ހަޔަ އެޗީވާސް ސްކޮލަޝިޕުން ކިޔެވޭނީ އޭޝިޔާގެ 11 ގައުމަކުން

ހަޔަ އެޗީވާސް ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ އޭޝިޔާގެ 11 ގައުމަކުން ކަމަށް ނިންމައި އެ ސްކޮލަޝިޕަށް ކުރިމަތިލާން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެ ހުޅުވާލައިފި އެވެ.


މިއަހަރު އަލަށް ތައާރަފުކުރި އެ ސްކޮލަޝިޕަށް ކުރިމަތިލެވޭނީ މެއި ޖޫންގައި ބޭއްވި ޖީސީއީ އޭލެވެލް އިމްތިހާނުގެ ތިން މާއްދާގެ އިތުރުން ދިވެއްސާއި އިސްލާމް މާއްދާ އިން ދަށްވެގެން އޭ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ. މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ވަނީ ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން މުއްދަތު ދީފަ އެވެ.

ޑީއެޗްއީ އިން ކުރި އިއުލާނުގައި ބުނީ ހަޔަ އެޗީވާސް ސްކޮލަޝިޕުން ކިޔެވޭނީ ރާއްޖެ ވެސް ހިމަނައިގެން ސާކުގެ އަށް ގައުމުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާއިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރު ކިޔަވަން ބޭނުންވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލްކުުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެއީ ޑީއެޗްއީގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއާ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެކަންޏެވެ.

ސާކުގެ ގައުމުތަކުގައި ހިމެނެނީ ރާއްޖޭގެ އިތުރުން އަފްގާނިސްތާނާއި ބޫޓާއި އިންޑިޔާ އާއި ނޭޕާލާއި ޕާކިސްތާން، ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ.

މިިދިޔަ މެއި މަހު އާއްމުކުރި ހައި އެޗީވާސް ސްކޮލަޝިޕް އުސޫލު ބުނާގޮތުން އެ ފުރުސަތުގެ ދަށުން ކިޔަވަން ދެވޭނީ ސާކުގެ ގައުމުތަކަށް އެކަންޏެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ވަނީ އެ އުސޫލު ބަދަލުކޮށް އެ ލިސްޓަށް އޭޝިޔާގެ ހަތަރު ގައުމު އިތުރު ކޮށްފަ އެވެ.

މި ސްކޮލަޝިޕްގެ ދަށުން ކިޔަވާއިރު އިތުރު ހަރަދެއް ހިނގާ ނަމަ، ޑީއެޗްއީގެ ސަޕްލިމެންޓްރީ ލޯނުގެ ތެރެއިން އެ ހަރަދުތައް ދައްކަން ނުވަތަ އަމިއްލަ ފައިސާއިން އެކަމާ ޒިންމާވާނެ ކަމުގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ވެސް ހުއްދަ ދެވިދާނެކަމަށް އެ އުސޫލުގައި ބުނެފައި ވެ އެވެ.

ހައި އެޗީވާސް ސްކޮލަޝިޕާއި ރައީސްގެ ސްކޮލަޝިޕަކީ ތަފާތު އެއްޗެކެވެ. ހައި އެޗީވާސް ސްކޮލަޝިޕް ލިބޭނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށެވެ. ނަމަވެސް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް މި އަހަރުން ފެށިގެން ލިބޭނީ، ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.