ވޭތުވެދިޔަ ދެ މަހުގެ މާލޭގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާތީ، އެ މައްސަލާގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން އެންވަޔަރުމެންޓް މިނިސްޓްރީ އާއި ސްޓެލްކޯ އަދި ފެނަކައިގެ އިސް ވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި އޮތް މި ބައްދަލުވުމުގައި އެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނަށް ސުވާލުތައް ކުރިމަތި ކުރެއްވި އެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހިޔާލުތައް ވެސް ދެއްވި ކަމަށް އެ ބައްދަލުވުމުގައި އިންނެވި އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ، ކަރަންޓު ބިލްތައް އިންތިހާ އަށް ބޮޑުވެފައިވާތީ އެ މައްސަލައިގައި ކަމަށެވެ. ބައްދަލުވުމުގައި މަޖިލިހުގެ ގިނަ ކޮމިޓީތަކުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލޯނު ދޫކުރުމުގައި ކުރިމަތިވި މައްސަލާގައި ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާ ވަނީ މި ހަފުތާގައި އެމްޑީޕީގެ ކަމާ ގުޅޭ ކޮމިޓީގައި ސުވާލުކޮށް، އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން އިބްރާހިމް ހަސަނަކީ ވެސް އެ ކޮމިޓީގެ މެމްބަރެކެވެ.
ވޭތުވެދިޔަ ދެ މަހުގެ މާލޭގެ ކަރަންޓް ބިލްތައް ބޮޑުވި މައްސަލައިގައި އާންމުންގެ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު، މާލޭގައި ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯ އިން ބުނީ ކަރަންޓު ބިލްތައް ބޮޑުވެފައި ވަނީ ހޫނު ގަދަ މޫސުމާއި ރޯދަ މަހާ ދިމާވެ، ގޭގޭގައި ކަރަންޓް ބޭނުންކުރި އަދަދު އިތުރުވުމުން ކަމަށެވެ.
މިދިއަ އަހަރުގެ އެޕްރީލް އާއި މޭ މަހާއި މި އަހަރުގެ އެ ދެ މަހާ އަޅާބަލާއިރު ވެސް މި އަހަރު ވަނީ ކަރަންޓް ބޭނުންކުރި ވަރު ވަރަށް ބޮޑު ތަނުން މައްޗަށެވެ. އެގޮތުން މިދިއަ އަހަރުގެ އެޕްރީލް އާއި މޭ މަހު ބޭނުންކޮށްފައި ވަނީ 28 މިލިއަން ޔުނިޓެވެ.
ސަރުކާރުން މިދިޔަ މާޗް މަހު ވަނީ މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ ކަރަންޓްގެ ހިދުމަތް އެއް ހަމައެއްގައި ފޯރުކޮށްދޭން ބަދަލުތަކެއް ގެނެސްފަ އެވެ.