މީގެ 20 އަހަރު ކުރިން ރިލީޒްކޮށް ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި ފިލްމް "ޓައިޓޭނިކް" ގެ ވާހަކަ ދައްކައި ފޫއްސެއް ނުވާނެ އެވެ. އެ ފިލްމަކީ ބެލުންތެރިން އޭގެ ޖާދޫގައި ކިތަންމެ ވަރަކަށް ވެސް ޖައްސާލި އަދި އަދަށްދާންދެން ވެސް ބަލައި ފޫހި ނުވާ ކަހަލަ ރީތި އަދި މޮޅު ފިލްމެކެވެ.

"ޓައިޓޭނިކް" އާ ބެހޭ ގޮތުން މިހާރު ދައްކަން އޮތް ވާހައަކީ އެ ފިލްމް ރިލީޒް ކުރިތާ 20 އަހަރު ފުރުން ފާހަގަ ކުރުމަށް ހާއްސަ ޑޮކިއުމަންޓްރީއެއް ހަދާ ވާހަކަ އެވެ. ޖޭމްސް ކެމެރަން ލިޔެ، ޑައިރެކްޓް ކުރި "ޓައިޓޭނިކް" ރަސްމީކޮށް ސިނަމާތަކަށް ނެރުނީ ޑިސެމްބަރު 19، 1997 އެވެ.

އެހެންވެ މި އަހަރުގެ ޑިސެމްބަރު މަހު "ޓައިޓޭނިކް" ގެ ޑޮކިއުމަންޓްރީ ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ވަނީ އަމާޒު ހިފައިފަ އެވެ. ކެމެރަން އާއި ނެޝަނަލް ޖިއޯގްރަފިކް ޗެނަލް ގުޅިގެން ހަދާ މި ޑޮކިއުމަންޓްރީގެ ނަމަކީ "ޓައިޓޭނިކް: ޓްވެންޓިއެތު އެނިވަސަރީ" އެވެ.

މިކަމާ ބެހޭ ގޮތުން ކެމެރަން ނެރުނު ބަޔާނެއްގައި ބުނީ "ޓައިޓޭނިކް" ހަދާފައި ވަނީ އެ ޒަމާނަށް ބަލާ އިރު، ލިބެން ހުރި އެންމެ ވަރުގަދަ ވަސީލަތްތައް ބޭނުންކޮށްގެން، ވަރަށް ބޮޑެތި ރިސާޗްތަކެއް ހަދައިގެން ކަމަށެވެ.

ޓައިޓޭނިކް" ގެ ޝޫޓިންގައި ކެމެރަން، ލިއޮނާޑޯ އަދި ކޭޓް.
ޓައިޓޭނިކް" ގެ ޝޫޓިންގައި ކެމެރަން، ލިއޮނާޑޯ އަދި ކޭޓް.

އެހެންވެ ޑޮކިއުމަންޓްރީ ބެލުންތެރިންނާ ހަމައަށް ގެނެސްދޭ އިރު، ފިލްމް ހަދަން ކުރި ބުރަ މަސައްކަތާއި އަސްލު "ޓައިޓޭނިކް"ގެ ހަގީގަތް ހޯދަން ކުރަން ޖެހުނު ތަޖުރިބާތައް، ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައި މި ޒަމާނުގައި ވަރަށް ފުރިހަމައަށް ދައްކުވައި ދޭން ބޭނުންވާ ކަމަށް ބުންޏެވެ.

"އަހަރެން މި ފިލްމް ލިޔެ ޑައިރެކްޓް ކުރީ ވީހާ ވެސް އަސްލާ އެއްގޮތަށް ވީހާ ވެސް ފުރިހަމަކޮށް ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން،" 2009 ގައި "އެވެޓާ" ހަދައިގެން ރެކޯޑް ހެދި ޑައިރެކްޓަރު ބުންޏެވެ. "މި ފަހަރު ނެޝަނަލް ޖިިއޮގްރަފީގެ ޓީމާ އެކު އަނެއްކާ ވެސް ޓައިޓޭނިކްގެ އާ ތަޖުރިބާތަކެއް ކުރެވޭނެ."

"ޓައިޓޭނިކް" އަކީ 1912 ގައި އެ ނަމުގައި އަލަށް ބަނދެގެން ފުރަތަމަ ދަތުރަށް ނިކުތް ބިޔަ ކްރޫޒްލައިނާ އައިސްބާގެއްގައި ޖެހި، ބިންދައިގެން ގޮސް އެތައް ހާސް ބަޔަކު ކަނޑުވެ، މަރުވި އަސަރު ގަދަ ހާދިސާ އަސްލަކަށް ބަލައިގެން ހަދާފައިވާ ލޯބީގެ ފިލްމެކެވެ.

މި ހާދިސާގެ ތެރެއަށް ލޯބީގެ ހިޔާލީ ވާހަކައެއް ފައްކާކޮށްފައި އޮތުމަކީ "ޓައިޓޭނިކް" ފިލްމް ބެލުންތެރިންނަށް އެންމެ ކަމުދިޔަ އެއް ސަބަބު ވެސް މެ އެވެ. މި ފިލްމުގެ ލީޑް ރޯލް ކުޅުނީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ކޭޓް ވިންސްލެޓް އެވެ.

ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދައި ބޮކްސް އޮފީހުގައި 2.187 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ޓައިޓޭނިކް" އޮސްކާގައި 14 ކެޓަގަރީއަކުން ނޮމިނޭޓްވެ، 11 ކެޓަގަރީއަކުން އެވޯޑް ވެސް ހޯދި އެވެ.