މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑް މަޝްހޫރު ދުވުންތެރިޔާ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑް ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ ހޯދައިފި އެވެ.
އެންމެ މޮޅު އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިން ހޮވަނީ ބެޑްމިންޓަން، ޓީޓީ، އެތުލެޓިކްސް އަދި ސްވިމިން އެއްކޮށްލައިގެންނެވެ. މިއީ ރާއްޖޭގައި އިންޑިވިޖުއަލް ކެޓަގަރީ ހަށް އެވޯޑް ދިން ފުރަތަމަ ފަހަރެވެ.
ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި ސާއިދުގެ ފަހަތުން އެންމެ މޮޅު ފިރިހެން ދެ ވަނަ އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ބެޑްމިންޓަގައި ވިދަމުން އަންނަ ހުސެއިން ޒަޔާން ޝަހީދު ޒަކީ އެވެ. ތިން ވަނަ އަކީ މެދު ރާސްތާ ދުވުމުގައި ފާހަގަކުރެވޭ ޒައިދު ޝަރީފެވެ.
މި ތިން ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ އެވޯޑްސްގެ މީޑިއާ ޕާޓްނަރު ކަމަށްވާ ވީމީޑިއާގެ ނިއުސް އެންޑް ކަރެންޓް އެފެއާޒުގެ ޑިރެކްޓަރު ޖެނެރަލް އަދި ކުރީގެ ނޫސްވެރިޔާ އިމާދު ލަތީފެވެ.
އެންމެ އުއްމީދީ ފިރިހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މުބާލް އައްޒާމް އިބްރާހިމެވެ. އޭނާ އެވޯޑް ހޯދީ ދުވުންތެރިޔާ މުނާޒް އަލީ އާއި ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަރުސަލާންއާ ވާދަކޮށްގެންނެވެ. މި ވަގުތު ތަމްރީން ހެދުމަށް މުބާލް ރާއްޖޭން ބޭރުގައި ހުރުމުން ބަދަލުގައި އެވޯޑާ ހަވާލުވީ އޭނާގެ ބައްޕަ އެވެ. އެވޯޑް ދެއްވީ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ އެވެ.
އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ މަގާމް ނަބާހާ ހާސިލްކުރިއިރު ދެ ވަނަ ކުޅުންތެރިޔަކީ ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ. ތިން ވަނަ އަށް ވަނީ ދެ ކުޅުންތެރިޔަކު ހޮވިފަ އެވެ. އެއީ ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ އަދި ފެތުންތެރިޔާ އައިޝަތު ސާޖިނާ އެވެ.
އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅިވަރު ކުޅުންތެރިޔާ އަށް ޓްރޮފީ ދެއްވީ އެވޯޑްސްގެ އެޑްޓަވައިޓިން ޕާޓްނަރު ތިންކް އެޑްވަޓައިޒިންގެ ސީއީއޯ އަދީލް އިސްމާއިލް އެވެ.
މިދިޔަ އަހަރުގެ އެންމެ އުއްމީދީ އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔަކަށް ހޮވުނީ ނަބީހާ އެވެ. މި މަގާމަށް ދެން ވާދަކުރީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމެވެ. ރޭގެ ހަފުލާގައި ނަބީހާ އަށް އެވޯޑް ދެއްވީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ޖޭންލީ އެވެ.
މިދިޔަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ފައިނަލަށް ގޮސް، އޭޝިއާގެ ހަތަރު ވަނަ ދުވުންތެރިޔާގެ ޝަރަފް ސާއިދު ހޯދާފައިވާތީ އެކަމުގެ އަގުވަޒަންކޮށް އޭނާ އަށް ރޭ ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. ފިލާ ދެއްވީ މިހާރު އެވޯޑްސްގެ ޖަޖް ކޮމިޓީގެ ޗެއާމަން ހުސެއިން މުހައްމަދެވެ.