ޑާކާ (ފެބްރުއަރީ 24) - ވެރިރަށް ޑާކާ އިން ދުބާއީ އަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމާންގެ މަތިންދާ ބޯޓެއް ހައިޖެކް ކުރި ނަމަވެސް އެ ބޯޓު ކުއްލި ހާލަތުގައި ޗިޓަގޮން ސިޓީ އަށް މިރޭ ޖެއްސުމުން ހުރިހާ ޕަސިންޖަރުންނާއި ކްރޫން ސަލާމަތްކޮށްފި އެވެ.
ބޯޓުން 142 ޕަސިންޖަރުން ދަތުރުކުރި އެވެ. ޝާހު އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސި އިރު ސަލާމަތީ ފަރާތްތަކުން ވަނީ އެއާޕޯޓް ގާޑްކޮށްފަ އެވެ. ފުލުހުން ބުނީ ފްލައިޓް ބީޖީ147 ގެ ހުރިހާ ޕަސިންޖަރުން ސަލާމަތްކުރި އިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
ސަލާމަތީ ފަރާތްތަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނީ ގަދަބާރުން ކޮކްޕިޓަށް ވަންނަން އުޅުނު މީހާގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށެވެ. އޭނާ ވަނީ ޝާހު އަމާނަތު އެއާޕޯޓަށް ބޯޓު ޖައްސަން ޕައިލެޓުންނަށް އަންގައިފަ އެވެ. އުމުރުން 25 އަހަރުގެ އެ މީހާ ބޯޓު ހައިޖެކް ކުރަން އުޅުނީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެ އެވެ.
ބޯޓު ޖެއްސި ވަގުތު ބަންގްލަދޭޝްގެ ކޮމާންޑޯ އިންނާއި ބޯޓު ހައިޖެކް ކުރި މީހާއާ ދެމެދު ހަމަލާތަކެއް ބަދަލު ކުރި އެވެ. އެ ހަމަލާތަކުގައި، ބޯޓު ހައިޖެކް ކުރި މީހާ މަރާލާފައިވާ ކަމަށް ސިފައިންގެ ޖެނެރަލަކު ވަނީ ވިދާޅުވެފަ އެވެ.