މިއީ ކޮކްޓެއިލް ކޯލިޝަނެއް، އެއީ ރަނގަޅު ވާހަކައެއް: އިބޫ

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ހަދާފައިވާ އިއްތިހާދަކީ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅަށް، އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ރައްދު ދެއްވައިފި އެވެ.


ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުގައި، ލަންދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދަށް ނިސްބަތްކޮށް، ކޮކްޓެއިލް ކޯލިޝަނެއްގެ ވާހަކަ ބައެއް ބޭފުޅުން ދައްކަވާއިރު އެއީ ރަނގަޅު ވާހަކައެއް ކަމަށެވެ.

އިބޫ މިއަދު ލަންދު އަށް ވަޑައިގެން އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

"އޭގައި ހުންނާނެ ތަފާތު ރަހަ. ތަފާތު ކުލަ ހުންނާނެ. ކޮކްޓެއިލްއެއް އެއްކޮށްފައި ހުންނައިރު އެ ހުންނާނެ. އެ ބޯލީމަ، އަރުތެރެއަށް ދިޔައީމަ އޭގެ ތާޒާކަން ފެންނާނެ. ދެވަނަ ފަހަރަށް އެ ބޭނުންވާނެ. އެކަހަލަ ކޮކްޓެއިލެއް އަޅުގަނޑުމެންނަކީ،" ގިނަ ބަޔަކު ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި އިރު، އިދިކޮޅުން ހަދާފައިވާ އިއްތިހާދަކީ ކަންކަމަށް އެއްބަސް ނުވެވޭ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އިބޫ މިއަދު ވިދާޅުވި ގޮތުގައި ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރު އަދި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ހަފްސީ އަބްދުﷲ ވެސް ގުޅިވަޑައިގަތީ ކޮކްޓެއިލް ކޯލިޝަނާ އެވެ. ހަފްސީ ވެސް އިންނެވި ބައްދަލުވުމުގައި އިބޫ ވިދާޅުވީ، ޓީވީއެމްގައި ވަރަށް ބުރަކޮށް، މަސައްކަތް ކުރެއްވުމަށް ފަހު، މިނިވަން ނޫސްވެރިކަމެއް ނެތުމުން އެކަން ހޯދުމަށް ހަފްސީ ޓީވީއެމުން ނުކުމެވަޑައިގަތުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކުރިމަތިލީ އަމަން އަމާންކަން ގެއްލި އަނިޔާވެރިކަން ފެތުރިފައިވާތީ އާއި ރައްޔިތުން ދައްކަމުން އަންނަ ފައިސާއަށް ހިޔާނާތްތެރިވެ، ވައްކަން ކުރާތީ އެކަން ހުއްޓުވަން ކަމަށް އިބޫ ވިދާޅުވި އެވެ. އިދިކޮޅު ވެރިކަމެއްގައި ގެއްލިފައިވާ ފައިސާ ހޯދައި، އެކަމަށް ޒިންމާވާން ޖެހޭ މީހުން ޒިންމާ ކުރުވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އިންސާފު ގެއްލިފައިވާ މީހުންނަށް އިންސާފު ލިބިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު ލަންދު އަށް ވަޑައިގެން އެ ރަށުގައި ދިރިއުޅޭ އަންހެނަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

"ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި ކުރި ބޭކާރު ހަރަދުތައް އެއީ ބެލޭނެ އެއްޗެއް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީ ކުރަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމަކުން ކައުންސިލްތައް ބާރުވެރިކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދީގެންނެވެ. އަދި ތަރައްގީއަކީ އެއް ތަނަކަށް މީހުން ޖަމާކޮށް، ކޮންކްރިޓް ޖަންގައްޔެއްގެ ތެރެއަށްލުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ވެސް ނޫން. ހުރިހާ ރައްޔިތުންނަށް [އިދިކޮޅު ވެރިކަމެއްގައި] ފުރުސަތު ދޭނަން އެމީހަކު ބޭނުން ރަށެއްގައި ވަޒަންވެރިވުމުގެ ފުރުސަތު،" އިބޫ ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ކިޔައި އިބޫ ވިދާޅުވީ ވާދަވެރިން ކުރަނީ ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި ވަޒީފާ އިން ކަނޑާލުމުގެ ކެމްޕޭނެކެވެ. އަދި ބައެއް ރަށްތަކަށް ކުރެއްވި ދަތުރުގައި އޭގެ ބައެއް މިސާލުތައް ފެނިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ދިރިއުޅޭ ބައެއް ރަށްރަށުގައި ވަޒީފާގައި ތިބޭ މީހުން، ދުރު ރަށްރަށަށް ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެމީހުން ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށާއި އެއިން އެއްވެސް މީހެއްގެ ވޯޓު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.