ޒާތީ މައުލޫމާތުތައް ވިއްކާ މައްސަލަ ސީރިއަސްކޮށް ބަލަން ޖެހޭ: މިނިސްޓްރީ

އާންމުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ އެޕެއް ބަޔަކު ވިއްކާ މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފި އެވެ.


އެ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އާންމުންގެ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. އަދި މައުލޫމާތުތައް އާންމު ނުވާނެ ގޮތަކަށް ސަރުކާރުގެ އިދާރާތަކުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރެވެން ހުރީ ކޮން ކަމެއްތޯ ބަލައި މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ދައުލަތުގައި ހުރި މައުލޫމާތުތަކެއް ނަހަމަ ގޮތުގައި ބޭނުން ކުރަނީ. މި މައުލޫމާތުތަކުން ނާޖައިޒު ފައިދާއެއް ހޯދަން ބޭނުން ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "މިސާލަކަށް އައިޖީއެމްއެޗްގައި މަސައްކަތް ކުރާއިރު، ޑީއެންއާރުގެ މައުލޫމާތު ބައެއް މީހުންނަށް ލިބިފައި ހުރެދާނެ. އެކަމަކު، އެ މައުލޫމާތެއް އެ މީހަކަށް އެ ލިބެނީ ނަހަމަ ގޮތުގައި ބޭނުން ކުރާކަށް ނޫން."

ރައްޔިތުންގެ މައުލޫމާތުތައް ރައްކާތެރިކަމާ އެކު ހިމާޔަތް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އާންމު އިންތިޚާބާ ދިމާކޮށް، ފޮޓޯއާ އެކު އެތައް ބައެއްގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ ޑޭޓާ ބޭސްއެއް ވިއްކައި އެ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ފެންމަތިވުމާ އެކު އާންމުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ނަމާއި ފޮޓޯ އާއި އެޑްރެހާއި އައިޑީ ކާޑް ނަންބަރާއި ފޯން ނަންބަރު އަލަށް ތައާރަފް ކުރި އެޕްލިކޭޝަންގައި ހިމެނެ އެވެ. އަދި އެޕްލިކޭޝަންގައި އެހެން ދިވެހިންގެ މައުލޫމާތުތައް ވެސް ވަނީ ހިމަނައިފަ އެވެ. އެޕްލިކޭޝަންގައި މީހުންނަށް އާމްދަނީ ލިބޭ ގޮތާ އެއްޗެހި ވެސް ހިމަނާފައިވާ ކަމަށް ވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޑޭޓާ ބޭސް ވިއްކުމުގައި އިސްކޮށް އުޅެނީ ކުރިން އައިޖީއެމްއެޗުގައި އައިސީޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި އަބްދުﷲ ޝުހޫދެވެ. އޭނާ ވަނީ ބައެއް އަމިއްލަ ކުންފުނިތަކުގައި ވެސް ކުރިން މަސައްކަތް ކޮށްފަ އެވެ.

މި އެޕްލިކޭޝަނަށް ފާޑު ކި ބައެއް މީހުން ބުނީ ދިވެހިންގެ ޒާތީ މައުލޫމާތުތައް އަމިއްލަ ފަރުދުންނަށް ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފޯނު ނަންބަރުތަކާއި ފޮޓޯ ފަދަ މައުލޫމާތު ލިބެން ހުރުމެވެ. މިއީ އާންމުންގެ މައުލޫމާތުތައް ބޭނުންކޮށްގެން ނާޖައިޒު ފައިދާތަކެއް ހާސިލްކުރަން ކުރާ ކަމެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.

ބައެއް މީހުން ވަނީ މި އެޕްލިކޭޝަނަށް ނުވަދެވޭ ގޮތް ހެދުމަށް ކަމާ ބެހޭ ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.

އާޒިމްގެ ނަމުގައި ޓުވިޓާގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ޓެގްކޮށް ހިޔާލު ފާޅުކުރި މީހަކު ބުނީ ރައްޔިތުންގެ މައުލޫމާތުތައް "ވަގަށް ނަގައިގެން" އެ މައުލޫމާތު ހިއްސާ ކުރުމުން ދިއުމަކީ އެއްވެސް މީހަކަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މުހައްމަދު މާޖިދު ނަމުގައި ޓްވިޓާގައި ކޮމެންޓް ކުރި މީހަކު ފުލުހުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގްކޮށް ބުނީ، އާންމުންގެ މައުލޫމާތުތައް ފަރުދެއްގެ އަތަށް ލިބުމަކީ ސަރުކާރުގެ ފެއިލްވުމެއް ކަމަށެވެ. އަދި އެ މައުލޫމާތު ޝުހޫދަށް ދިނީ ކޮން ބައެއްތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

އެކަމަކު، ޝުހޫދުގެ މަސައްކަތަށް ތައުރީފްކޮށް، މައްޗަންގޮޅި ހުޅަނގު ދާއިރާ އަށް ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ އަބްދުއްރަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެޕްލިކޭޝަންގެ ސަބަބުން ކެމްޕެއިންގެ ކަންކަން ހިންގަން ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ މަސައްކަތް. އަޅުގަނޑުމެން މިކަން ދިފާއު ކުރާނަން،" ޓްވީޓުގައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަބްދުﷲ އަބްދުއްރަހީމްގެ ވާހަކަތަކަށް ރައްދު ދެއްވައި ޓްވިޓާގައި ޝުއޫރު ފާޅުކުރި މީހުން ބުނީ ސަރުކާރުގެ މުއައްސަސާތަކާ ހިއްސާކޮށްފައި އޮންނަ މައުލޫމާތެއް އެހެން މީހަކު ބޭނުން ކުރުމަކީ ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގުކޮށް، މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންނާ ދެކޮޅަށް ފިޔަވަޅު އަޅަން މިކަން ހުއްޓުވައި ދިނުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.

މި އެޕް ހެދި ފަރާތުން ވަނީ މި އެޕްލިކޭޝަން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ވިއްކައިފަ އެވެ. އެނގިފައިވާ ގޮތުގައި އެޕްލިކޭޝަން ވިއްކަނީ ކޮންމެ ދާއިރާއެއް ވަކިން 25،000ރ. އަށެވެ. އެޕްލިކޭޝަންގައި 80 ޕަސަންޓް މީހުންގެ ފޮޓޯ ހުރެއެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކުގައި ގެންގުޅޭ މައުލޫމާތުތައް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، ފޯނު ނަންބަރާއި ފޮޓޯ ފަދަ މައުލޫމާތުތައް އެޕްލިކޭޝަންގައި ހުރުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އެބަ ބަލަން ޖެހޭ އެ މައުލޫމާތު ލިބުނީ ކިހިނެއްކަން. އައިޖީއެމްއެޗުންތޯ ޑީއެންއާރުންތޯ އާސަންދައިންތޯ. ބަލައި އެކަމުގައި އިހުމާލްވާ ބަޔަކު ހޯދަން ޖެހޭ،" ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު، ކަމާ ބެހޭ ފަރާތްތަކުން ހިމާޔަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ރާއްޖޭގައި ޑޭޓާ ހިމާޔަތް ކުރުމާ ބެހޭ ގާނޫނެއް ވުޖޫދުވެފައި ނެތުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"ޒާތީ މައުލޫމާތު ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެކޭ ބުނުމުގެ ފުރުސަތެއް ނޯންނާނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ އާންމުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވިއްކާ މައްސަލަ ހުއްޓުވައި ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. އެއީ ކޮމިޝަންގެ ތެރެއިން ލީކްވި މައުލޫމާތުތަކެއް ނޫން ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.