އެމްޑީޕީގެ މެނިފެސްޓޯ: އެއް ފަޅު ތެރޭގެ ރަށްތައް ފާލަމަކުން ގުޅާލަނީ

އެއް ފަޅެއްގެ ތެރޭގައި ހުރި ރަށްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްތައް ފާލަމަކުން ގުޅައިލުމަށް އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.


ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ބުނެފައިވަނީ ޖަޒީރާވަންތަކަން ގެއްލޭ ގޮތަށް ރަށްރަށުން މީހުން ބާލައިގެން އެހެން ރަށްތަކަށް ގެންގޮސް، އެއް ފަސްކޮށް ތޮއްޖެއްސުމުގެ ދެ އުޅި އެއްނުވާ ވިސްނުމުގެ ބަދަލުގައި އެ ޕާޓީގެ ސިޔާސަތަކީ ޖަޒީރާވަންތަ ސިފައާ ފުށު ނާރާ ގޮތަށް ރަށު ބަންދުން ފިލުވައި ލުއި ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލުން ކަމަށެވެ.

އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީގެ ތިން އަހަރުގެ ވެރިކަމުގައި ފެރީގެ ނިޒާމެއް ތައާރަފްކޮށް، ކާމިޔާބުކަމާ އެކު ހިންގަން ފެށީ ރަށްތައް ގުޅުވައިލުމުގެ ބޭނުމުގަ އެވެ. އަދި ފެރީގެ ނިޒާމެއް ގާއިމު ކުރީ އަމިއްލަ ރަށުގައި އާއިލާއާ އެކު ފިތި ބާރުނުވެ ދިރިއުޅެމުން، ފަސިންޖަރުންނާއި މުދަލާއި ހިދުމަތް އެއް ރަށުން އަނެއް ރަށަށް ފޯރުކޮށްދެވޭނެ ހަރުދަނާ އިންތިޒާމެއް ގާއިމު ކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.

މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަން:

- ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް ގާއިމު ކުރުން.

- މުދާ އުފުލުމަށް ސަޕްލައި ފެރީތައް ތައާރަފް ކުރުން.

- އެތެރޭގެ އުދުހުންތަކުގެ އަގު ވަރަށް ބޮޑަށް ކުޑަ ކުރުން.

- ގެސްޓްހައުސްގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުން.

- އައިލެންޑް ހޮޓަލާއި ބުޓީކް ހޮޓަލާއި ހޯމްސްޓޭ ތައާރަފް ކުރުން.

މެނިފެސްޓޯގައި ބުނެފައިވާ ގޮތުން ދަތުރުފަތުރުގެ ރައްކާތެރިކަން އަންހެނުންނަށް ކަށަވަރުވާން ޖެހެ އެވެ. އަންހެނުންގެ ސިއްހަތަށާއި އާއިލާ ބެލެހެއްޓުމަށާއި އަދި ދިރިއުޅުމުގެ މަސައްކަތް ދެމެހެއްޓުމަށް ރައްކާތެރި ދަތުރުފަތުރުގެ ނިޒާމަކީ އެންމެ އަސާސީ އެއް ބޭނުން ކަމަށެވެ.

އެހެންވެ، ފެރީގެ ނިޒާމު ބައްޓަން ކުރެވޭނީ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަކަމާ އެކު ވާސިލްވެވޭނެ ގޮތަށް އިސްކަން ދީގެން ކަމަށް މެނިފެސްޓޯގައިވެ އެވެ.

"ގުޅިލާމެހިފައިވާ އިގްތިސާދީ ނިޒާމެއް ގާއިމު ކުރުމަށް މިހާރަށް ވުރެ ބޮޑަށް އެއް ރަށް އަނެއް ރަށާއި މުޅި ރާއްޖެ ގުޅާލެވޭނެ އެވެ. އަދި މި ކަމަށްޓަކައި ހުރިހާ ރަށެއްގެ ލަފާފުރުމާއި އަރާ ފޭބުން މިހާރަށް ވުރެ ފަސޭހަ ކުރެވޭނެ އެވެ. ހުރިހާ ރަށެއްގައި ބަނދަރު ހަދާ ނިމި، މި ތަންތަނަކީ އިގްތިސާދީ ހަރަކާތްތައް ހިނގާ ބާޒާރު ބަނދަރުތައް ހެދޭނެ އެވެ،" އެމްޑީޕީގެ މެނިފެސްޓޯގައިވެ އެވެ.

އެމްޑީޕީން ބުނީ ގެސްޓްހައުސް ވިޔަފާރި އިތުރަށް ކުރިއެރުވުމަށާއި މުޅި ރާއްޖެ އަށް ފުޅާ ކުރުމަށް ގެސްޓުން އަތުން އެތެރޭގެ އުދުހުންތަކަށް މިހާރު ނަގަމުންދާ އިންތިހާ އަށް ބޮޑު އަގުތައް އެ މީހުންނަށް ނުވާ ވަރަށް ތިރި ކުރެވޭނެ ކަމަށެވެ. އަދި އެއާޕޯޓުތަކާއި އަތޮޅުތަކުގެ ފެރީ ނިޒާމާ ގުޅުވާލައި ރާއްޖެ އަށް ހުރަހެއް ނެތި ދަތުރުފަތުރު ކުރެވޭ ލުއި ފަސޭހަ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މެނިފެސްޓޯގައި ބުނި ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެ ތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޑިއުޓީ އާއި ޓެކްސް ލުއިކޮށް، އިގްތިސާދީ މަރުކަޒުތައް ގާއިމު ކުރެވޭނެ އެވެ.