މަސީހު އެދެނީ ޖަލްސާތަކުގައި ބައިވެރިވާން، މެމްބަރުން އެދެނީ މަސީހު ވަކިވާން!

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ދެ ދުވަހު އެންމެ ހައިރާން ކުރަނިވި ކަމަކަށް ދިމާވީ އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކަށް ސަރުކާރާއި ޕީޕީއެމުން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އަހަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ދެކޮޅު ހެއްދެވުމެވެ. މަސީހް ދެއްކެވި ހަމައެކަނި އުޒުރަކީ ގިނަ އަދަދެއްގެ މެމްބަރުން ޖަލްސާގައި ބައިވެރި ނުވުމެވެ.


މަސީހްގެ އެ ނިންމެވުން، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށްވީ ވަރަށް "ހެއްވާ" ކަމަކަށެވެ. މީގެ ކުރިން މަޖިލީހުގައި ނެގި ވޯޓުތަކުގައި ވަކި އަދަދަކަށް މެމްބަރުން ތިބުން ލާޒިމް ކުރާ ފަދަ ކަންތަކުގައި، އެ އަދަދަށް މެމްބަރުން ނެތް ކަން ޔަގީންވާ އިރު ވެސް އެކަމަށް ފަރުވާލެއް ނުބަހައްޓަވައި ވޯޓަށް އެހި އިރު، މިހާރު މެމްބަރުން ހަމަތޯ މަސީހް ބައްލަވާ ސަބަބާ މެދު މެމްބަރުން ސުވާލު އުފައްދަވަ އެވެ. އަދި މަޖިލީހަށް ހާޒިރުވުމަށް އެދި ވަކިވަކިން މެމްބަރުންނަށް މެސެޖް ފޮނުވަނީ ކޮން ބޭނުމަކުތޯ މެމްބަރުން ސުވާލު އުފައްދަވަ އެވެ.

މަސީހް ހަވާލައިދެއްވި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރައްވަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަން ދީގެން ކަމަށެވެ. އަދި އެއްވެސް މެމްބަރަކު، އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށާއި މެމްބަރުން އިންތިހާބުވީ ދާއިރާތައް ތަމްސީލް ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރިއާޔަތް ކުރަންވާނެ ކަމަށް އެ މާއްދާގައިވެ އެވެ.

މަސީހް ރިއާޔަތް ކުރެއްވި، މަޖިލީހުގެ ގަވައިދުގެ 158 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ހިނގަމުންދާއިރު، މަޖިލީހުގެ ކޮންމެ މެމްބަރަކު ވެސް އެކަށީގެންވާ އުޒުރެއް ދިމާނުވާ ހިނދު، މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާން ވާނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއްގައި ވޯޓަށް އަހާ ކޮންމެ މައްސަލައެއްގައި، އޭނާގެ ޒާތީ އަދި މާލީ މަސްލަހަތެއް ނެތްހާ ހިނދަކު، އެ މައްސަލައެއްގައި ވޯޓު ދޭން ވާނެ ކަމަށެވެ.

އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މަޖިލީހުގެ ސެކްރެޓޭރިއަޓުން ހުރިހާ މެމްބަރުންނަށް ފޮނުއްވަމުން ގެންދާ މެސެޖްގައި ވަނީ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅުން ހުރި ވަރަށް މުހިންމު ބިލުތަކަކަށް ވުމާއެކު، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާ ކަމަށެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، މިއީ މަޖިލީހުގެ ރައީސް ކަމަށް މަސީހް އިންތިހާބުވެވަޑައިގެންނެވި ފަހުން، ޖަލްސާތަކުގައި ބައިވެރިވުމަށް އެދިވަޑައިގެން "އިލްތިމާސް" ކުރެއްވި ފުރަތަމަ ފަހަރެވެ. އެހެންވެ، މިކަމުގައި ނުބައި ރޭވުމެއް އޮތް ކަމަށް އިދިކޮޅު މެމްބަރުން ގަބޫލު ކުރައްވަ އެވެ.

އަލީ ނިޒާރު ކުރެއްވި ޓުވީޓު.

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ މެމްބަރުން މަޖިލީހުގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައިގަތުމަކީ މަޖިލީހުގައި ހިމެނޭ އިދިކޮޅު 12 މެމްބަރުން މަޖިލީހަށް ނުވައްދާ މުޅި ދައުލަތުން ހިންގާ ޖަރީމާގައި ބައިވެރިވުން ކަމަށެވެ. އަލީ ނިޒާރު އިޝާރާތް ކުރެއްވި 12 މެމްބަރުން، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މަޖިލީހަށް ވަނުމަށް ސަލާމަތީ ބާރުތަކުން ވަނީ ހުރަސް އަޅައިފަ އެވެ.

(އެ 12 މެމްބަރުންގެ) "ގޮނޑި ގެއްލިއްޖެތަ؟ ކާކަށް ޖަވާބު ދެވޭނީ،؟" ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ޓެގް ކުރައްވައި އަލީ ނިޒާރު ވިދާޅުވި އެވެ.

އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1ގައި ނެރުނު އަމުރުގައި ބުނެފައި ވަނީ އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ އަމުރާއެކު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޝަރީއަތް ކުރުމަށް ފަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ފެބްރުއަރީ ފަސް ވަނަ ދުވަހު އެ ދެ ބޭފުޅުން ހައްޔަރު ކުރުމާ އެކު، ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ 12 މެމްބަރުންނާ ގުޅޭ ގޮތުން ނެރުނު އަމުރަށް އަމަލު ކުރަން މަޑު ޖައްސާލަން އަމުރު ކޮށްފަ އެވެ. އޭގެ ފަހުން، 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިިންމުން ބާތިލް ކުރަން ދައުލަތުން މައްސަލައެއް، ހުށަހަޅާފައިވާއިރު، އެ މައްސަލާގައި އަދި ގޮތެއް ނުނިންމަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

މަޖިލީހުގެ ސެކްރެޓޭރިއަޓުން ފޮނުވި މެސެޖާއެކު، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ 12 މެމްބަރުން މަޖިލީހަށް ވެންނެވުމަށް އިލްތިމާސް ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައި، މަސީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މެމްބަރު ނާޒިމް ރޭ ކުރެއްވި ޓުވީޓު.

"އެމީހަކަށް ބޭނުމެއް ޖެހުނީމަ އިލްތިމާސް ކުރަނީ. ކޮބާ 12 މެމްބަރުން؟ ވައްދަން އިލްތިމާސް ކުރަން. ކޮބާ އިތުބާރެއް ނެތި ސަވާރުވެ އިން މަސީހް؟ ބާލަން އިލްތިމާސް ކުރަން،" ނާޒިމް ވިދާޅުވި އެވެ.

ފައިސަލް ނަސީމް ރޭ ކުރެއްވި ޓުވީޓު.

ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހަށް ހުށަހެޅި އިސްލާހުތަކަކީ ވަކި ބަޔަކަށް އިންތިހާބުގެ އެކި ގޮތް ގޮތުން ފައިދާ ހޯދައިދިނުމަށާއި ދިވެހި ރައްޔިތުންނަށް އިންތިހާބުތަކުގައި ވާދަކުރަން އޮންނަ ފުރުސަތުތައް ހަނި ކުރަން ހިންގާ ކަމެއް ކަމަށެވެ. މަޖިލީހަށް ހުށަހަޅައިގެން އުޅެނީ އިސްލާހުތަކެއް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ނަސީމް ރޭ ކުރެއްވި ޓުވީޓު.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް މަޖިލީހުގެ 12 މެމްބަރެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ނުގެންނަނީސް، މިހާރު ބާއްވާ ޖަލްސާތައް ސައްހަ ނުވާނެ ކަމަށެވެ. އަދި ޣައިރު ގާނޫނީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޖަލްސާތަކުގައި ބައިވެރިވާން "ކިތަންމެ ވަރަކަށް" ވެސް ބޭނުންވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވައިދާ އެއްގޮތަށް، މަސީހް، ރިޔާސަތުން ފައިބާވަޑައިގެން، މަޖިލީހަށް ވަނަނުދީ ހިފަހައްޓާފައި ތިއްބެވި 12 މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ވެސް ރޮޒެއިނާ އެދިވަޑައިގެންނެވި އެވެ.

އެކަށީގެންވާ އަދަދަށް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނެތް ކަމަށް ވިދާޅުވެ، މަސީހް މިދިޔަ ދެ ދުވަހުގެ ޖަލްސާ ނިންމަވާލެއްވިޔަސް، ވޯޓަށް އަހަން އުޅުނު ތިން ބިލު ފާސް ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން (މަޖިލީހުގެ ޖަލްސާގެ ގާނޫނީ އަދަދު) ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން އެ ބިލުތަކާ މެދު ގޮތެއް ނިންމުމަށް އެއްވެސް ހުރަހެއް ނެތެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މީގެ ކުރިން މަޖިލީހުގައި ނެގި ވޯޓަކީ ކޯރަމަށް ބަލައިގެން ނެގި ވޯޓުތަކެއް ނޫން ކަމަށެވެ. އަދި މަޖިލީހުން މަސައްކަތް ކުރަން ޖެހޭނީ 12 މެމްބަރުން މަޖިލީހަށް ވަދެވޭ ގޮތް ހެދުމަށް ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އަވަސް ކޮށްދޭން މަޖިލީހުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް މި މަހު ފެށިފައިވާ އިރު، މިހާތަނަށް އެއްވެސް ޖަލްސާއެއްގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ފިޔަވައި އެހެން މެމްބަރަކު ބައިވެރިއެއް ނުވެ އެވެ. އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަނީ މަސީހަކީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިވެފައިވާ ބޭފުޅެއް ކަމަށް އިދިކޮޅު މެމްބަރުން ދެކޭތީ އެވެ. އެއީ އޭނާގެ އިތުބާރު ނެތް ކަމަށް، 45 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައިވާތީ އެވެ.

މި ހަފުތާގައި ބޭއްވި އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ބައިވެރި ނުވާ އިރު، ޖަލްސާތަކުގައި ބައިވެރިވާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ގިނަ މެމްބަރުންތަކެއް މިދިޔަ ދެ ދުވަހު ވެސް އުޅުއްވީ ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭންް ކޮށްދެއްވުމަށް އެ މަނިކުފާނުގެ އަރިހުގައި ށ. އަތޮޅުގަ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށައެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ކޮމިޓީން ދިރާސާކުރި ގޮތަށް ފާސް ކުރުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނަށް ނިހާން އިސްލާހު ހުށަހެޅުއްވީ، ބޭރު ގައުމަކުން ހިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ގައުމެއްގެ ހިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ ފީގެ އަދަދު އެއް ލައްކަ ރުފިޔާ އަށް ބޮޑު ކުރަން ވެސް، ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެ އެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ގިނައީ، ރިއާސީ އިންތިޚާބާ ބެހޭ ގޮތުން 2013 ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ. އޭގެ އިތުރު އިސްލާހުތަކެއް ވެސް ހިމެނެ އެވެ.