ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ދައުވާގައި ހުރީ ބުހުތާނު ދޮގު، ޖިނާއީ އަމަލެއް ނުކުރަން: މައުމޫން

މައުމޫން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ވަޑައިގަތުމަށް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ޓެރަރިޒަމްގެ އަމަލެއް އެމަނިކުފާނު ހިންގަން އުޅުމުގެ ދައުވާގައި ބަޔާން ކޮށްފައި ވަނީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި ޖިނާއީ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައުމޫން ވިދާޅުވީ، އެމަނިކުފާނަކީ ޖިނާއީ އެއްވެސް އަމަލެއް ކުރުމުގައި އަދި ޖިނާއީ އަމަލެއް ހިންގުމުގައި ބައިވެރިވެފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެފަދަ ކުށެއް ކުރައްވާފައި ނުވާތީ މާތް ﷲ އަށް ޝުކުރު ދަންނަވާ ކަމަށް ވެސް ޝަރީއަތުގެ މަޖިލީހުގައި ކޮޅަށް ހުންނަވައި މައުމޫން ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ، މައުމޫން ވާހަކަފުޅު ދައްކަވަން ފެއްޓެވުމާ އެކު، އިށީނދެވަޑައިގެން އިންނަވައި ވާހަކަފުޅު ދެއްކެވިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ޖަވާބުގައި މައުމޫން، ގާޒީ ހައިލަމަށް ވިދާޅުވީ "އަޅުގަނޑު ހުންނަވާނީ ކޮޅަށް" ކަމަށެވެ.

މައުމޫން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ވަޑައިގަތުމަށް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މައުމޫންއާ ދެކޮޅަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ވަކި ގޮތަކަށް ނެރެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދެއްވުމުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި މައުމޫން ނުފޫޒު ފޯރުވި ކަމަށް ވެސް ދައުވާގައި ވެ އެވެ.

މީގެ އިތުރުން، އެ އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ބައެއް ފުލުހުންތަކެއް މަގުމައްޗަށް ނެރެ، ޑިއުޓީގައި ތިބި އެހެން ބައެއް ފުލުހުންނާ ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގައިލުމަށް މައުމޫން މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

ދައުލަތުން ދައުވާ އިއްވުމާ އެކު، މައުމޫން ވިދާޅުވީ އެމަނިކުފާނަށް ދައުވާ ކޮށްގެން އުޅެނީ ނުވެސް ކުރާ ކުށްތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އަދި ދައުލަތުން ކުރި ދައުވާގައި، ރާއްޖޭގެ ރައީސްކަން ކުރެއްވުމާއި ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނެވުމަކީ "ޓެރަރިޒަމްގެ ކުށެއްތޯ" މައުމޫން ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު ހުރީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ފޯރުވީ ކޮން ނުފޫޒެއްކަން އެއީ [ދައުވާ އިން] އޮޅުން ފިލާ ކަމެއް ނޫން. ގާޒީ އަށް އޮޅުން ފިލާ ކަމެއް ނޫން. ޕްރޮސެކިއުޓާ ޖެނެރަލް އަށް އޮޅުން ފިލާ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ދައުވާކޮށްގެން އުޅެނީ ހުސް ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އަދި ޓެރަރިޒަމްގެ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށެވެ.

"ދައުވާގައި ފެށުނީއްސުރެ ނިމެންދެން ހުރި ކަންކަމަށް އިންކާރު ކުރަން. ސަތޭކަ އިން ސަތޭކަ އަށް އިންކާރު ކުރަން،" ކުރީގެ ފޮރިން މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އައްބާސް އިބްރާހިމް އިންނެވި މަޖިލީހުގައި މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ ވާހަކަފުޅާ ގުޅިގެން އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ ވިދާޅުވީ، ދައުވާގެ ސީގާގައި މައުމޫނަކީ ރައީސްކަން ކުރެއްވި ބޭފުޅެއް ކަމަށް ބުނެފައި ވަނީ އެމަނިކުފާނުގެ ނުފޫޒު އެކި ދާއިރާތަކަށް އޮންނާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އަޑުއެހުމުގައި، މައުމޫން ވަނީ ދައުލަތުގެ ވަކީލް ފަޒުނާއާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފަ އެވެ. އެގޮތުން މައުމޫން، އިތުރު ބަޔަކާ ބައިވެރިވެގެން ހުކުމް ނެރުމަށް މަސައްކަތް ކުރި ކަމަށް ބުނާއިރު، އެއީ ކޮން ހުކުމްތަކެއް ކަމާއި ހުކުމް ނެރުއްވީ ކޮން ފަނޑިޔާރުން ކަން ސާފުކޮށްދޭން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އަދި، ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް މައުމޫން ކުރެއްވި ކަމަކީ ކޮބައި ކަމާއި ފެބްރުއަރީ 1 ގެ އަމުރު ނެރުމުގައި މައުމޫން ކުރެއްވި ކަމެއް އެނގެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، ގައުމުގެ ހަމަޖެހުން ނަގާލުމަށް މައުމޫން ކުރެއްވި ކަމެއް ވެސް ދައުވާ އިން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.

ފަޒުނާ ވިދާޅުވީ، ދައުވާގައި ބަޔާން ކޮށްފައިވާ ކަންކަން 2013 ވަނަ އަހަރުން ފެށިގެން މައުމޫން ކުރައްވާފައި ހުރި ކަން ހެކިންގެ ހެކި ބަހުން އެނގެން އޮންނާނެ ކަމަށެވެ. ދައުލަތުން ވަނީ މައުމޫނާ ދެކޮޅަށް 33 ހެއްކެއް ހުށަހަޅައިފަ އެވެ. އަދި އެއް ފަނޑިޔާރުންނަށް ވުރެ، ގިނަ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ނެރެން މަސައްކަތްޕުޅު ކުރައްވާފައިވާކަން ބަޔާންތަކުން އެނގެން އޮންނަ ކަމަށް ފަޒުނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ތަފްސީލްތައް ހިމަނާފައި ނުވީ ސިއްރު ހެކިންގެ ބަޔާނުގައި ވާހަކަތައް ހުރުމުންނެވެ.

ފަޒުނާ ވިދާޅުވި ގޮތުގައި، މެމްބަރުންނަށް މައުމޫން ރިޝްވަތު ދިން ކަން ބަޔާންތަކުން އެނގޭނެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރު ކުރުމަށް ބޭނުންވާ ވޯޓު ހަމަކުރުމުގެ މަސައްކަތްޕުޅު މައުމޫން ކުރެއްވި ކަން ބަޔާންތަކުން އެނގެން ހުރިއިރު، ކަޅު ފޮށިން ލިބުނު މައުލޫމާތުން، ފަނޑިޔާރުންނަށް މައުމޫން އިރުޝާދު ދެއްވި ކަން އެނގެން އޮންނަ ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ. އަދި މައުމޫންގެ "މޯޓިވް" އަކީ ގައުމުގެ ހަމަޖެހުން ނަގާލައި ސަރުކާރު ވައްޓާލުން ކަން ސިއްރު ހެކިންގެ ހެކިބަހުން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ފަނޑިޔާރުންނާ ގުޅޭ މައުލޫމާތުތަކާއި ހުކުމްތަކަކީ ކޮބައިކަން ހާމަކޮށްފިނަމަ، ސިއްރުވެރިކަން ގެއްލިގެންދާނެ ކަމަށް ފަޒުނާ ވިދާޅުވި އެވެ. އެކަމަކު، ސިއްރު ހެކިންގެ ހެކިބަހުން، އެއީ ކޮން ކޯޓުތަކެއް ކަމާއި ފަނޑިޔާރުންނަކީ ކޮބައިކަން އެނގޭނެ ކަމަށް ފަޒުނާ ވިދާޅުވި އެވެ.

އަޑުއެހުމުގައި، ދައުވާ އަށް މައުމޫން އިންކާރު ކުރެއްވުމާ ގުޅިގެން ދައުލަތުން ވަނީ ގިނަ ހެކިތަކެއް އެމަނިކުފާނާ ދެކޮޅަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހުކުމް ނެރުނީ މައުމޫންގެ އިރުޝާދަށް ކަން ސާބިތު ކުރުމަށް ސިއްރު ހެކިވެރިއަކާއި މެމްބަރުންނަށް ރިޝްވަތު ދިން ކަން ސާބިތު ކުރުމަށް ހެކިވެރިއަކާއި ފުލުހުންގެ އިންޓެލިޖަންސް ރިޕޯޓާއި ސީން އޮފް ކްރައިމް ރިޕޯޓާއި ފުލުހުންތަކެއްގެ ހެކި ބަހާއި ކުރީގެ ސީޕީ އަރީފް މެދުވެރިކޮށް ގައުމުގެ ހަމަޖެހުން ނަގާލަން އުޅުނު ކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެވެ.

ގާޒީ ހައިލަމް ވަނީ ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތާއި ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން އަންގަވައިފަ އެވެ. އަދި ޓެރަރިޒަމްގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވައިފަ އެވެ.

އަޑުއެހުމުގައި މައުމޫންގެ ވަކީލް، މައުމޫން ހަމީދު ވަނީ ބައެއް ލިޔުންތައް ނުލިބުމާއި ވަގުތީ އަމުރެއް ނުނެރޭހާ ހިނދު، ލިޔުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު، ގާޒީ ހައިލަމް ވަނީ ދައުލަތުން ހުށަހެޅި ބައެއް ލިޔުންތައް ސިއްރު ކުރަން ވަގުތީ އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ، މައުމޫންގެ ވަކީލުންނަށް ވަގުތީ އަމުރުގެ ކޮޕީއެއް ދެއްވައިފަ އެވެ. އަދި ވަގުތީ އަމުރެއް ނެރެ ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދިވަޑައިގަތް ގޮތުގެ ލިޔުން ހިއްސާ ކުރުމަށް މައުމޫންގެ ވަކީލުން އެދިވަޑައިގަތުމުން، ހައިލަމް ވިދާޅުވީ އެ ލިޔުން ސިއްރު އެއްޗެއްގެ ގޮތުގައި ދައުލަތުން ކަނޑައަޅާފައިވާތީ ލިޔުން ހާމަ ނުކުރައްވާނެ ކަމަށެވެ.

މައުމޫނަށް ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިއަދުގެ ޝަރީއަތުގައި ދިފާއީ ވަކީލުން ވަނީ މައުމޫންގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އާންމުންނާއި މީޑިއާ އަށް ހިއްސާކުރަން ބޭނުންނުވާ ބައެއް މައުލޫމާތުތަކެއް އެބަހުރި ކަމަށް ބުނެ، އަޑުއެހުން ސިއްރު ކުރަން އެދިފަ އެވެ. އަދި ގާޒީ ހައިލަމް ނިންމެވީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

އަޑުއެހުން ސިއްރު ކުރުމުގެ ކުރިން މައުމޫންގެ ވަކީލުން ވަނީ މައުމޫންގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ޑޮކްޓަރުން ދީފައިވާ އާ ލަފާތަކެއް ގާޒީގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ. އޭގެ ތެރޭގައި އާއިލާގެ ބޭފުޅަކު އަބަދުވެސް މައުމޫންގެ އަރިހުގައި ބެހެއްޓުމާއި ވަކި ބާވަތުގެ ތަކެތި މައުމޫނަށް ފަރިއްކުޅުއްވަން ދެއްވުން ހިމެނެ އެވެ. އެހެންވެ، މައުމޫންގެ ވަކީލުން އެދިވަޑައިގަންނަވަނީ އެ މަނިކުފާނު މިނިވަންކޮށް ދިނުމަށް ނުވަތަ އެންމެ ކުޑަ މިނުން ގޭބަންދަށް ބަދަލުކޮށް ދިނުމަށެވެ.

މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވަނީ އެ މަނިކުފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. އެ މަނިކުފާނު ބަންދުގައި ހުންނެވުމުން ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ބަންދަށް ލުޔެއް ދޭން އެ މަނިކުފާނުގެ އާއިލާ އާއި ވަކީލުން ގެންދަވަނީ އެދިވަޑައިގަންނަވަމުންނެވެ.

4 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 11%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1234

28 May 2018

މައުމޫނަށް އަދި އެންމެ 80 އަހަރު. ޖަލުން ސަލާމަތް ވެއްޖެނަމަ 90 އަހަރުން މަތިވިޔަސް ގައުމުގެ ވެރިކަން އަދި އެއް ފަހަރު ކުރައްވާ މަހާތީރު ހެއްދެވެހިން ހުރިހާ ކޮރަޕްޓްވެރިން ނަގާ ކުޑަގޮޅިއަށް ލާތަން އަދި ފެންނާނެ.

The name is already taken The name is available. Register?

އަނދިރި އަނދިރި

28 May 2018

އަދިވެސް ފޯނުދޯ ނުދެވިގެންމިއުޅެނީ......

The name is already taken The name is available. Register?

ޟިރިހާ

28 May 2018

ފަޒުނާހުރީ ރޯދައަށްތޯ މީހަކުބޮލުގަ ދޮގު އިލްޒާމްތަކެއް އަޅުވާ ނުހައްގުން ބޮޑެތި އަނިޔާތަކެއް މިރޯދަމަހު ދޭއިރު ކިހާވރެއްގެ އަޒާބެއްހުރިކަމެއްތޯ ވިސްނާލަބަލަ. ދުނިޔެމަތީ މަގާމެއްގެ ބޭނުމުގައި ހައްގުނޫން ދައުވާ ކުރަން ހެޔޮވެދާނެތޯ.

The name is already taken The name is available. Register?

ސުނީތާ

28 May 2018

އަދިވެސް ފޯނު ދޭކަށް ނުވޭތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454