ރާއްޖެ އަށް ސިފައިން ފޮނުވުމުގެ ފުރުސަތު ވެސް އެބައޮތް: ބީޖޭޕީ

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާ ސިފައިން ރާއްޖެ އަށް ފޮނުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އިންޑިޔާގެ ވެރިކަން ކުރާ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ޔަޝްވަންތު ސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.


އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ޔަޝްވަންތު ވިދާޅުވީ އެ ފުރުސަތު އޮތް ނަމަވެސް، ރާއްޖޭއާ މެދު އަމަލުކުރެވިދާނެ ގޮތްތަކުގެ ތެރެއިން ގޮތެއް ސަރުކާރުން އިޚްތިޔާރު ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާ އެކުގައި ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އިންޑިޔާ އިން ހަރަކާތްތެރިވާން ފަށާ އިރު ވަގުތު ފާއިތުވެދާނެތީ އެވެ.

ޔަޝްވަންތު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ. އަދި މަންޒަރު ބަލަން އިންޑިއާ މަޑުން އޮވެގެން ނުވާނެ ކަމަށާއި ފިޔަވަޅެއް އެޅުމުގެ ކުރިން އެހެން ގައުމުތަކުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިންޑިއާ އިން ފިޔަވަޅެއް އަޅައިފި ނަމަ، ދުނިޔެ އިން އެކަމަށް އިހްތިރާމް ކުރާނެ ކަމަށް ޔަޝްވަންތު ވިދާޅުވި އެވެ.

ބީޖޭޕީގެ ލީޑަރު އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަށް އިންޑިއާ ސިފައިން ރާއްޖެ އަށް ފޮނުވައިދިނުމަށް އިންޑިޔާ އަށް ގޮވާލައި ޓުވީޓް ކުރައްވައިފަ އެވެ.

ފުލުހުން މާލެ ތެރޭގައި ހަރަކާތްތެރިވަނީ. ---ފޮޓޯ: މިހާރު

އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ޔަޝްވަންތު ވިދާޅުވީ ސިޔާސީ ހަލަބޮލިކަން އިތުރުވެފައިވަނިކޮށް، ޗައިނާ އިން ރާއްޖެ އަށް އަތްގަދަ ކުރަމުން އަންނަ ކަމަށެވެ. އަދި އިންޑިއާ އަށް ނުރައްކަލެއް ނެތް ކަން އިންޑިޔާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަޝްވަންތު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅިފަ އެވެ. އިރާގާއި ސީރިއާގައި ހަނގުރާމަ ކުރަމުން ދިޔަ އައިއެސް ބަލިކަށިވެފައި އޮތް އިރު، އައިއެސްއާ އެކު ހަނގުރާމަ ކުރި ދިވެހިން ވެސް ރާއްޖެ އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އިންޑިއާ އަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެސްގެ ހަނގުރާމަވެރިން ސީރިޔާ އިން ރާއްޖެ އަންނަމުންދާ ކަމަށް ޔަޝްވަންތު ވިދާޅުވި އިރު، މިދިޔަ ހަފުތާގައި ކުރީގެ ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ އައިއެސްގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ ދިވެހިން، ސިފައިންނާއި ފުލުހުންގެ ތެރޭގައި ވެސް އުޅޭ ކަމަށެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.

ޔަޝްވަންތު ވަނީ ރާއްޖޭގައި މިހާރު އޮތް ހާލަތާ ގުޅުން ހުރި އެންމެ ރަނގަޅު ފިޔަވަޅެއް އެޅުމަށް އިންޑިއާ ސަރުކާރަށް ގޮވާލައްވައިފަ އެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން އިންޑިއާ އިން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަޝްވަންތު ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ 17 ނޫނީ 18 ރަށް ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެއީ ސީރިއަސް ކަންބޮޑުވުމެއް ކަމަށެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް މިހާތަނަށް ވެސް ރާއްޖޭގެ އެންމެ ރަށެއް ވެސް ޗައިނާ އަށް ދީފައެއް ނުވެ އެވެ. އަދި ދިވެހި ސަރުކާރުން ވެސް ވަނީ، ޗައިނާ އަށް ރަށްތަކެއް ދީފައިވާ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ދެއްކެވި ވާހަކަފުޅުތައް ދޮގުކުރެ އެވެ.