ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.
07 ފެބުރުއަރީ 2019 - 10:27
ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދުމެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުގެ އިގްތިސާދީ މިންގަނޑުތަކަށް ބަލާއިރު ރާއްޖޭގެ އިގްތިސާދީ ދުވެލި މި އަހަރު ގާތްގަނޑަކަށް 7.6 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އެވްރެޖް އިންފްލޭޝަން ރޭޓު، 1.3 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ވެސް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
އިގްތިސާދީ އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާ އަށް އިތުރުކުރުން. --ރައީސް
"މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 757.8 މިލިއަން އެމެރިކާ ޑޮލަރު. މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ،" މަޖިލީހުގައި ފަސް ދައުރު ފުރިހަމަ ކުރައްވައި، ވެރިކަމަށް ވަޑައިގެން ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން ޑޮލަރެވެ. އެއީ، ގާތްގަނޑަކަށް ތިން މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނު އިރު ބަޖެޓް އޮތީ 3.8 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވެފައި. ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 43.8 ބިލިއަން ރުފިޔާ. މިއީ ޖީޑީޕީގެ ނިސްބަތުން 53.1 އިންސައްތަ. --ރައީސް
"މިއަދުގެ މިހާތަނަށް ރިޒާވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރު ކުރެވިފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 21.7 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 25.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ އަހަރު ނިމުނު އިރު ބަޖެޓް އޮތީ 3.8 ބިލިއަން ރުފިޔާ އިން ޑެފެސިޓް ވެފައި. ހަމައެހެންމެ 2018 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 43.8 ބިލިއަން ރުފިޔާ. މިއީ ޖީޑީޕީގެ ނިސްބަތުން 53.1 އިންސައްތަ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދަށް ލިބެމުން އަންނަ ކުރިއެރުމާ އެކު މި އަހަރުގެ ތެރޭގައި ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރާ އަޅާބަލާއިރު، 7.8 ޕަސެންޓް އިތުރު މިންވަރެކެވެ.
ރައީސް ވިދާޅުވީ އޭގެ ބޮޑު ޕަސެންޓޭޖަކީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ކަމަށެވެ.
"އަޅުގަނޑުގެ އިގްތިސާދީ އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާ އަށް އިތުރުކުރުން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިއްލޫ
09 February 2019
އިންޑިޔާގެ އަޅުވެތިކަމަށް ގޮސްގެންތޯ؟؟؟
ކިނބޫ
08 February 2019
ކިހިނެއް! ކަންކަން ހަވާލު ކޮށްގެން ތިއުޅޭ މީހުން ކޮންމެ ދުވާލަކު ތިން ހަތަރު ތަން އެބަ ދަވާލާ. އިހަށް ދުވަހުވެސް އެއް ރަށަކުން ތިން ތަނެއް ކަހާލި ވާހަކަ ޚަބަރު ތަކުން އެހެރަ ގޮވަނީ. ކޯޗެކޭތަ ތިކިޔަނީ؟
މިސާލުކީ
07 February 2019
ކިޔޭނުކިޔޭއެއް އެބަ އިނގޭތަ؟؟؟ ހަމަ ޔަގީން 1 ބިލިއަނަށް އަރުވާކަ. ކަމަށް ގާބިލުމީހުން ނުލާ އެކްޓިވިސްޓުންލައިގެން ކުރެވޭނެ ކަމެއް ނޫން. މިހާރުވެސް އެބުނާ ނޫ އިގްތިސާދެއްގެ އެއްވެސް އެއްޗެއް ނެތް. ރެއާއި ދުވާލު ކޮމިޝަނާއި ކޮމިޓީ ހެދުމުގައި. މީގެން ތަނަކުން ކަމެއް ނިންމެނީއެއްވެސް ނޫން. އަބަދު ބޭކަރު އަނގަ ތަޅަން ތިބެނީ. ދެންތިބެނީ ޓީވީ އަށް ނޫނީ ކޮންމެސް ޕޯޑިއަމް އަކަށް އަރާ ކުރީގެ ސަރުކާރާއި އިދިކޮޅު އަދި ކޯލިޝަނަށް އެއްޗެހި ގޮވަން.
ހާސަރޭ
07 February 2019
"މިއަދުގެ މިހާތަނަށް ރިޒާވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރު ކުރެވިފައި." މަނިކުފާނު ވިދާޅުވެދެއްވަފާނަންތޯ މިހާތަނައް ކުރަންފެށުނު ނުވަތަ ކުރެވުނު މަސައްކަތެއް، ހަމައެކަނި މަތިބަރުކޮއްލުންފިޔަވާ. އެހެންވީމަ ރައިއްޔަތުންނައްޓަކާ ހަމައެކަނި ހުސްވައުދުތަކެއްވެ ހަރަދެއްނުކޮއް ލިޔެކިޔުމުންނާ ކެމްޕޭންކޮއްދޭ ފަރާތްތަކުގެ އަގައިން ފުއްދާލީމަ ތިވަރު ރިޒާވްގަހުންނަންމަދު ދެއްތޯ؟.
ބޯ ހަލާކު
07 February 2019
15،420،000،000 ރުފިޔާ ގެ ލޯނު އިންޑިޔާއިން. ޔޫއޭއިން 717،000،000 ރުފިޔާގެ ލޯނު! ސަރުކާރަށް 3 މަސްނުވޭ! ވީމާ ތިޔަ ދައްކަވާ ވާހަކަފުޅުވަނީ، ބިންދާނުލާ ހިކި ދަނޑިބުރިއެއްގެ ދެކޮޅު ޖެއްސުންކަހަލަ ކަމަކަށް!
ރާއްޖެ
07 February 2019
ޖީއެމްއާރަށް 300 ބިލިޔަން ދައްކަން ނުޖެހުނު ނަމަ، ރިޒާވް ހުރީހީ 1 ބިލިޔަންގަ. ޝުކުރިއްޔާ ޔާމީން.
ޢަހަންމާ.
07 February 2019
1ބިލިޔަން ރިޒާވަށް ލެވިދާނެ ތަރައްޤީގެ ކަމެއް ނުކޮށް. ޢެގޮތައް އެކަން ކުރުމަކީ ރައްޔިތުންނަށް ފާފާއެއް ވާނެކަމެއް ނޫން.
ސަރީ
07 February 2019
އެކަން ކުރާނޭ ގޮތް ކިޔާ ނުދެވެންޔާ ތިޔައީ ބޭކާރު ވާހަކަ އެއް. ރިޒާވް 1 ބިލިއަން ދަރަނި 3 ބިލިއަން ވީމާ ސަހިއެއް ނުވާނެ ދޯ
ރެޓޭ
07 February 2019
ރައީސް ސާލިހުގެ ރިޔާސީ ބަޔާނުން ދޭހަވަނީ ރައީސް ޔާމީން ވަނީ އިޤްތިޞާދީ ބޮޑުފަށަލެއްގެ ބިންގާ އަޅުއްވާފަކަން! 2019 ވަނަ އަހަރު އިތުރު 19 ރިސޯޓް ހުޅުވެންޏާ އެ 19 ރިސޯޓު ގުޅޭނީ ރައީސް ޔާމީންގެ އިޤްތިޞާދީ ތަރައްގީގެ ބޯފަށަލައާކަން ޔަޤީން!
ޗަކޮއި
07 February 2019
ޝުކުރިއްޔާ ޔާމީން. އެއާޕޯޓްފަދަ މެގަޕޮރޮޖެކްޓެއް ރައްޔިތުންނަށް ހަދިޔާކޮށްދިނީތީ.