އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން އަދި ލައިފްސައިޓްލް މަޖައްލާ "ވޯގް" އިން ފުރަތަމަ ފަހަރަށް އެމީހުންގެ ކަވަރުގައި، ބުރުގާ އަޅާފައިވާ މޮޑެލް އެއް ފީޗާކޮށްފި އެވެ. މިއީ އެ މަޖައްލާގެ 102 އަހަރުވީ ތާރީހުގައި ބުރުގާ މޮޑެލް އެއް ކަވަ ޕޭޖަށް އެރުވި ފުރަތަމަ ފަހަރެވެ.

ވޯގްގެ ކަވަރުން ފުރުސަތު ދީފައިވާ ބުރުގާ މޮޑެލް އަކީ އުމުރުން 20 އަހަރުގެ ހަލީމާ އަދަން އެވެ. ފެޝަންގެ "ނިއު ފްރޮންޓިއާސް"ގެ ނަމުގައި ނެރުނު އެ އަދަދުގައި ނުވަ މޮޑެލްއަކަށް ވޯގުން ވަނީ ފުރުސަތު ދީފަ އެވެ. އަދަންއާ އެކު ދެން ފުރުސަތު ހޯދާފައިވާ މޮޑެލުންނަކީ އެޑަޓް އެކަޗް، ރާދިކާ ނައިރް، ޔޫން ޔަންގް ބޭ، ފަރޭޓާ، ފްރޭން ސަމާސް، ވިޓޯރިއާ ސެރެއްޓީ، ޕަލޯމާ އެލެއްސާ އަދި ސެލޭނާ ފޮރެސްޓް އެވެ.

ވޯގުން ބުރުގާ މޮޑެލްއަކަށް ކަވަ ޕޭޖުން ފުރުސަތު ދިންއިރު މިދިޔަ ޖެނުއަރީ މަހުގެ އަދަދުގައި ހޮލީވުޑްގެ ދެ އެކްޓްރެސް އިން ކަމަށްވާ ނިކޯލް ކިޑްމަން އަދި މާގޮޓް ރޮބީ ފީޗާކޮށް އަދިި އޭގައި ހިމަނާފައި ހުރި ބައެއް ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ވޯގް އިން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފިރިހެނަކަށް ޗީފް އެޑިޓަރުކަން ވެސް ހަވާލުކޮށްފަ އެވެ. އޭގެ ކުރިން އެ މަޖައްލާގެ އެޑިޓަރުކަން ކޮށްފައިވަނީ މުޅިން ވެސް އަންހެނުންނެވެ.