ރިޔާސީ ކެންޑިޑޭޓުންގެ ޑިޕޮސިޓް 100،000ރ. އަށް ބޮޑުކޮށްފި

ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ ފީގެ އަދަދު 100،000ރ. އަށް ބޮޑު ކުރުމަށް، ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި މި އިސްލާހު ފާސްކުރީ، މިއަދު މެންދުރު ފަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 34 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިއެއް ނުވެ އެވެ.

މި އިސްލާހު ފާސްކުރީ ރައްޔިތުންގެ އެކަމެއްގެ މައްޗަށް އަމަލުކުރަން ލާޒިމުކުރާ ކަންކަމުގައި ގާނޫނުތައް ފާސްކުރާއިރު 43 މެމްބަރުން ހަމަ ނުވިޔަސް ވޯޓަށް އަހަން މަޖިލީހުން ފާސް ކުރުމަށް ފަހު އެވެ.

ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީގެ އަދަދަކީ 100،000ރ. އެވެ. މި އިސްލާހަށް އަމަލު ކުރަން ފަށާނީ މި ބިލް ތަސްދީގުކުރާ ތާރީހުން ފެށިގެންނެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ ޑިޕޮސިޓް ފައިސާގެ އަދަދަކީ 40،000ރ. އެވެ. އެހެންވެ، މިއީ 60،000ރ. ގެ ބޮޑުވުމެކެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެންނަން ނިންމައިފަ އެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކާ ބެހޭ ކަންކަން ހިންގުން ހަރުދަނާކޮށް، އެ އިންތިހާބުތަކަކީ މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި ގޮތެއްގެ މަތިން ބޭއްވޭ އިންތިހާބުތަކެއްކަން ޔަގީން ކުރުމަށް ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިނެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ވަނީ ރައީސް ޔާމީން ބަލި ކުރުމަށް އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެފަ އެވެ. އެގޮތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ބޭފުޅަކާއި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ކަނޑައެޅުމަށް، ގުޅިފައިވާ ޕާޓީތަކުން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސައިފަ އެވެ. ޖޭޕީން ބުނީ ރަނިންމޭޓަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.