ދިވެހިންގެ ހާލު ބައްލަވަން ރައީސްގެ މަންދޫބެއް ލަންކާ އަށް

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި މިއަދު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާއްސަ މަންދޫބަކު ލަންކާ އަށް ފޮނުއްވަން ނިންމަވައިފި އެވެ.


ރައީސް އޮފީހުން ބުނީ ރައީސްގެ މަންދޫބެއްގެ ގޮތުން ލަންކާ އަށް މިރޭ ވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ކަމަށެވެ.

ޚަލީލްގެ މި ދަތުރުގައި ލަންކާ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ބައްލަވައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ލަންކާގައި ބޮންތަކެއް ގޮއްވާލުމުން ސިފައިން ހަރަކާތްތެރިވަނީ: އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ.

ލަންކާގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފަ އެވެ. ލަންކާގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މިހާތަނަށް 185 މީހުން ވަނީ މަރުވެފަ އެވެ.

ލަންކާގެ ދާހިލީ ހަނގުރާމަ 2009 ގައި ނިމުމަކަށް އައި ފަހުން ކޮލަމްބޯ އާއި އެ ސިޓީގެ ބޭރުގައި ދިން ޓެރަރިސްޓް އެންމެ ބޮޑު ހަމަލާ ކުށްވެރި ކުރައްވައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ޓެރަރިސްޓް، ފިނޑި ހަމަލާއެއް ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލަންކާ އަށް ރާއްޖޭގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލަތަކާ ގުޅިގެން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ދަނީ ދިވެހިންގެ ހާލަތު ބަލަމުންނެވެ. އެގޮތުން، އެހީތެރިކަން ބޭނުންވެއްޖެ ނަމަ، ގުޅާނެ ނަންބަރުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ ކުރިން ސްރީ ލަންކާގައި އެއް ފަހަރާ އެންމެ ގިނަ ބަޔަކު މަރުވި ޓެރަރިސްޓް ހަމަލާއަކީ ޖެނުއަަރީ 31، 1996 ގައި ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލަ އެވެ.. އެ ހަމަލާގައި ޖުމްލަ 91 މީހުން މަރުވެ 1،400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.