ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސާލައިގެން ނޫޅެން: ޒަމީރު

ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދީގެން އެއްވެސް ކުންފުންޏެއް ނުވަތަ ވަކި ވިޔަފާރިވެރިއަކާ ޖައްސާލައިގެން ނޫޅޭ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ފަހަތުން ވެސް ނުދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރަމުން އައި ނަމަވެސް، ސަރުކާރަށް އޮތް ގޮންޖެހުމަކީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ބައެއް ފަރާތްތަކުން ޓެކްސް ނުދެއްކުން ކަމަށެވެ. މިސާލެއްގެ ގޮތުގައި ޒަމީރު ނެންގެވީ ވިލާ އިން ދައުލަތަށް 2.9 ބިލިއަން ރުފިޔާ ދައްކަން އޮތުމެވެ. އެކަމަކު ވިލާ އިން އެކަން ދޮގުކުރެ އެވެ.

ޒަމީރު ވިދާޅުވީ ވިލާ އިން ޓެކްސް ނުދެއްކުމުން އެ ކުންފުނީގެ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅީ ދެން ތިބި ވިޔަފާރިވެރިންނާއި ރާއްޖޭގެ އިގްތިސާދުގެ ހައްގުގައި ކަމަށެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި މިނިސްޓަރު ޒަމީރު އަދި އެހެން އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފައިވާ ގޮތުގައި ވިލާގެ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިޔަން ޑޮލަރު ނުދައްކާ އެބަ އޮތެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވާ ދުވަހަކުން، ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ކަނޑައަޅައި ބަދަލުކޮށްލާ ނަމަ، ރާއްޖޭގެ ވިޔަފާރި އާއި ތަރައްގީ ހަލާކުވެގެންދާނެ އެވެ. އަދި އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އެއްޗެހި ކޮމްޕްރޮމައިޒްވާ ގޮތަށް އެއްވެސް ބަޔަކު ފުރުސަތު ދީގެން ނުވާނެ. އެ ތަންތަނުގެ މުވައްޒަފުން ވެސް އެ ފުރުސަތު ދެއްވައިގެން ނުވާނެ. އާހިރުގައި އެންމެ ގެއްލުންވާނީ އެ މުވައްޒަފުންނަށް،" ވިލާގައި މަސައްކަތް ކުރާ 5،000 މުވައްޒަފުންނަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މީގެ 13 އަހަރު ކުރިން ވިލާ އަށް ދޫކުރި ފަސް ރަށެއްގައި ރިސޯޓު ނުހެދުމުގެ ސަބަބުން ދައުލަތަށް 13 ބިލިއަން ރުފިޔާ ގެއްލުންވެފައި އެބަހުރި ކަަމަށެވެ. އެހެންވެ، ކުންފުނިތަކާ ދެކޮޅަށް ވިޔަސް، އިގްތިސާދުގެ ހައްގުގައި އަޅަން ޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ 10 ކުންފުނިން ނުކުމެ ޓެކްސް ނުދައްކައިފި ނަމަ، ދެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ. ދެނެއް ތަރައްގީއެއް ވެސް ނުކުރެވޭނެ. ރަށްރަށުގައި ހޮސްޕިޓަލެއް ވެސް ނުހިންގޭނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ތަރައްގީ ކުރަން) ނަގާފައި އޮތް ލޯނެއް ވެސް ނުދެއްކޭނެ. ރަށްރަށުގައި އަޅަން އުޅޭ އެއާޕޯޓުތަކެއް ވެސް ނޭޅޭނެ،" ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޒަމީރު ވިދާޅުވި އެވެ.

ގާސިމްގެ ރޯޔަލް އައިލެންޑަށް އެތެރެ ކޮށްފައިވާ، އޫރު މަހާއި ރާ، ސަން އައިލެންޑާއި ޕެރެޑައިސް އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންދާ ކަމަށް ބުނެ، ކަސްޓަމާއި ފުލުހުންނާއި މީރާގެ އޮފިޝަލުން ދާދި ފަހުން ވަނީ އެ ހަތަރު ރިސޯޓަށް އަރައި ބަލައި ފާސްކޮށްފަ އެވެ. އަދި އޭގެ ތެރެއިން ފަން އައިލޭންޑްގައި ހުރި އޫރުމަހާއި ރާތައް ކަސްޓަމަށް ނެގުމަށް ފަހު، ރޯޔަލް އައިލޭންޑަށް ދީފައިވާ އޫރުމަހާއި ރާ އެތެރެ ކުރުމުގެ ހުއްދަ ސަރުކާރުން ބާތިލުކުރި އެވެ. އަދި ފަހުން ޓޫރިސްޓުންގެ ހައްގުގައި ކަމަށް ބުނެ، އެ ތަކެތި އެތެރެކުރުމަށް ވިލާގެ ރިސޯޓްތަކަށް ދެ ހަފުތާގެ ހުއްދައެއް ވަނީ ދީފަ އެވެ.