މާލޭހިޔާގެ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހަ ނުހެދޭނެ، އެއީ ކޮރަޕްޝަން: އިދިކޮޅު އިއްތިހާދު

މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހެދުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.


އިދިކޮޅު ޕާޓީތަކުގެ ފަރާތުން، މ. ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ އެއީ މާލޭ ރައްޔިތުންގެ ބިމަކަށް ވާއިރު، ވަކި ބައެއްގެ އަމިއްލަ މަންފާ އަށް އެ ބިން ދޫނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބިން ދޫކުރީ ސިޔާސީ ޕާޓީއެއްގެ ޖަގަހަ ހަދަން ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނާއިރު، އެތަނުގައި ހަދާ ޖަގަހަ ވަރަށް އަވަހަށް ހުޅުވާނެ ކަން ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގައި ވަނީ އިއުލާންކޮށްފަ އެވެ.

"އަބްދުއްރަހީމް [ޕީޕީއެމްގެ ނައިބު ރައީސް] އެ ޕްރެސްކޮންފަރެންސްގައި ވިދާޅުވީ ތިމަންނަމެންގެ މީހަކަށޭ އެ ބިން ލިބުނީ. އޮޅިގެން ނަމަވެސް އެ އޮތީ ވިދާޅުވެވިފައި އެކަން ހިނގައި ދިޔަ ގޮތް،" މަހްލޫފް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި، ކުރިން ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރި މާލެ ހިޔާގެ ހުސް ބިން ހައުސިން މިނިސްޓްރީން ތިން ފަހަރަށް ބިޑަށް ލި އެވެ. އަދި ޕްރޮޕޯސަލްތައް ބަލާފައި އެންމެ ރަނގަޅު މީހަކަށް އެ ބިން މިނިސްޓްރީން ހަވާލުކުރުމުން، އެ ޕާޓީން ޖަގަހަ ހަދަނީ އެ މީހާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބިންތައް އެއްވެސް އުސޫލެއް ނެތި ވަކި ޕާޓީއެއްގެ އަމިއްލަ މަސްލަހަތު ކުރިއަރުވަން ދޫކުރުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އެ ބިމުގައި ޖަގަހަ ހެދުމުގެ ބަދަލުގައި އެ ދާއިރާގެ ރައްޔިތުންނަށް ފްލެޓް އެޅިއަސް މާ ފައިދާ ބޮޑުވާނެ ކަމަށާއި އެކަމަކު ފްލެޓް ވެސް މިހާރު އަޅަނީ މުއްސަނދިންނަށް ހާއްސަކޮށްގެން ކަމަށް ވިދާޅުވި އެވެ.

"އަނެއްކޮޅުން އަޅުގަނޑުމެން ކަންބޮޑުވޭ އެމްއާރުޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ލައްވައި ޕީޕީއެމްގެ ޖަގަހައިގެ މަސައްކަތް ކުރިއަށް ގެންދާތީ. އެހެރީ ފޮޓޯ އާއި މަންޒަރު ފެންނަން،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގައި "ކުޑަ ވެސް ލަދެއް ހަޔާތެއް ހުރި ނަމަ" ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ރައްޔިތުންގެ ބިމުގައި ޖަގަހަތަކެއް ނުހަދާނެ ކަމަށެވެ. ރައްޔިތުންގެ ބިންތައް ފެލާލައިގެން ގަދަބާރުން ޖަގަހަ ހުޅުވިއަސް އެތަނަށް ވަންނާނެ ރައްޔިތަކު ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭ ހިޔާގެ ހުސް ބިމުގައި ހަދަމުން އަންނަ ޕީޕީއެމްގެ ޖަގަހައިގެ އިތުރުން ކުރީގެ ވެސްޓް ޕާކް ހުރި ބިމުގައި ޕީޕީއެމުން ހަތަރު ބުރީގެ ޖަގަހައެއް ހަދަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.