އެއާޕޯޓާއެކީ އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހަދާނަން: ރައީސް ޔާމީން

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ލިބޭ ފައިދާއާއެކު، އަހަރަކު ދައުލަތަށް ލިބޭ އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިއުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށް، ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މިއަދަކީ "އެއްކަލަ ބާލިދީ އެއާޕޯޓު" ސަރައްދުގައި އޮތް އެންމެ ވަރުގަދަ އެއާޕޯޓަށް ވެގެން ގޮސްފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީންގެ ދެކަނބަލުން ވަޑައިގަންނަވާއިރު، ގައުމީ ޓީމުގެ ކުޅުންތެރިން ސަފަކަށް އެތުރިލައިގެން. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، "ލާރި ފޮއްޗެއް ނުލިބިގެން" އެއާޕޯޓު ވިއްކާލާކަށް ނުޖެހެ އެވެ. އެއް ބިލިއަން ޑޮލަރުގެ އެއާޕޯޓަކީ ދިވެހިންގެ ޝަރަފާއި އިސްތިގުލާލު ކަމަށާއި މިނިވަން ކަން އޮތީ މިއަދު އެއާޕޯޓު ދިވެހިންގެ އަތްމަތީގައި އޮތީމާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިއަށް ދިއުމާއި އިގްތިސާދީ ތަރައްގީއަކީ އެއާޕޯޓުގެ މައްޗަށް ބަރޯސާވާ ކަމެއް. އެއް ރުފިޔާ އިން އެއާޕޯޓު ހަދަން އުޅުނު ޒަމާން ފާއިތުވެ ހިނގައްޖެ،" ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެއާޕޯޓު ހަދަން ފަންޑެއް ހުޅުވިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

އިންޑިޔާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓު ހިންގި ފުރަތަމަ އަހަރު އެއާޕޯޓު ހިންގައިގެން ދައުލަތަށް ލިބުނީ އެންމެ 15 މިލިއަން ރުފިޔާ ކަމަށާއި އޭގެ ކުރިން އެއާޕޯޓް ހިންގި އެއާޕޯޓްސް ކޮމްޕެނީން އަހަރަކު 150-200 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު، އެއާޕޯޓު ޖީއެމްއާރު އަތުން އަތުލައި، އެ މީހުންނަށް ފައިސާ ދެއްކި ފަހުން، އެމްއޭސީއެލްގެ ފައިދާ އަހަރަކު އެއް ބިލިއަން ރުފިޔާ އަށް އިތުރު ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް އޭ 380 މަރުކާގެ މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް މިއަދު ޖައްސާފައި: މިއީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދު އެއާވޭސްގެ ބޯޓެއް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދި އެއާޕޯޓުތަކުން ނަފާ ލިބެން ފެށުމުން، ރާއްޖެ އަޅުވެތިކުރާކަށް ބަޔަކު ނާންނާނެ އެވެ. އަދި އަޅުވެތިކަމުގެ ނަތީޖާއަކަށް ވާނީ ބޭރު މީހުން ކައިރި އަށް ދިއުން ކަމަށާއި ބޭރުގެ ބައެއް ކައިރި އަށް ސަލާން ޖަހަން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވާނެ ފުދުންތެރި ބައެއްގެ ގޮތުގައި ތިބެން. ފުދުންތެރި ބައެއްގެ ގޮތުގައި ދުނިޔޭގެ ސަފުގައި ހިނގާނީ އެހެން ލީޑަރުންނާ އެކީގައި ކަރާ ކަރު ޖައްސައިގެން، ކޮނޑާ ކޮނޑު ޖައްސައިގެން ހުރިހާ އެންމެންނާ އެކީގައި ހިނގަންވީ. މިއީ ރާއްޖެ އަށް ލިބޭ ޝަރަފަކީ،" ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު، އޭ380 ޖައްސާފައި އޮތް ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.