ޓީސީ ސްޕޯޓްސް ކްލަބްގައި މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއިކޮށްފި އެވެ.

އިއްބެ މާޒިޔާ އަށް ސޮއިކުރީ ތިން އަހަރަށެވެ. އޭނާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީސީ ދޫކޮށް މާޒިޔާއާ ގުޅުނު ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.

ފޭދޫ އިއްބެ އަށް އެންމެ ފުރަތަމަ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ކޮޅަށް އޭނާ ޖެހި މޮޅު ގޯލާ އެކު އެވެ. އެ އަހަރަށް ފަހު ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން ފޭދޫ އިއްބެ އަށް ޝައުގުވެރިވި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ވަގުތު އޭނާ ފުރަތަަމަ ޑިވިޝަންގެ ކްލަބަކާ ނުގުޅެ އެވެ.

ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ކުޅެ ފޭދޫ އިއްބެ ފެށީ ވެސް ކާމިޔާބަކާ އެކު އެވެ. ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދިއިރު، އެ މުބާރާތުގައި ވެސް ފޭދޫ އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އިންޑިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ފޭދޫ އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
އިންޑިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ފޭދޫ އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މިދިޔަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި ފޭދޫ އިއްބެ ވަނީ ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލު ޖަހައި ފައިނަލުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ފޭދޫ އިއްބެ ވަނީ މުހިއްމު ވަގުތުތަކުގައި ލަނޑު ޖަހައިފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް އެންމެ ބޮޑަށް ޓީމު ވަރުގަދަ ކުރި ކްލަބަކީ މާޒިޔާ އެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރު ރޭޑިއަންޓަށް ކުޅުނު އަހުމަދު އަބްދުﷲ (ލިލީ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ވިކްޓަރީ އަށް ކުޅުނު ހުސެއިން ނިހާން (ނިހާޓް) ވެސް ގެނެސްފަ އެވެ.

މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އަދި ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ގާސިމް ސައްމާމު (ސައްމެ) އެވެ.

މިދިޔަ އަހަރު މާޒިޔާ އަށް ކުޅުނު ގިނަ ކުޅުންތެރިން ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެ ޓީމަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ ކުރިއަށް އޮތް ސީޒަނުގައި ދަ ގްރާންޑޭ އަށް ކޯޗުކޮށްދޭން އެ ޓީމާ ހަވާލުވެފަ އެވެ. މާޒިޔާ އިން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.