ސެއިން-އެޓިއެން، ފްރާންސް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާ ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހު 15 މިނިޓްގައި ޖެހި ދެ ލަނޑާ އެކު 2-2 އިން އެއްވަރުކޮށް ޗެކް ރިޕަބްލިކް ސަލާމަތްވެއްޖެ އެވެ.
މިރޭގެ މެޗުން ޗެކް ރިޕަބްލިކް ބަލިވިނަމަ އެ ޓީމު މުބާރާތުން ކެޓުމުގެ ފުރުސަތު ބޮޑެވެ. އެހެން ނަަމަވެސް މި މެޗުން ހޯދި ޕޮއިންޓާ އެކު އެ ޓީމަށް ވަނީ ދެ ވަނަ ބުރުގެ އުއްމީދުއާ ވެފަ އެވެ.
މި ގްރޫޕްގެ އެއް ވަނައިގައި މިވަގުތު ކްރޮއޭޝިއާ އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސްޕެއިން ތިން ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި ޗެކް ރިޕަބްލިކް އޮތީ އެއްް ޕޮއިންޓް ހޯދައިގެންނެެވެ. އެންމެ ފުލުގައި އޮތް ތުރުކީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ ތުރުކީ އާއި ސްޕެއިން ކުޅޭނެ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ ސްޕެއިން އަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކްރޮއޭޝިއާގެ ކެޕްޓަން ޑަރިޔޯ ސާނާ ހިމެނިގެން ދިއުމަކީ ލިބުނު ހައިރާން ކަމެކެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ތުރުކީ އަތުން މޮޅުވި މެޗަށް ފަހު ސާނާ ވަނީ އޭނާގެ ބައްޕަ މަރުވުމާ ގުޅިގެން ޖަނާޒާގެ ކަންތަކުގައި ބައިވެރިވުމަށް މިދިޔަ ހޯމަ ދުވަހު އެނބުރި ކްރޮއޭޝިއާ އަށް ގޮސްފަ އެވެ. ސާނާ މި މެޗުގައި ނުފެންނާނެ ކަމަށް ބެލެވިފައިވަނިކޮށް އޭނާ ވަނީ އިއްޔެ ޓީމާ ގުޅުމަށް ފަހު މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލް ކޮށްގެން ކުޅުނީ ކްރޮއޭޝިއާ އިންނެވެ. އެޓީމުން ވަނީ ޗެކް ރިޕަބްލިކް ހާފް ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އެ ޓީމުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ޗެކް ރިޕަބްލިކްގެ ފަރާތުން މި ފެނުނީ ދަށް ކުޅުމެކެވެ.
މިގޮތުން މާރިއޯ މަންޒުޗިޗާއި އިވާން ރަކިޓިޗަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މަންޒުޗިޗް ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، ރަކިޓިޗްގެ ހަމަލާ ޗެކް ރިޕަބްލިކްގެ ކީޕަރު ޕެޓަ ޗެކް ވަނީ މަތަކޮށްފަ އެވެ.
ކްރޮއެޝިއާ އިން ލީޑުނެގީ މެޗުގެ 37 ވަނަ މިނިޓްގައި އިވާން ޕެރިޝިޗް ޖެހި ލަނޑުންނެވެ. ޗެކް ރިޕަބްލިކް އޭރިއާ ތެރެއިން ޕެރިސިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ކްރޮއޭޝިއާ އިން ވަނީ ރަނގަޅަށް ކުޅެ އެޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ޗެކް ރިޕަބްލިކްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަަގައި މެޗުގެ 59 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އިވާން ރަކިޓިޗެވެ.
ކްރޮއޭޝިއާ ލީޑުގައި އޮއްވައި އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާއެއްގެ ސަބަބުން ޓީމުގެ މުހިއްމު މިޑްފީލްޑަރު ލުކަ މޮޑްރިޗް ބަދަލުކުރަން ޖެހުމުންނެވެ.
މޮޑްރިޗް ބޭލުމާ އެކު ކްރޮއޭޝިއާގެ މެދުތެރެއިން ގޯސްތަކެއް ހެދެން ފެށި އެވެ. އަދި ބަދަލުތަކާ އެކު ޗެކް ރިޕަބްލިކް ކުޅުން ރަނގަޅުވި އެވެ. ޗެކް ރިޕަބްލިކުން ދެ ލަނޑު ވެސް ޖެހީ ފަހު 15 މިނިޓް ތެރޭގަ އެވެ.
ތިން ވަނަ ލަނޑެއް ޖެހުމަށް ކްރޮއޭޝިއާގެ މާސެލޯ ބްރޮޒޯވިޗާއި މަންޗުކިޗަށް ލިބުނު ފުރުސަތުތައް އެ ކުޅުންތެރިންނަށް ބޭނުމެއް ނުކުރެވުނެވެ.
މެޗުގެ 76 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކްގެ ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިލާން ސްކޯޑާ އެވެ. ކްރޮއޭޝިއާ އޭރިއާ ތެރެއިން ސްކޯޑާ ބޮލުން ފޮނުވާލި ވަނީ ގޯލުގެ ކަނަށެވެ.
މި މެޗުގެ 84 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ ސަޕޯޓަރުން ދަނޑަށް ފަޓާސް އުކަން ފެށުމުން ފަސް މިނިޓަށް މެޗު މެދުކަނޑާލި އެވެ. ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކާތީ ކުޅުންތެރިން ވަނީ އެކަން ހުއްޓާލުމަށް ސަޕޯޓަރުން ކައިރިން އެދިފަ އެވެ.
މެޗު އަލުން ފެށުމާ އެކު ޗެކް ރިޕަބްލިކުން ދިޔައީ ކްރޮއޭޝިއާ އަށް ޕްރެޝަރު ކުރަމުންނެވެ. ޗެކް ރިޕަބްލިކް އެއްވަރުކުރީ މެޗުގެ އިތުރު ވަގުތު ލިބުނު ޕެނަލްޓީ ވައްދާލައިގެންނެވެ. ކްރޮއޭޝިއާ އޭރިއާ ތެރެއިން އެ ޓީމުގެ ޑޮމޮގޮއީ ވީޑާ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ޗެކް ރިޕަބްލިކަށް ކާމިޔާބު ކޮށްދިނީ ތޯމަސް ނެސިޑް އެވެ.
މި ދެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗުގެ ތެެރެއިން ދެ މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.