ޖިންސަކީ ވަރަށް އަސާސީ އެއްޗަކަށް ވެއްޖެ އެވެ. މިއީ އަންނައުން ތެރޭގައި ހިމެނޭ، އެންމެ ގިނަދުވަހު ބޭނުން ކުރެވޭ އެކައްޗެވެ. އެކަމަކު ޖިންސުގެ އުމުރު އިތުރަށް ދިގުކޮށް އޭގެ ބައްޓަމާއި ކުލަ ދަމަހައްޓަން ބޭނުން ނަމަ އެ ދޮންނަ އިރު ސާމާލުކަން ދޭން ޖެހޭ ކުދިކުދި ކަންތައް ތަކެއް ހުރެ އެވެ.
ޖިންސަކީ ގިނަގިނައިން ދޮންނަން ޖެހޭ އެއްޗެއް ނޫނެވެ. ޖިންސް ގިނައިން ދޮންނަ ނަމަ އޭގެ ކުލަ ދާން ފަށާނެ އެވެ. މިހެން ބުންޏަސް ޖިންސުން ކުލަ ހިނގައިދާނެތީ ނުދޮވެ ބާއްވާކަށް ނުޖެހެ އެވެ. ޖިންސުން ނުބައި ވަސް ދުވާ ކޮންމެ ފަހަރަކު ދޮވުމުގެ ބަދަލުގައި އަވީލުމުން ވެސް ރަނގަޅުވާނެ އެވެ.
ކުލަ މަޑު ނުވަތަ ހުދު ޖިންސެއް ނަމަ ފިނި ފެނުގައި ތަންކޮޅެއް "މައިލްޑް" ޑިޓާޖަންޓެއް ބޭނުންކޮށްގެން އަތުން ދޮވެލާށެވެ. މިގޮތަށް ދޮންނާނީ ފެނަށް ލާފައި 1 ގަޑިއިރު ވަންދެން ބޭއްވުމަށް ފަހު އެވެ. އޭރުން އަތުން ދޮންނައިރު ފަސޭހަވާނެ އެވެ. އެއަށް ފަހު އަވީގައި ހިއްކާށެވެ.
ޖިންސް ދޮވުމުގައި އެއްގޮތަކަށް ވެސް ބްލީޗް ބޭނުން ނުކުރާށެވެ. ސަބަބަކީ ބްލީޗް ކުރުމުގެ ސަބަބުން ޖިންސްގެ ކުލަ ގޮސް އަދި ފޮތި ފީ ވާން ފަށާނެތީ އެވެ.
ޖިންސު "ތާޒާކޮށްލަން" ބޭނުން ނަމަ ޖިންސު ލާން އޮންނަ ދުވަހުގެ ރޭ، އައިސް އަލަމާރީގެ ގަނޑުކުރާ ބަޔަށް ޖިންސް ލާފައި ބާއްވާށެވެ. މިގޮތަށް ކަންތައް ކުރުމުން ޖިންސްގައި ހުންނަ ބެކްޓީރިއާ މަރުވާނެ އެވެ. އަދި އޭގައި ހިފާފައި ހުންނަ ނުބައި ވަސް ފިލާނެ އެވެ.