މުސާރައާ އެކު ވަޒީފާ އިޔާދަކޮށްދޭން ޕީއެންސީން ދަފްތަރެއް ހަދަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން ވަކިކުރާ މީހުންނަށް މުސާރައާ އެކު އެ ވަޒީފާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިޔާދަކޮށްދިނުމަށް ޕީއެންސީން ދަފްތަރެއް އެކުލަވާލަން ނިންމައިފި އެވެ.


އިދިކޮޅު ކޯލިޝަނުން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ ޕާޓީން ދަފްތަރެއް އެކުލަވައިލަން ނިންމީ، ވަޒީފާގެ ބިރުވެރިކަމާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ދަފްތަރުގައި ނޯޓު ކުރުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ތިޔާގިކަން ގެނުވި ފަސް އަހަރު ކަން ރައްޔިތުން ގަބޫލުކުރާނެ އެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ، މިދިޔަ ހަ މަސް ތެރޭގައި ގިނަ އަދަދެއްގެ މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި އެއީ ޕީޕީއެމާއި ޕީއެންސީ އަށް މިހާރު ލިބޭ އެންމެ ބޮޑު ޝަކުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އުފެއްދި ވަޒީފާތަކުންނާއި އެ ނޫން ވެސް ސަރުކާރުގެ މަގާމްތަކުން ވަކިކޮށް، ޒުވާނުން ބިކަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރުން، މީހުން ވަޒީފާ އިން ވަކިކުރަނީ އުފެދިފައި ހުންނަ މަގާމްތައް އުވާލައިގެން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ އިން ވަކިކުރާ މީހުންގެ ދަފްތަރު ބެލެހެއްޓުމަށް ޚާއްސަ އެޕްލިކޭޝަން ފޯމެއް އަންނަ ހަފުތާގައި ތައާރަފްކުރާނެ އެވެ. އެ ފޯމު ލިބޭނީ ޕީއެންސީގެ އޮފީހުން އެކަނި ކަމަށާއި އޭގައިވާ މައުލޫމާތު ފުރިހަމަ ކުރުމުން ދަފްތަރުގައި ރަޖިސްޓަރީވާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ﷲގެ ހެޔޮ ރަހުމަތާ އެކު 2023 ގައި އަޅުގަނޑުމެން އަނބުރާ ވެރިކަމަށް އަންނާނަން. ވެރިކަމަށް އައުމަށް ފަހު، މި ސަރުކާރުން އިހާނެތިކޮށް އަދި އަޅުގަނޑުމެން އުފެއްދި ވަޒީފާތަކުން ވަކިކުރާ ކޮންމެ ރައްޔިތަކަށް މުސާރައާ އެކު އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީފާ އިޔާދަކޮށް ދޭނަން،" ޝުޖާއު ވިދާޅުވި އެވެ.