ނަސްގެ ފޭސްބުކް ޕޭޖް ރާއްޖޭގައި ބްލޮކްކޮށްފި

ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް، ތަފާތު މީހުންނާއި ކަންކަމާ ގުޅޭ ގޮތުން އެއް މިނިޓްގެ ވީޑިއޯ ހަދައި ނުސައިރު ޔާސިން (ނަސް) ގެ ފޭސްބުކް ޕޭޖުގައި، ރާއްޖެއާ ބެހޭ ގޮތުން އާންމުކުރި ވީޑިއޯއަކަށް ފަހު، ރާއްޖެއިން ނުވަދެވޭ ގޮތް ހަދައިފި އެވެ.


"ނަސް ޑެއިލީ"ގެ ނަމުގައި ހިންގާ އެ ޕޭޖަށް ރާއްޖޭގެ އެއްވެސް ހިސާބަކުން މިހާރު ނުވަދެވެ އެވެ. އެކަމަކު، ބޭރު ގައުމުތަކުގައި ތިބޭ މީހުންނަށް ޕޭޖަށް ވަދެ ވީޑިއޯ ބަލަން ހުރަހެއް ނެތެވެ.

ރާއްޖޭގައި ނަސް ހެދި އެންމެ ފަހުގެ ވީޑިއޯ ނުބެލޭ ގޮތް ހެދީ ބުރުގާ އެޅި ޒުވާން އަންހެނަކު، ބުރުގާ ނަގަން ބޭނުންވެ އެކަމަކު އެކަން ނުކުރެވިގެން އުޅޭ ވާހަކައިގެ ވީޑިއޯ އާންމުކުރިތާ ދެ ގަޑިއިރު ނުވަނީހެވެ. އެ ވީޑިއޯ އަށް ގިނަ އަދަދެއްގެ ދިވެހިން ދިޔައީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެނގިފައިވާ ގޮތުގައި ވީޑިއޯގައި ވާހަކަ ދެއްކީ އުކުޅަހަށް އުފަން ޒުވާން އަންހެނެކެވެ.

އެ ޒުވާނާގެ ނަން ވީޑިއޯގައި ސިއްރުކޮށްފައިވާއިރު، މުހާތަބު ކުރަނީ "އެކްސް" ގެ ގޮތުގަ އެވެ. ބުރުގާ އަޅައި މޫނު ނިވާކޮށްގެން ހުރެ އޭނާ ބުނަނީ އެހެން މީހުންގެ ޕްރެޝަރާ ހެދި ބުރުގާ ނަގަން ނުކެރިފައި ހުރި ވާހަކަ އާއި އޭނާގެ ބޮޑު އިސްތަށިގަނޑު އެންމެންނަށް ދައްކާލަން ބޭނުންވާ ވާހަކަ އެވެ. އެ ވީޑިއޯގައި އޭނާގެ އިސްތަށިގަނޑު އެތައް ފަހަރެއްގެ މަތިން ދައްކާލާ މަންޒަރު ފެނެ އެވެ.

މީގެ އިތުރުން، ގޮނޑުދޮށުން ހިނގާފައި ދާ މަންޒަރާއި މޫނު ނިވާކޮށްގެން ހުރެ (ހަމައެކަނި ދެ ލޯ ފެންނަ ގޮތަށް) ވާހަކަ ދައްކާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

މި ވީޑިއޯ އަށް ފާޑުކީ ގިނަ ބަޔަކު ބުނީ ނަސްގެ ވީޑިއޯ އަށް އަރާ ހިތުން އެ އަންހެން މީހާ ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ދީފައި ވަނީ ވަރަށް ގޯސް މެސެޖެއް ކަމަށާއި އެހެން މީހުންނަށް އައިޑެންޓިޓީ ފޮރުވިޔަސް އެނގެންވާ ފަރާތަށް އެކަން ސިއްރު ނުވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ފަލަސްތީނަށް އުފަން، އުމުރުން 25 އަހަރުގެ ނަސް ވީޑިއޯ ހަދަން ފެށީ، އޭނާ އަދާކުރަމުން ދިޔަ ސޮފްޓްވެއާ އިންޖިނިއޭރު ކަމުގެ ވަޒީފާ ދޫކޮށްލައިފަ އެވެ. ވަރަށް އާދައިގެ ގޮތަކަށް، ހަމައެކަނި އާއިލާގެ މީހުން ބައިވެރިކޮށްގެން އޭނާ ކުރަން ފެށި އެ މަސައްކަތް ފުޅާވެ، މިހާރު އޭނާ އަންނަނީ އެކި ގައުމުތަކަށް ދަތުރުކޮށް، އެ ގައުމުތަކުގައި ހުންނަ ކަންކަމުގެ ވާހަކަތައް ގެނެސްދެމުންނެވެ. އެމެރިކާގެ ނިއު ޔޯކުގައި ދިރިއުޅެމުން އަންނަ ނަސް އަށް، އޭނާގެ ވީޑިއޯތަކުން ބޮޑު އާމްދަނީއެއް ލިބެ އެވެ.