އަޅުގަނޑު ނޫން މީހަކު އިޚުތިޔާރު ކުރާކަށް ނެތް: ރައީސް ޔާމީން

ރައްޔިތުން ބޭނުންވާ އުންމީދުތައް ފުރިހަމަކޮށް ދެވޭނީ އެމަނިކުފާނަށް ކަމަށާއި އެ ނޫން ބޭފުޅަކު އިޚުތިޔާރު ކުރަން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ލ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ލ. ގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދިވެހިން ދެކެން ބޭނުންވާ ހިސާބަށް ތަރައްގީ ދާނެ ކަމަށެވެ. ކުރިމަގު އާރާސްތު ކުރަން ބޭނުން ނަމަ، ހުވަފެންތައް ދުށުމަކީ ބޭނުން ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ނެންގެވީ މިސާލެކެވެ.

"ވަރަށް ވަރުގަދަ އަށް އިސް އުފުލައިގެން ނޫނީ ނުފެންނަހާ އުސް އިމާރާތްތައް ރާއްޖޭގެ ހުރިހާ ދިމާލެއްގައި ހެދިގެން ދާނެ،" ވަރަށް ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ކަނޑުމަގުން ދަތުރުފަތުރު ކުރާ ވާހަކަ ނުދައްކާނެ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދެން ވެސް ނެންގެވީ މިސާލެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ދައްކާނީ އެއާޕޯޓާއި ބްރިޖު އަޅާ ވާހަކަ އެވެ. އަދި މި ސަރުކާރުން ގެންނަ ތަރައްގީ އަކީ އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ހުޅުމާލެ އިން ދަތުރުކޮށްފައި އަންނަ ދޮށީ ރައްޔިތުން އެބަ ބުނޭ ތިމަންނަމެންނަށް ހާދަ ފަސޭހަވެއްޖެއޭ. ކަނޑުގަދަވީމާ ކަނޑުމައްޗަށް ނޭރެއޭ އެންމެން އެބަ ބުނޭ. އެއީ މައްސަލައެއް ނޫނޭ. އަޅުގަނޑު ކައިރީގައި ބޭބޭފުޅުން ވިދާޅުވި، ހުޅުމާލެ އަށް ދަތުރު ކުރާ ފެރީ ޓާމިނަލް އޮތީ ދުން އަޅާފައޭ. ފެރީގައި ދާނެ މީހަކު ނެތް. މިއީ ދެއްތޯ ތަރައްގީ އަކީ،" މާލެ-ހުޅުލެ ގުޅުވައިލުމަށް ހެދި ސިނަމާލެ ބްރިޖު އާންމު ދަތުރުފަތުރަށް އިއްޔެ ހުޅުވައިލުމާ އެކު، ހުޅުމާލޭގެ ފެރީ ޓާމިނަލް ފަޅުކޮށް އޮންނާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބްރިޖު ހަދާފައިވާއިރު، ކޮންކްރީޓް އެޅީމަ އިދިކޮޅު ފަރާތްތަކަށް ކަމަކު ނުދެ އެވެ. އެކަމަކު، އެއީ "ދަނޑިފަނުން" ވެސް ނޭޅުނު ތަނެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިގްތިސާދު ވަރުގަދަ ކުރުމާއި އިތުރު ފުރުސަތު ހޯދައި، ޓޫރިޒަމް ފުޅާ ކުރަން ބޭނުން ނަމަ، އުންމީދުގައި ތިބުމަށާއި އުންމީދު ފުރިހަމަކޮށް ދެއްވޭނީ އެމަނިކުފާނަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ، ރައީސް ޔާމީން ނޫން ކާކުތޯ ތިޔަބޭފުޅުން އިޚުތިޔާރު ކުރަންވީ؟ ނެތެއްނުންތޯ މީހެއް. ނެތް ކަމަށްވާ ނަމަ، އަޅުގަނޑަށް ފުދިއްޖެ. ތިޔަބޭފުޅުން ތި ކުރައްވަނީ އިޚްލާސްތެރި މަސައްކަތެއްގެ ގޮތުގައި ގަބޫލު ކުރަން. އަޅުގަނޑު މި ކުރަނީ އިހްލާސްތެރި މަސައްކަތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަކީ ރައްޔިތުން ކުރާނެ ގައުމީ މަސައްކަތެކެވެ. މިއީ އަމިއްލަ އެދުމެއް އޮވެގެން ވިދާޅުވާ ވާހަކައެއް ނޫން ކަމަށާއި ވޯޓު ދިނުމަކީ ރައްޔިތުންގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ތަރައްގީ އަކީ ކޮންކްރީޓް ކަމަށާއި ކޮންކްރީޓާ ނުލައި ތަރައްގީ ނުގެނެވޭނެ ކަމަށް ވިދާޅުވުމަށް ފަހު، ރައީސް ޔާމީން މިސާލު ނެންގެވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގަމުގެ ރައްޔިތުންނަށް 400 ގޯތި ދޭން ނިންމި ނިންމުމަށެވެ. ސަމާސާ ރާގެއްގައި ރައީސް ވިދާޅުވީ "ގޯތި ލިބުނީމާ، ދަނޑިފަނުން" އެޅުމަށެވެ. އަދި ގޯތި އެޅުމަށް އެއްވެސް ގޮތަކަށް "ކޮންކްރީޓް ބޭނުން ނުކުރުމަށް" އިދިކޮޅު ފަރާތްތަކަށް ހަޖޫ ޖައްސަވަމުން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.