން ކްރޮއޭޝިއާ މޮޅުވެއްޖެނަމަ އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުވާނެ އެވެ. އަދި މިިރޭ ތުރުކީ އަތުން ސްޕެއިން މޮޅުވެއްޖެނަމަ ކްރޮއޭޝިއާ އާއި ސްޕެއިނަށް ދެ ވަނަ ބުރުގެ ޖާގަ ޔަގީންވާނެ އެވެ.

ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެއް މެޗުން ކްރޮއޭޝިއާ މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 21:00 ގަ އެވެ.