ރިޝްވަތަކީ އާންމު އެއްޗަކަށް ހެދުން ގަބޫލެއް ނުކުރަން: ފައިސަލް

ރިޝްވަތަކީ އާންމު އެއްޗަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅާފައިވާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، އިސްލާމް ދީން ހަރާމް ކޮށްފައިވާ ކަމެއް ހުއްދަ ކުރަން އުޅެގެން ނުވާނެ އެވެ.

އދ. ފެންފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި، ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ވިދާޅުވީ ދިވެހިންގެ ފައިސާ އެއްވެސް މިންވަރަކަށް ނަހަމަ ގޮތުގައި ބޭނުން ކުރެވޭ ނަމަ، އެކަމާ ދެކޮޅަށް ކޮންމެ ރައްޔިތަކު ވެސް ނުކުމެ އަޑު އުފުލާނެ ކަމަށެވެ. އަދި، އެއް އަޑަކުން ދިވެހިން މިހާރު ވެސް ގޮވަނީ އެމްއެމްޕީއާރުސީގެ ފައިސާ އަށް ވެގެންދިޔަ ގޮތް ސާފުކޮށް ދިނުމަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އާއި އިދިކޮޅު ބައެއް ބޭފުޅުން، އދ. ފެންފުށީގެ ބައެއް ރައްޔިތުންނާއެކު ފޮޓޯއަކަށް ހުއްޓިގެން. -

"އެތައް މިލިއަން ޑޮލަރެއް ވީނުވީއެއް ނޭނގިގެން އެ ހޯދުމުގެ މަސައްކަތް ކުރަން ޖެހިފައި މި އޮތީ،" ރާއްޖޭގައި މި ފަހުން ހިނގި އެންމެ ބޮޑު ހިޔާނާތާ ގުޅޭގޮތުން ފައިސަލް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އދ. އަތޮޅަށް ވަޑައިގެން ހުންނެވި ފައިސަލް ވިދާޅުވި ގޮތުގައި މާލޭގައި އިމާރާތް ކުރަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާއިރު، ހަމަ އަގުގައި، ރަނގަޅަށް އެކަން ކުރާ ނަމަ، 50 މިލިއަން ޑޮލަރު ވެސް ނާރާނެ އެވެ.

އެކަމަކު، އެ އިމާރާތުގެ އަގު ތިނެއް ނޫނީ ހަތަރު ގުނަ އަށް މައްޗަށް އަރައިގެން ގޮސްފައިވާކަން ފައިސަލް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބޮޑެތި މަޝްރޫއުތައް ހެޔޮ އަގުގައި ހިންގި ނަމަ، ރަށްރަށުގައި ފުރިހަމަ ކުރަން ޖެހޭ ސިއްހީ ނިޒާމުގެ ކަންކަމާއި އެހެނިހެން ކަންކަން ފުރިހަމަ ކުރެވުނީހެވެ.

ފައިސަލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ބެލުން ކަމަށެވެ. އަދި ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށާއި ކޯލިޝަން ވެރިކަމެއްގައި ކަންކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރޭގައި އުޅޭ އެއްވެސް މީހަކަށް ގޯނާ ނުކުރާނެ ކަމަށާއި އެކަމަކު، ކުށް ކުރާ މީހުންނާއި ރިޝްވަތު ދިނީމަ، ރިޝްވަތު ދޭ މީހާ ފަހަތުން ދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.