ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ގެނެސް ދޭނެ އެންމެ ތަފާތު އެއް ފިލްމަކަށް ވާނީ އަހުމަދު ޝިނާން ޑައިރެކްޓް ކުރާ "ގޮށްރާޅު" އެވެ. މިއީ މި ފަހުން ތަންކޮޅެއް ލައިޓްހާޓެޑް ފިލްމްތައް ގެނެސްދޭ ސްޓޫޑިއޯ އިން ސީރިއަސްކަން ބޮޑު ފިލްމެއް އަހަރުތަކަކަށް ފަހު، ގެނެސްދޭ ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ "ގޮށްރާޅު" ގެ ވާހަކަ ދެކެވެން ފެށީއްސުރެ، މި ފިލްމަށް ވަނީ އިންތިޒާރު ކުރެވެން ފަށައިފަ އެވެ. ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.
މޫމިން ފުއާދު
"ގޮށްރާޅު" އަކީ މޫމިންގެ ސްކްރީންޕްލޭއަކަށް ހަދާ ކްރައިމް ތުރިލާއެކެވެ. މި ވައްތަރުގެ ރިއަލިސްޓިކް ފިލްމްތަކަށް މޫމިންއަކީ ހަމަ އެއް ވަނައިގެ ނަމެކެވެ. އޭނާ މީގެ ކުރިން ގެނެސް ދީފައި ހުރި ފިލްމްތަކަށް ބަލާ އިރު ލިޔެ، ޑައިރެކްޓްކޮށްފައިވާ (ޑައިރެކްޝަންގައި އަލީ ޝިފާއު ވެސް ހިއްސާވާ) ހޭލާ (2006)، ހެޕީ ބާތުޑޭ (2009) އާއި ލޫދިފާ (2011) އަކީ ބެލުންތެރިންނަށް ވަރަށް ތަފާތު ވާހަކަތަކެއް ކިޔައި ދިން ފިލްމްތަކެވެ.
އަނެއްކޮޅުން އެ ދެ ފިލްމަކީ އެވޯޑްގެ ގޮތުން ވެސް ވަރަށް ފާހަގަކޮށްލެވޭ ދެ ފިލްމެވެ. "ލޫދިފާ" މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯސްޑްގައި 19 ކެޓަގަރީއަކުން ނޮމިނޭޓްވެ، 10 ދާއިރާއަކުން އެވޯޑް އުފުލައިލި އިރު އޭގެ ތެރޭގައި އެންމެ މޮޅު ސްކްރީންޕްލޭ ވެސް ހިމެނެ އެވެ.
އެހެންވެ "ގޮށްރާޅު" ގެ ސްކްރީންޕްލޭއަކީ މޫމިންގެ ސިކުނޑިން ދިޔަ ފެލާލައިގެ ފައްކާ ކުރާ ފިލްމަކަށްވާތީ، މި ފިލްމަކީ އަނެއްކާ ވެސް ދިވެހި މުޖުތަމައުގެ އަނދިރި ފަރާތް ދައްކުވައިދޭން ފިލްމެއް ކަމަށް ގަބޫލު ކުރެ އެވެ. މޫމިން އިތުބާރުކޮށްފައި ވެސް "ގޮށްރާޅު" އަށް އިންތިޒާރު ކުރަން ޖެހެނީ މި ސަބަބުތަކާ ހެދި އެވެ. އޭނާއަކީ ފިލްމީ ދާއިރާގައި ހަމަ އެންމެ ވަރުގަދަ އެއް ނަމެވެ.
އަހުމަދު ޝިނާން
މިއީ ފިލްމީ ދައިރާގައި މިހާރު ތިބި ކުޅަދާނަ ޒުވާނުން ހުނަރުވެރިންގެ ތެރެއިން ހުނި ޖަހާފައި ނަގާލެވޭނެ އެކެކެވެ. ސްޕެޝަލް އިފެކްސްޓް އާއި ކެމެރާ ފަދަ މަސައްކަތްތަކުން ޝިނާންގެ ނަން ވިދާލާފައި އޮތަސް، އޭނާއަކީ ހަމަ ކުޅަދާނަ ޑައިރެކްޓަރެއް ވެސް މެ އެވެ. ޑާކް ރެއިނުން މިހާތަނަށް ހެދި ގިނަ ފިލްމްތަކުގައި އޭނާގެ ހިއްސާ ބޮޑަސް، ޑައިރެކްޝަންގައި ހުރި ކުޅަދާނަކަން ދައްކައިލީ އެ ސްޓޫޑިއޯ އިން ބޭރުގަ އެވެ.
އެއީ މިދިޔަ އަހަރު ކްރިސްޓަލް އެންޓަޓައިންމަންޓުން ހެދި ބިރުވެރި ފިލްމް "4426" އާ އެކުގަ އެވެ. ފާތުމަތު ނަހުލާއާ ގުޅިގެން، ޝިނާން ޑައިރެކްޓް ކުރި އެ ފިލްމަކީ ހަމަ ގައިމު ވެސް ދިވެހި ސިނަމާގެ ބިރުވެރި ފިލްމްތަކަށް އިންގިލާބެއް ގެނުވައި ދިން ފިލްމެކެވެ.
"ފޯފޯޓޫސިކްސް" ގެ ކެމެރާ އާއި އޭގެ އިފެކްޓްސްތަކަކީ ވެސް ހަމަ ޝިނާންގެ މަސައްކަތެވެ. "ގޮށްރާޅާ" އެކު ސޯލޯ ޑައިރެކްޝަނަކަށް އައުމަކީ އޭނާގެ އަސްލު ފެންވަރު ބެލުންތެރިންނަަށް ޑައިރެކްޓަރެއްގެ ގޮތުގައި ދައްކައިލެވޭނެ ފުރަތަަމަ ފިލްމެވެ. މި ސަބަބަށްޓަކައި "ގޮށްރާޅު" އަކީ ކޮންމެހެން ވެސް އިންތިޒާރު ކުރަން ޖެހޭ ފިލްމެކެވެ.
ފިލްމް ރިލީޒް ކުރާ ތާރީހު ފިޔަވައި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. މީޑިއާތަކާ ވަރަށް ބީރައްޓެހިކޮށް އަބަދު ވެސް އުޅޭ ޝިނާންގެ ހުރި ފެންވަރު، "ގޮށްރާޅު" އިން ބަލައިލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
އެޕްރީލް 5
"ގޮށްރާޅު" ސިނަމާ ސިނަމާ އަށް އަންނާނީ ޑާކް ރެއިންގެ ރަސްމީ ތާރީހުގަ އެވެ. އެއީ އަންނަ އަހަރުގެ އެޕްރީލް ފަހެކެވެ. މި ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި މި ފިލްމަށް ނަގާފައިވާ ބައެއް ކާސްޓުން ވަނީ ސްކްރިޕްޓް ރީޑިން ސެޝަންތަކެއް ވެސް ޖައްސައިފަ އެވެ.
ވަރަށް ގިނަ އާ އެކްޓަރުންތަކެއް ވެސް ފެނިގެން ދާނެ ކަމަށް ބެލެވޭ "ގޮށްރާޅު" ކާސްޓުންގެ ތެރޭގައި ޑާކް ރެއިންގެ ޑާލިން ޖުމައްޔިލް ނިމާލް (ޖުމަލް) ވެސް ހިމެނެ އެވެ. މީގެ އިތުރުން މޯލްޑިއަން އައިޑޮލް ސީޒަން ދޭކުން ފެނިގެން ދިޔަ ލަވަ ކިޔުންތެރިޔާ ހުސައިން އިރްފާން (ޒަކިއްޓެ) ވެސް "ގޮށްރާޅު" ގެ ކާސްޓުން ފެންނާނެ އެވެ.
ޑާކް ރެއިންގެ 11 ވަނަ އަހަރީ ދުވަހާ ދިމާކޮށް "ގޮށްރާޅު" ގެ ފަސްޓްލުކް ވެސް އިއްޔެ ވަނީ ދައްކާލައިފަ އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ޓީޒާ ޕޯސްޓަރާ އެކު ފިލްމާ ބެހޭ އިތުރު ކަންކަން ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ.
ދެން އޮތީ އެޕްރީލް 5، 2018 އަންނަން ދެން ކެތްކޮށްލުމެވެ. ޔަގީންވާ ކަމަކީ ޑާކް ރެއިނުން ހަމަ އާދައިގެ ފިލްމެއް ނުގެސް ދޭނެ ކަމެވެ. "ގޮށްރާޅު" އާ ގުޅިފައި ހުރި ނަންތަކުން އެކަން ކަށަވަރެވެ.