މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދައިފި އެވެ.
ކުރީގެ ފުރުގާން މިސްކިތް ތަޅާލައި އާ މިސްކިތް ހުޅުވަންދެން ވަގުތީ މިސްކިތް ހުރި ބިމުގައި ދެ ބުރިއަށް ހެދި ޖަގަހައިގެ ކުރިމަތީގައި ތިއްބަވައިގެން، ޕީޕީއެމްގެ އިސް ބައެއް ވެރިން ވަނީ ފޮޓޯ ނަންގަވައި، ޓްވީޓްކުރައްވައިފަ އެވެ.
ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެ ފޮޓޯ ޓްވީޓްކުރެއްވީ ރައީސް ޔާމީން 2018 ގެ ކެމްޕެއިން ޖަގަހަ ނިމެމުން ދަނީ ކަމަށް ވިދާޅުވެ އެވެ.
އަބްދުއްރަހީމްގެ އިތުރުން އެ ފޮޓޯގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ދާދި ފަހުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވެސް ހުންނެވި އެވެ.
ބައެއް މީހުން ބުނާ ގޮތުގައި ޖަގަހައިގެ މަތީ ބުރީގައި ހިންގާނީ ރެސްޓޯރެންޓެކެވެ.
މި އިމާރާތާ ބެހޭ ގޮތުން ޕީޕީއެމުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުބުނެ އެވެ. އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ޖަގަހައެއް ހަދަން އެ ބިން ދޫކުރީ ކޮން ގޮތަކަށްތޯ ހައުސިން މިނިސްޓްރީން ވެސް ސާފުވާ ގޮތެއް ނުވި އެވެ.