ރައްޔިތުންގެ ނިންމުމަށް އަމަލުކުރާނެ ކަމަށް އުއްމީދު ކުރަން: އިނގިރޭސިވިލާތް

ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ދިވެހި ރައްޔިތުން ބޭނުންވާ ގޮތް އެނގިފައިވާ ކަމަށާއި އެގޮތަށް ސަރުކާރުން އަމަލުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު މާކް ފިލްޑް މިއަދު ވިދާޅުވެއްޖެ އެވެ.


މާކް ފިލްޑް ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުގައި މިއަދު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއާ ބައްދަލު ކުރައްވާފަ އެވެ. އަދި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާ ވެސް ބައްދަލު ކުރެއްވި އެވެ.

މި ދަތުރާ މެދު ދެކޭ ގޮތް ހާމަ ކުރެއްވުމަށް މަޖިލީހުގެ ބޭރުގައި ހުރެ ދެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 89 ޕަސެންޓް މީހުން ވޯޓުލައި ރައްޔިތުން އެދޭގޮތް ބުނެދީފައިވާ ކަމަށެވެ. އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްވިޓާ މެދުވެރި ކުރައްވައި މާކް ދެއްވި ކުރު މެސެޖް--

"ހަމައެކަނި އިނގިރޭސި ވިލާތެއް ނޫން. ބައިނަލްއަގުވާމީ މުޖުތަމައުންވެސް އުންމީދު ކުރަނީ ރައްޔިތުންގެ ނިންމުމަށް އަމަލު ކުރާނެ ކަމަށް،" މާކް ފިލްޑް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.

މިނިސްޓަ އޮފް ފޮރިން އެފެއާޒް ފޯ އޭޝިއާ އެންޑް ޕެސިފިކް މާކް ފީލްޑް، އެހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީނަށް ތާއީދު ކުރާ ބޭފުޅުން ގެންދަނީ އިންތިހާބު ސައްހަ ނޫން ކަމަށް ބުނަމުންނެވެ. އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި ބަލި ގަބޫލު ކުރެއްވިކަން އިއުލާން ކުރެއްވުމަށް ފަހުގައި ރައީސް ޔާމީންވެސް މިހާރު ގެންދަވަނީ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަވަމުންނެވެ.