ޖިއާންގެ ހަށިގަނޑާ އެކު އާއިލާ ރާއްޖޭން ފުރައިފި

ހަދަމުންދާ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މިއަދު ނިޔާވި ރަވްޝާން ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ އާއިލާ މިރޭ ރާއްޖޭން ބަންގްލަދޭޝް އަށް ފުރައިފި އެވެ.


"މިހާރު"އަށް މައުލޫމާތު ދެމުން އާއިލާގެ މެމްބަރަކު ބުނީ ބަންގްލަދޭޝްގެ ހަތް އަހަރުގެ ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ މަންމަ އާއި ބައްޕަ ރާއްޖޭން ފުރީ މިރޭ 9:00 އެހާކަށް ހާއިރު ކަމަށެވެ. އެ މީހުން މިވަގުތު ތިބީ ސްރީލަންކާގައި ޓްރާންސިޓްކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެ ޑޮކްޓަރުންނާއި، މަންމަ އާއި ބައްޕަ ދިޔައީ އެ ކުއްޖާގެ ހަށިގަނޑާ އެކީގައި. އެ މީހުން މިހާރު ތިބީ ލަންކާގައި،" އާއިލާއިން ވާހަަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އާއިލާ އަށް ލިބުނު ހިތާމައިގައި ރާއްޖޭން ކަންތައްތައް ކޮށްދިނީ ވަރަށް ރަނގަޅަށް ކަމަށެވެ.

"ރައީސް ސޯލިހް ވެސް މިއަދު ވެސް ގުޅުއްވައި ވާހަކަފުޅު ދެއްކެވި ޖިއާންގެ މަންމަ އާއި ބައްޕަޔާ."

ޖިއާންގެ މަންމަ އާއި ބައްޕައާ ބައްދަލު ކުރެއްވި ބައެއް އިސް ބޭފުޅުންގެ ނަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ހެލްތު މިނިސްޓަރާއި އެމްޑީޕީގެ އިސް ބޭފުޅުން ހިމެނެ އެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ރަވްޝަން ޖިއާން، މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.

އެ ކުއްޖާ މަރުވުމުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަ ކުއްޖެއްގެ ފުރާނަ ގެއްލުމަށް ވުރެ ބޮޑު ހިތާމައެއް ނޯންނާނެ ކަމަށެވެ.

"ޅަ ރަވްޝަން ޖިއާންގެ މައިންބަފައިންނަށާއި އާއިލާއަށް އަޅުގަނޑުގެ އިޚުލާސްތެރި ތައުޒިޔާ ދަންނަވަން. މި ހިތާމަވެރި ހާދިސާއިން އަޅުގަނޑުމެން އެންމެން ފިލާވަޅު ލިބިގަނެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން މަސައްކަތްކުރަން ޖެހޭ،" ޓްވީޓްގައި ރައީސް ވިދާޅުވެފައި ވެއެވެ.