ވެރިކަން ކުރުމުގެ ގާބިލް ކަމެއް އިބޫގެ ނެތް: އަޒްލީން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ގަލޮޅު ޖަގަހައިގައި ބޭއްވި ޖަލްސާއެއް ގައި އަޒްލީން ވިދާޅުވީ، މީގެ މަހެއްހާ ދުވަސް ކުރިން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ އަކީ ވެރިކަން ކުރުމުގެ ވައްޓަފާޅި އާއި ވެރިކަން ކުރުމުގެ ނިޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ.

މިދިޔަ މެއި މަހު އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އިބޫ ދެއްކެވި ވާހަކައިގައި އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށް ވައުދުވެވަޑައިގަތުމާ ގުޅިގެން، އަޒްލީން ވަނީ އެ ކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އިބޫ އެހެން ވިދާޅުވީ، އަޅުވެތިކަމުގައި ހުރި މިންވަރު ބޮޑު ކަމުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

"ބުއްދީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ އިހްތިޔާރު އޮތް ބޭފުޅެއް ނޫން އިބްރާހިމް މުހައްމަދު ސޯލިހަކީ. ދެން މިވަރު ވީމާ ރައްޔިތުން އެބަ ވިސްނަން ޖެހޭ،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި، އިބޫ ވެރިކަމަށް ގެނައުމަށް، އެމްޑީޕީން ވެސް މަސައްކަތެއް ނުކުރެ އެވެ. އިބޫ އަކީ 18 މަސް ދުވަހަށް ވެރިކަން ކުރައްވަން ވަޑައިގަންނަވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވަނީ، އިބޫ ވަޑައިގަންނަވަނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވަން ކަމަށެވެ. އަދި، އިބޫ ވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް މިހާތަނަކަށް ވިދާޅެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަޅީގައި ހުރިހާ އިލްމުވެރިން ތިއްބެވިއިރު، އިދިކޮޅު ކޯލިޝަންގައި އެއްވެސް "އުރަތްޕެއް" ނެތް ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަނުން ނުކުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ކުރެވޭ މަސައްކަތާއި، ރައްޔިތުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ވަރުން ވަރަށް ބޮޑަށް ކާމިޔާބުގެ ރަހަލާން ފަށައިފި،" އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފުރިހަމަ ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެ ކަން ފާހަގަ ކުރައްވައި އަޒްލީން ވިދާޅުވި އެވެ.

އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީން ކަން ދެއްވި އެއް ސަބަބެއްގެ ގޮތުގައި އަޒްލީން މިސާލު ނެންގެވީ މާލެއިންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރީގެ އިންތިޚާބުތައް ބޯމަތިވުމާ އެކު، މާލޭގެ މަގުތަކުން ފެންނާނީ ރީނދޫ ކުލައިގެ ފޮތިތަކެވެ. އެކަމަކު، މަންޒަރު ބަދަލުވެ، ޕީޕީއެމްގެ ފޮތިތައް މިހާރު މާލޭގެ މަގުތަކުގައި ދަމާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ފިޔަވައި، އެހެން ބޭފުޅަކަށް ވޯޓު ދިނުމަކީ އެޅޭ ވަރަށް ނުރައްކާތެރި ފިޔަވަޅެކެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ގަބޫލު ކުރާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"ސީދާ ފާޅުކަން ބޮޑު ގޮތެއްގައި އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރި ވާހަކަ ވެސް ރައީސް ނަޝީދު ވިދާޅެއް ނުވޭ. ރޫހީ ލީޑަރުގެ ތާއީދެއް ނެތް،" އަޒްލީން ވިދާޅުވި އެވެ.