ފިންސަކާ ނުލައި އެންމެ އަޑިއަށް ފީނި މީހާ ރާއްޖޭގައި

ފިންސަކާ ނުލައި ކަނޑުގެ އެންމެ އަޑިއަށް ފީނި މީހާ، ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.


ދުނިޔޭގެ އެންމެ މޮޅު ފްރީ ޑައިވަރުގެ މަގާމު ހޯދާފައިވާ ވިލިއަމް ޓްރޫބްރިޖަކީ ފުޅި ނާޅައި، ކަނޑުގެ 100 މީޓަރަށް ވުރެ އަޑިއަށް ފީނި ދުނިޔޭގެ ފުރަތަމަ މީހާ އެވެ. އޭނާ ނޫން މީހަކު މިހާތަނަށް، އެގޮތަށް، އެހާ ފުނަށް ފީނިފައެއް ނުވެ އެވެ.

ޓްރޫބްރިޖް 102 މީޓަރު އަޑިއަށް ފީނައި ރެކޯޑް ހެދި ވީޑިއޯ

ނިއު ޒީލެންޑަށް އުފަން، 38 އަހަރުގެ ޓްރޫބްރިޖް ވަނީ ފިންސަކާ ނުލައި އަދި ފުޅި ނާޅައި، އެއް ނޭވައިން ކަނޑުގެ 102 މީޓަރު އަޑިއަށް ފީނައިފަ އެވެ. އޭނާ އެކަން ކުރީ ހަތަރު މިނިޓް 12 ސިކުންތުންނެވެ.

އާއްމުކޮށް ފްރީ ޑައިވަރުން ފީނަނީ 15-30 މީޓަރު ފުނަށެވެ. ރާއްޖޭގައި އެންމެ އަޑިއަށް ފީނި މީހާގެ ރެކޯޑު އޮތީ ފަހުދު ފާއިޒުގެ އަތުގަ އެވެ. އޭނާ ވަނީ ފުޅި ނާޅައި، 69 މީޓަރު އަޑިއަށް ފީނައިފަ އެވެ.

ޓްރޫބްރިޖް: އޭނާ އަކީ ފުޅިނާޅައި އެންމެ ފުނަށް ފީނި މީހާ

ކްލަބްމެޑް ކަނީގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ޓްރޫބްރިޖްގެ ރަހުމަތްތެރި ޑައިވަރުން ރާއްޖޭގައި ތިބި ނަމަވެސް، މި ދަތުރުގައި ފީނުމުގެ އެއްވެސް ހަރަކާތެއް ކުރަން ރާވާފައެއް އަދި ނެތެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގެ މީހަކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުމުން އެ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ.

"އެއީ ފްރީ ޑައިވަރުންގެ މެސީ. އެހާ ވެސް މޮޅު މީހެއް އެއީ،" ޓްރޫބްރިޖްގެ ދިވެހި ރަހުމަތްތެރިއަކު ބުންޏެވެ.