ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާން ޖެހޭ: މެމްބަރުން

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި އެއްޗަކުން ކުރަހައިފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި އެއްޗަކުން ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދެވެ.

ޝާހިދު ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރަހައިފި ނަމަ، ވޯޓު ބާތިލްވާ ގޮތަށް ކަނޑައެޅުން މާ ލަސްވެއްޖެ ކަމަށެވެ. މިއީ، މިހާރުން މިހާރަށް ފާސް ކުރަން ޖެހޭ އިސްލާހެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޝާހިދުގެ އިސްލާހަކީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ. މިއީ ވޯޓެއްގެ ސިއްރުކަން ދެމެހެއްޓުމަށް ކުރަން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގާނޫނު ހަދާ މަޖިލިހުން ގެންނަ ވަރަށް ފަހި އިސްލާހެއް،" ނިހާން ވިދާޅުވި އެވެ.

އެހެންވެ، އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހަށް ބަލައިގަނެ، ވަގުތީ ކޮމިޓީއަކަށް ފޮނުވައިގެން ވީހާވެސް އަވަހަކަށް އިސްލާހު ފާސްކޮށް ދިނުމަށް ނިހާން އެދިވަޑައިގެންނެވި އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ވޯޓަކީ ސިއްރަކަށް ވާއިރު، ވޯޓުގެ ސިއްރުކަން ދެމެހެއްޓުމަށް ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އިންތިޚާބެއް ބޯމަތިވެފައި އޮއްވައި އިންތިޚާބާ ގުޅޭ ގާނޫނަށް އިސްލާހު ގެނެސް، އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ހައްގުތަކަށް ހުރަސް އެޅޭ ގޮތަށް އިސްލާހުތައް ގެނެސްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާންމު އުސޫލުން ބަލާއިރު، ދުނިޔޭގެ ގައުމުތަކުގައި އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ދުރާލާ ކުރިން ނިންމާ. މި އިސްލާހަކީ މީގެ ކުރިން މަޖިލިހަށް ހުށަހެޅި ވަރަށް ގިނަ ގޮތް ގޮތަށް ވާހަކަ ދެކެވި، އިސްލާހާ ދޭތެރޭގައި ހިތްހަމަޖެހޭ ކަމަށާއި އެގޮތަށް އެކަން އޮންނަން ޖެހޭ ކަމަށް ގިނަ ދުވަސްތަކެއް ވަންދެން ވާހަކަ ދެކެވިފައި އޮތް އިސްލާހެއް،" އަލީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާ ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރެހުމެއް ނުވަތަ ލިޔުމެއް ހުރެއްޖެ ނަމަ، އެ ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް އެކި ފަހަރު މަތިން މަޖިލިހަށް ހުށަހެޅި ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި އެގޮތަށް ފާހެއް ނުކުރެ އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ކިތަންމެ ވަގުތު ކުޑަތަންވި ކަމުގައިވިޔަސް، ވޯޓުގެ ސިއްރު ކަން ކަށަވަރު ކުރުމަށް އިސްލާހުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް ޕީޕީއެމުން ކުރިން މަޖިލިހަށް ހުށަހެޅީމަ، އެގޮތަށް ފާސް ނުކުރީ ވެސް ހަމަ ޕީޕީއެމްގެ މެމްބަރުންނެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ވޯޓު ކަރުދާހުގައި ކުރަހައިގެން ނުވާނެ ވާހަކައަކީ އެމްޑީޕީން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. އަދި އެމްޑީޕީން ވޯޓު ކަރުދާހުގައި ކުރަހަން ސަރުކާރުގެ މުވައްޒަފުންނަށް ނާންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަންނަ ކަމެއް ނޫން ވޯޓު ކަރުދާހުގައި ކުރެހުމާއި ވަގު އައިޑީ ކާޑު ހެދުމާއި މި ޒާތުގެ ކަންތައްތަކަކީ. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން ނުކުންނާނީ އިންތިޚާބު ކާމިޔާބު ކުރަން. ކެމްޕެއިންކޮށްގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީގެން އެކަން ކުރާނީ. އަޅުގަނޑުމެން ޑަރުހިޔެއް ނުވާނަން އިސްލާހުތައް ހުށަހެޅިޔަސް. އަޅުގަނޑުމެން ވޯޓު ދޭނަން،" ޣަފޫރު ވިދާޅުވި އެވެ.

"ނަމަވެސް އިއްޔެ ވޯޓު ކަރުދާހުގައި ކުރެހުން ވެސް އޯކޭ. އެ ހުރިހާ ކަމެއް އޯކޭ. ވަގު އައިޑީ ކާޑު ވެސް އޯކޭ. އަނގޮޓި ވެސް އޯކޭ. އެކަމަކު މިއަދު އެ އޯކޭއެއް ނުވި،" ޣަފޫރު ވިދާޅުވި އެވެ.