ޕާޓީތަކަށް ކަނޑައެޅި ފައިސާ އަށް ވީގޮތެއް ނޭނގޭ!

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅި ފައިސާ އަށް ވީ ގޮތާ މެދު ސުވާލު އުފެދިއްޖެ އެވެ.


މި އަހަރަށް ފާސްކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުން 0.1-0.2 ޕަސެންޓް (ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ) ވަނީ ސިޔާސީ ޕާޓީތަކަށް ކަނޑައަޅައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު މި އަހަރު ނިމެން ދެ މަހަށް ވެފައިވާއިރު ވެސް ޕާޓީތަކަށް ފައިސާ ދުލެއް ނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅައި، ފައިސާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ފައިސާ ނުދީ ހިފަހައްޓާ ސަބަބާ ގުޅޭ ގޮތުން ފިނޭންސުން ވާހަކައެއް ނުދެއްކި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، އެ ފައިސާ ދިނުން ލަސްވަނީ ޕާޓީތަކަށް ކަނޑައެޅި އަދަދަށް ފައިސާ ދެވެން ނެތިގެންނެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެއްވެސް ބަޔަކަށް ދައުލަތުން ފައިސާ ދޭން ޖެހޭނަމަ، ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ތަފުސީލެއް ނުދެއްވި އެވެ.

ޕާޓީތަކުން ބުނެފައިވާ ގޮތުގައި ފައިސާ ނުދީ ލަސްކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. މި މައްސަލާގައި އިދިކޮޅު ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފައިސާ ދޫނުކޮށްގެން ޕާޓީތަކުގެ އިދާރީ ބައެއް ކަންކަމަށް ވެސް ހުރަސްއެޅިފައިވާ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ. ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ އެ ޕާޓީއެއްގެ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް އީސީން ވަނީ މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދިންއިރު ޕީޕީއެމްގެ ކޯލިޝަން ޕާޓީ އެމްޑީއޭ އަށް ލިބެންޖެހޭ 2.8 މިލިއަން ރުފިޔާ އާއި ޖުމްހޫރީ ޕާޓީ އަށް ލިބެން ޖެހޭ 2.7 މިލިއަން ރުފިޔާ ވެސް ވަނީ ޖަމާކޮށްދީފަ އެވެ. މިދިޔަ އަހަރު ވެސް ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނީ ބައެއް ޕާޓީތަކުން ބޮޑެތި ފާޑު ކިޔުންތަކެއް އީސީ އަށް އަމާޒުކުރުމުންނެވެ.