އިސްލާހު ކުރަން އިބޫއަށް ފުރުސަތު ލިބުނު، ތަޖުރިބާ އޮތީ ކުރެވިފައި: ރައީސް ޔާމީން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން ފ. ނިލަންދޫގައި ބޭއްވި އެމަނިކުފާނުގެ ފުރަތަމަ ކެމްޕެއިން ޖަލްސާގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އިބޫ ތަޖުރިބާ ކޮށްފައި ނެތް ކަމަށް ބުނުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ. އެއީ މިދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހު މަޖިލިސް މެމްބަރެއްގެ ގޮތުން އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން މަޖިލީހުގައި އުޅުއްވި ބޭފުޅެއް ކަމަށާއި އޭނާގެ ތަޖުރިބާ ރައްޔިތުންނަށް އޮންނާނީ ކުރެވިފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދައުލަތުން ކުރާ ކަންކަން އެ އަށް ވުރެ މޮޅަށް ކުރުމުގެ ވައްޓަފާޅި ހުރެގެން އެ އަށް ފާޑު ވިދާޅުވެފައި، ސަރުކާރުން ކުރާ ކަންކަން އިސްލާހު ކުރުމަށް ނުވަތަ އެ އަށް ވުރެ މޮޅަށް ކުރާނެ ގޮތް ވިދާޅުވުމުގެ ހުރިހާ ފުރުސަތުތަކެއް ލިބިވަޑައިގެން 10 އަހަރަށް ވުރެ ގިނަ ދުވަހު އިބްރާހިމް މުހައްމަދު ސޯލިހް [ރައްޔިތުންގެ މަޖިލީހުގައި] ހޭދަ ކުރެއްވި،" އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ [އިބޫ] ވެރިކަމަށް ވަޑައިގެންނެވީމައޭ އޭނާ ކުރައްވާނެ ކަންކަން ތަޖުރިބާ ކުރަން އެނގޭނީ އެހެން އަޅުގަނޑުމެން ބުނާކަށް ނުޖެހޭ. އަޅުގަނޑުމެން [އިބޫ] ތަޖުރިބާ ކޮށްފީމު."

ރައީސް ވިދާޅުވީ ގައުމު ބިނާކުރުމަކީ ހަމައެކަނި އެމަނިކުފާނުގެެ ޒިންމާއެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ ވެސް އެކަމުގައި ވަރަށް ބޮޑު ކަމަށެވެ. ސަރުކާރުން ހުށަހަޅާ ބަޖެޓަށް ބަދަލު ގެނެސް، ފާސް ކުރުމަކީ މެމްބަރުންގެ ޒިންމާއެއް ކަމަށާއި އެކަމަކު ތަފާތު ޚިޔާލުތައް ނުލިބުމުގެ ސަބަބުން އަބަދުވެސް ބަޖެޓްތައް ފާސްވަނީ ސަރުކާރުން ހުށަހަޅާ ގޮތަކަށް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. ސަރުކާރުން ކުރާ ކަންކަމަށް ފާޑު ވިދާޅުވުމުގެ ހުރިހާ ފުރުސަތުތަކެއް އިބޫ އަށް ލިބިވަޑައިގަތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކިހާ ވަރަކަށްތޯ ބިނާކުރަނިވި ޚިޔާލު އައިސްގެން ދައުލަތުން ހުށަހަޅާ ކަންކަމުގައި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ކިހާ ވަރަކަށްތޯ އެކަންކަން ބައްޓަން ކުރެވިފައި ހުރީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ބަޖެޓް ވޯޓްތަކުގައި މި ބޭފުޅުން [އިދިކޮޅުން ވޯޓު] ދެއްވާފައި ހުރި ގޮތް ބައްލަވާ ލެއްވީމާ. އެހެންވީމަ ތަޖްރިބާ ނުކުރެވި ހުރި ކަމެއް އޮތް ކަމެއްހެން ހިއެއް ނުވޭ." ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ ވެރިކަން ވައްޓާލަން އެކި ފަރާތްތަކުން އެތައްް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އެކަންކަމުން ސަރުކާރު ސަލާމަތްވީ އެމަނިކުފާނުގެ މޮޅު ކަމަކުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހެޔޮ ދުއާގެ ސަބަބުން ހޯއްދެވުނު ކާމިޔާބީތަކެއް ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އިިޝާރާތް ކުރައްވައި، އެމަނިކުފާނާ ގުޅޭގޮތުން މައްސަލަތަކެއް ހުރި ނަމަ އެ މައްސަލަތައް އުފަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

"ރައީސް ޔާމީން ޖަލަށްލާން ބޭނުން ކަމަށް ވަންޏާ ރައީސް ޔާމީންގެ ހުރި މައްސަލަތައް މިހާރު ވެސް ކީއްވެގެންތޯ އެ ބޭފުޅުންނަށް ނުއުފެއްދިގެން އުޅެނީ؟. މިއަދު ވެސް އުފެއްދެން ވާނެ. ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި އަމުރު ނެރުނު ބައެއްގެ އެވަރުގެ ގާބިލްކަން ހުރި ހަކަތަ ހުންނާނެ،" އިދިކޮޅު ޕާޓީތަކަށް ނިސްބަތް ކުރައްވައި، ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެހެން އެއްވެސް ސަރުކާރަކުން ތަރައްގީގެ މަޝްރޫއުތައް ނުހިންގާ މިންވަރަށް މި ސަރުކާރުން މަޝްރޫއުތައް ހިންގައިފި އެވެ. އެމަނިކުފާނު ތަރައްގީ ގެނައި ގޮތަށް ކުރީގެ ސަރުކާރުތަކުން އެކަން ނުކުރީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.