ގެއްލުނީ ޗައިނާގެ ޑައިވިން އިންސްޓްރަކްޓަރެއް، އޭނާ އަދިވެސް ނުފެނޭ

ސެންޓާރާ ގްރޭންޑް ރިސޯޓުން އިއްޔެ ސްނޯކެލިން އަށް ގޮސް އުޅެނިކޮށް ގެއްލުނީ، އެ ރިސޯޓުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށާއި އޭނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުސް އޮފީހުން ބުނީ އުމުރުން 25 އަހަރުގެ ޗައިނާ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުން ކަމަށެވެ. އެކަމަކު އިއްޔެ ހަވީރުން ފެށިގެން މިހާތަނަށް އޭނާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ

އެނގިފައިވާ ގޮތުގައި ގެއްލުނު މީހާއަކީ އާއްމުކޮށް ފްރީ ޑައިވް ކުރާ ނުވަތަ ފުޅި ނާޅާ ފީނާ މީހެކެވެ. އަދި އޭނާ ގެއްލުނީ ވެސް ފްރީ ޑައިވަކަށް އެކަނި ގޮސް އުޅެނިކޮށް ކަމަށް އެނގިފައި ވެ އެވެ.

ރާއްޖެއަށް އަންނަ ބައެއް ޓޫރިސްޓުން ގެނބިގެން މަރުވާއިރު އޭގެ ތެރޭގައި ޗައިނާ މީހުން ގިނަ އެވެ.