ގޮނޑި ގެއްލުމުގެ ބިރު އޮތަސް މެމްބަރުން ދުލެއް ނުދެއްވާނެ: ގުޅިފައިވާ ޕާޓީތައް

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުން އިސްލާހަށް މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، ބިރު ދައްކާފައި އޮތް ނަމަވެސް އެފަދަ ފިއްތުންތަކަށް މެމްބަރުން ދޫ ނުދެއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.


ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވަނީ ޕާޓީ ބަދަލުކޮށްފި ނަމަ، ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. މި ހުކުމް އައީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވުމާ އެކު ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގަ އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިދިކޮޅު ޕާޓީތަކުން ބުނީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ދެ ފަހަރަށް ބޭރުކޮށްލައި ތިން ވަނަ ފަހަރު އެ މައްސަލަ އަށް ސުޕްރީމް ކޯޓުން ފަރުވާ ހޯދާފައިވީ ނަމަވެސް މެމްބަރުން ތިއްބެވީ ސާބިތުކަމާ އެކުގައި ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި ހުރިހާ މެމްބަރުން އެ ގޮތުގައި ދެމިތިއްބެވި ކަމަށާއި ހުކުމަކުން މެމްބަރުން ފަހަތަށް ޖައްސާނުލެވޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.

މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުންގެ ތާއީދު މަސީހަށް ނެތް ކަން މަޖިލީހަށް ވެއްދި ސޮއިތަކުން އެކަނި ވެސް ސާބިތުވެފައިވާއިރު، އެކަން އެހެން ގޮތަކަށް ބަދަލުކޮށްލަން މަޖިލީހުގެ މެމްބަރުންނަށް ދައްކާ ބިރަކުން، ގައުމީ މަސްލަހަތު އެ މެމްބަރުން ދޫކޮށްނުލައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުންޏެވެ. މަސީހު ވަކިކުރަން ސޮއި ކުރެއްވި ހުރިހާ މެމްބަރުންނަށް ވެސް މުހިއްމީ ގޮނޑިއަށް ވުރެން، ގައުމުގެ ކަންކަން އިސްލާހު ކުރަން ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު ހުކުމާ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ. އެ ހުކުމާ އެކު އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ހުއްޓުމެއް ވެސް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

"އަބްދުﷲ މަސީހަށް މަޖިލީހުގެ ރައީސް ކަމުގެ މަގާމު ގެއްލޭނެ. އަދަދު ހަމަވާނެ، ވަކިވާނެ. އެއީކީ ޝައްކެއް އޮތް ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ޕާޓީތަކުގެ ވަކީލުން ގެންދަވަނީ ދިރާސާކުރައްވަމުންނެވެ. އެއަށް ފަހު އެ މައްސަލަ އަލުން ކޯޓަށް ވައްދަން ޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވީ މި ހުކުމާ އެކު މެމްބަރުންނަށް ލިބުނީ އިތުރު ހިތްވަރެއް ކަމަށެވެ. މަސީހު ވަކިކުރަން ވޯޓު ދެއްވައިގެން، ޕީޕީއެމްގައި މިހާރު ތިއްބެވި އެއްވެސް މެމްބަރަކު އަދި ވަކިވާން އެދިވަޑައިގެންފައިވާ އަދި ވަކިކޮށްފައިވާ އެއްވެސް މެމްބަރެއްގެ ވެސް ގޮނޑި ގެއްލިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (ވ) އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މަޝްވަރާ ކުރައްވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

މެމްބަރަކު ވޯޓު ދެއްވާ ގޮތަކުން ޖިނާއީ ތަހުގީގެއް ނުވަތަ އެހެން ވެސް ނުރައްކަލެއް ކުރިމަތި ނުކުރެވޭނެ ކަން ގާނޫނުއަސާސީން ސާފު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ހަމައެކަނި ޕާޓީގެ ވިޕްލައިނަށް ބޯލަނބަން ޖެހޭ ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެކު ތިއްބެވި މެމްބަރުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ދެއްވަން ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެތް،" ފާރިސް ވިދާޅުވި އެވެ.

"ޕީޕީއެމް ތެރޭގައި ތިއްބެވި މެމްބަރުން ވެސް ބޭނުމެއް ނުވާނެ ހަމަ އަންގާ އެންގުމަކަށް ވޯޓު ދޭން މަޖުބޫރުވާކަށް. އަޅުގަނޑަށް ވިސްނޭ ގޮތުގައި ވިއްޔާ، މިހާރު މިއޮތް ހާލަތުތަކަށް އިތުރު ބަދަލުތަކެއް ނުގެންނަ ކަމަށް ވަންޏާ، ރައްޔިތުންގެ މަޖިލީހުގެ ހުވާ ވެސް ބަދަލުކުރަން ޖެހިފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މިއޮތް ހާލަތަކީ އަބަދަށް ދެމިއޮންނާނެ ހާލަތެއް ނޫނެވެ. އެކަން ދިވެހި ރައްޔިތުންނާއި މުއައްސަސާތަކާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ސާފުކަމަށް ވިދާޅުވި އެވެ.

"ހުކުމުގައި އެބައޮވޭ އެންޓި ޑިފެކްޝަން ގާނޫނެއްގެ ވާހަކަ. އެހެންވީމަ ހުކުމުން ވެސް އެބަ އެނގޭ މިއޮތީ ވަގުތީ ހައްލެއް ހޯދައިދީފައި ކަން. އަދި އަޅުގަނޑުމެންނަށް މާނަ ކުރެވެނީ ވަކި ބަޔަކަށް ވަކި ފަރާތަކަށް ފައިދާ ވާ ގޮތަށް އޮތް ނިންމުމެއް ކަމަށް،" ފާރިސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ގެއްލި އަމަން އަމާންކަމަށް ބުރޫއަރާ ކަަމަށް މި އެނގުނީ ވަކި ޕާޓީއެއްގެ ބަޔަކު ވަކިވާން އުޅުމުން ކަމަށެވެ. ސުޕްރީމް ކޯޓުން ފަރުވާ ހޯދި މި މައްސަލަ އިން ސަރުކާރަށް ލިބުނީ ކާމިޔާބެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ގެއްލި އަމަން އަމާންކަމަށް ބުރޫއަރާ ކަަމަށް މި އެނގުނީ ވަކި ޕާޓީއެއްގެ ބަޔަކު ވަކިވާން އުޅުމުން ކަމަށެވެ. ސުޕްރީމް ކޯޓުން ފަރުވާ ހޯދި މި މައްސަލަ އިން ސަރުކާރަށް ލިބުނީ ކާމިޔާބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"އެ މީހަކު ހޮވުނު ޕާޓީ އަށް އަލުން ބަދަލުވުމަކަށް މި ހުކުމުން ހުރަހެއް ނެތް. މި ހުކުމާ އެކު، ބަންދުވެފައި ތިބި ކޮއްޓަކުން މެމްބަރުން ނުކުމެވަޑައިގެން ރައްޔިތުންގެ ފަޅިއަށް އަރައި ގައުމު ސަލާމަތް މިކުރާ މަސައްކަތުގައި ބައިވެރިވާން އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.

މަސީހުގެ މައްސަލަ ކާމިޔާބުކުރަން ސަރުކާރުން ފަރުވާއެއް ހޯދާފައިވާއިރު، އެ މައްސަލާގައި ވޯޓު ދެއްވައިގެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުވާލައިފި ނަމަ، ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކޮށްގެން އެ މެމްބަރަކު އަލުން ގޮނޑި އަށް ހޮވައިދޭނެ ކަމުގެ ޔަގީންކަން ވެސް ޕާޓީތަކުގެ ލީޑަރުންގެ ފަރާތްޕުޅުން ރިޔާޒް ދެއްވި އެވެ.

"އެ މެމްބަރެއްގެ ފަހަތުގައި އަޅުގަނޑުމެން ތިބޭނަން، ގާނޫނީ ގޮތުން އެ މައްސަލާގައި ޗެލެންޖްކުރަން ޖެހިއްޖިއްޔާ ވެސް އެކަމުގައި އަދި ބައި އިލެކްޝަނަކަށް ދިޔައިއްޔާ ވެސް އެ ބޭފުޅަކު އެންޑޯސްކޮށްގެން ގޮނޑި އަށް ހޮވަން އަޅުގަނޑުމެންގެ ހަތަރު ލީޑަރުން ވަނީ އެއްބަސްވެފައި،" ރިޔާޒް ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ ގެމެމްބަރު އަނާރާ ނައީމް ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ނަގައި ގައުމު އިސްލާހުކުރަން ފަށާފައިވާ މަސައްކަތް ސަރުކާރަށް ނާކާމިޔާބެއް ނުކޮށްލެވޭނެ އެވެ. "އެއް ދޮރު ބަންދުކޮށްފިއްޔާ، އަނެއް ދޮރު ހުޅުވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުކުމުން އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ ރާއްޖޭގައި ކަންކުރެވެމުންދާ ގޮތް، ވަރަށް ބޮޑަށް އެއްފަރާތަކަށް ޖެހިފައިވާ ހުކުމެއްގެ ގޮތަށް މި ފެނުނީ. ރާއްޖޭގެ މި ހާލަތަކީ ބަދަލުކުރަން ޖެހިފައިވާ ހާލަތެއް ކަން ހުކުމުން ވެސް އެނގުނީ،" އަނާރާ ވިދާޅުވި އެވެ.