އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު މިނިވަންކަމާ އެކު ބޭއްވުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރަން ވާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
އިބޫ އެގޮތަށް ވިދާޅުވީ، ރިޔާސީ އިންތިޚާބު އޮޅުވާލައިފި ނަމަ، ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެފައިވަނިކޮށެވެ. ސުބްރަމާނިއަންގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ވެރިކަން ކުރާ ޕީޕީއެމްގެ ކަންބޮޑުވުން ވެސް ގެންދަނީ ފާޅުކުރަމުންނެވެ.
މިއީ އެ މައްސަލާގައި އިބޫ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ރ. އިންނަމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބު އޮޅުވާލަން ސަރުކާރާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެކަމަކު ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހަދަން އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަމަށާއި އެކަމަށް ބޭރުގެ އެހީ ވެސް ބޭނުންވާ ކަމަށް އިބޫ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކުން މިކަމުގައި މަސައްކަތް ކުރަންވާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންނާއި ރާއްޖެއާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތު ގެއްލޭނެ ކުޑަ ވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ވެރިކަމެއްގައި ދޫނުކޮށްލާނެ ދެ ކަމަކީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް އިދިކޮޅު ވެރިކަމެއްގައި ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިނިވަންކަމާއި ދީނަށް އޮތް ގޮންޖެހުމަށް އެންމެ ފުރަތަމަ ކުރިމަތިލާނީ އަޅުގަނޑުމެން. އެއީ ޝައްކެއް ކުރާނެ ކަމެއް ނޫން،" އެމްޑީޕީ ކައުންސިލްގެ މެޖޯރިޓީ އޮންނަ އިންނަމާދޫގައި ހުންނަވައި އިބޫ ވިދާޅުވި އެވެ.
ރާއްޖެ ހިފަން ޖެހޭ ކަމަށް ސުބްރަމާނިއަމް ސުވާމީ ވިދާޅުވުމަކީ ޒިންމާދާރުކަމެއް ނެތް ވާހަކައެއް ކަމަށާއި އެކަމާ ފާޅުގައި ދެކޮޅު ހައްދަވާ ކަމަށް ކޯލިޝަންގެ ރަނިން މޭޓް، ފައިސަލް ނަސީމް ވަނީ ވިދާޅުވެފަ އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއް ކަމަށާއި އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
ސުބްރަމާނިއަމްގެ ވާހަކަ ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސްރީ ލަންކާގައި ބައްދަލުކުރެއްވި ފަހުންނެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ވާހަކައެއް އޭނާ ދެއްކެވީ ނަޝީދުގެ ސަބަބުން ކަމަށް ބަލައި، އެތައް ބަޔަކު ގެންދަނީ ކުރީގެ ރައީސަށް ފާޑުކިޔަމުންނެވެ.