މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބޭއްވި އިވެންޓެއްގައި ޣާނިޔާ (ވ) ބައިވެރިވެ ވަޑައިގަންނަވަނީ.
17 ޖޫން 2019 - 12:29
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، ފުލުހުން ވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ ފައިސާ ޖަމާވި ކަމަށް ބުނާ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު އަދިވެސް ހުންނެވީ ސިޔާސީ މަގާމެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޣާނިޔާ އަކީ މެލޭޝިއާ އަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.
ފިރިކަލުންނާ ދޭތެރޭގައި ޖޭއެސްސީން ފިޔަވަޅު އެޅީ ޣާނިޔާގެ އެކައުންޓަށް ސުވާލު އުފެދޭ އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނާ މައްސަލައިގަ އެވެ. އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އިރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާތީ އާއި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާތީ ޣާނިޔާގެ މައްޗަށް 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރަން ވެސް ފޮނުވި އެވެ.
މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ދޮގު ހެކި ދިނުމުގެ ކުށުގެ ދައުވާ ޣާނިޔާގެ މައްޗަށް އުފުލައިދޭން އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި.
އޭސީސީން އާއްމުކޮށްފައިވާ ތަހުގީގު ރިޕޯޓުގައިވާ ގޮތުން، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ބޭނުންވާ ބަޔާނެއް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ މުވައްޒަފަކު ލައްވައި މަޖުބޫރުން ބަޔާނެއް ނަގަން ޣާނިޔާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ބަޔާން ދޭން އެ މުވައްޒަފު އުޒުރުވެރިވާ ކަމަށް ދެންނެވުމުން ވަޒީފާ އިން ކަނޑާލާނެ ކަމުގެ ބިރު ދައްކައި ސެކްރެޓަރީ ޖެނެރަލް ބޭނުންވާ ގޮތަށް ތައްޔާރުކޮށް ބަޔާނުގައި ސޮއިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭގައިވެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ: އޭނާއަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލަތަކާ ހެދި ޖޭއެސްސީން ވަނީ ސަސްޕެންޑްކޮށްފައި.
އާނިޔާގެ މައްޗަށް އޭސީސީން ތުހުމަތު ކުރި މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ދޮގު ހެކި ދިނުމުގެ ދައުވާއާ ގުޅިގެން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލި ކަން ޔަގީނެއް ނޫނެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރަން ފަށާފައިވާ މަސައްކަތުގެ ތެރޭގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުން ހިމަނައިގެން ޑީޑީގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ޑީޑީ ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދުގެ ޝަރީއަތް ހިންގި ގޮތް ގޯސް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ޑީޑީއާ ގުޅުން ހުރި ޖިނާއީ ކުށްތަކެއްގެ ތަހުގީގު ފުލުހުން ކުރަމުން އައި ނަމަވެސް ރިޝްވަތުގެ ތުހުމަތުތައް އެމަނިކުފާނު ދޮގު ކުރައްވަ އެވެ. ޑީޑީ ވިދާޅުވެފައި ވަނީ ނުހައްގު އެއްވެސް ފައިސާއެއް އެމަނިކުފާނާ ގުޅުން ހުރި އެކައުންޓެއްގައި ނުހުންނާނެ ކަމަށެވެ.
ޖޭއެސްސީން ޑީޑީއާ ދޭތެރޭގައި ފިޔަވަޅު އެޅިޔަސް އެމަނިކުފާނުގެ ސަސްޕެންޝަން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެހެންވެ ޑީޑީ މަސައްކަތަށް ވެސް ނުކުމެވަޑައިގަންނަވަ އެވެ.
ޖޭއެސްސީން ނިންމާފައި ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުނަސް ޑީޑީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށެވެ. ޖޭއެސްސީގެ ނިންމުމުގައި ގާނޫނީ ބާރު ދެމިއޮތް ކަމަށާއި އެ މައްސަލައިގައި ގޮތެއް ކަނޑައަޅައިދޭން މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެނާ
18 June 2019
މިހާރު ނޫހުން ލިއުނީމަ ކަންނޭނގެ ދެން މިބޭފުޅާ މަގާމުން ދުރުކުރަން ޚިޔާލު އަންނާނީވެސް. މީނާގެ އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލައިގައި މީނާގެ ފިރިމީހާ ސަސްޕެންޑްކުރަމުން ދާއިރުވެސް މިކަމަނާއާ މެދު ތަހުގީގެއް ހިންގަން ނޫޅޭ. އަޖައިބުވާ ވަރުގެ ކަންކަން.
ނޫސްވެރިންގެ މުހިންމުކަން
18 June 2019
މިފެންނަނީ ނޫސްވެރި ކަމުގެ މުހިންމު ކަމެވެ. މި ވާހަކަ ފަޒީނާ ހާމަ ނުކުރެއްވި ނަމަ، އެކަން ސަމާލުކަމަށް ނައީހެވެ.
މިންހާ
18 June 2019
÷އެ ފައިސާ ޤާނިޔާ އެކައުންޓަށް ވަދެފަވާ ކަމުގަ ވަންޏާ ހަމަ ރަގަޅު އިންވެސްޓިގޭޝަން ނިމެންދެން އެކަމަނާ ގޭގަ މަޑުކޮށެއްވިޔަކަސް، އެންމެބޮޑަށް އުފެދޭ އެއް ސުވާލަކީ ޕީޖީ އެ މަޤާމުގައި އަދިވެސް އެހުރީ ކީއްވެބާއޭ ....
ޙިމާރުލް ވަތަން
18 June 2019
ބަލަ ޑީޑީ ސަސްޕެންޑްވީމަ އަންހެނުން ސަސްޕެންޑް ވާން ޖެހޭތަ. ޢަޖައިބެއްފަހެ ނުވާނެތަ
އަޙޫމަދު
18 June 2019
ބަލަ ތިޔަބޭޒާރެއް ނުވީހެއްނު، އަންހެނުންގެ އެކައުންޓަށް ވަދެގެން އުޅޭ 1 މިލިޔަން ޑޮލަރު އެ އީ ކިހިނެއްވެގެން ވަދެގެން އުޅޭ އެއްޗެއްކަން. ރީތިކޮށް ކިޔާދީބަލަ.
މަންނާނު
17 June 2019
އަނެއްކާ އެމްޑީޕީއަށް ކޮޅެއްއަޅާފަ އޮތީތޯއްޗެއް އެކަމަކުވެސް އެބަޖެހޭ ހަމަރަނގަޅަށްވެސް ބޭރުކުރަން
ޢަބްދުﷲނާފިޒް
17 June 2019
ހަމަ މިހާރުން މިހާރަށް ޣާނިޔާ މަޤާމުން ދުރުކުރުމަށް ސަރުކާރަށް ގޮވާލަން، އެއްގޮތަކަށްވެސް ލަސްނުކުރައްވާ....
އަލިފުޅު3
18 June 2019
މުސާރަ އާއި އިނާޔަތް ދީފަ ވަޒީފާ ގަ ޚިދުމަތް ަ ކުރީމާ އުމުރުގެ ބާކީ ބަޔަށް ޕެންސަނެއް ވެސް ދީފަ ވެސް ވަޒީފާ އިން ވަކި ކުރުން އެދެން....
ޢަހަންމާ
20 June 2019
ޙޫ ނާފިޒް ހުކުން ކޮށްފި ދެން ބޭރުކުރޭ.. ތީ ތިބާގަނޑު އަބަދުވެސް ހުކުން ކުރާގޮތް
މުރާސިލް
17 June 2019
މިވެރިކަމުގެ ދުވެލި ހުރީ ކަންޒު ކަހަބުގެ ދުވެލީގަ ހަމަގައިމުވެސް ޑީޑީ ގެ އަނބިކަބަލުން މިސަރުކާރުން އެއްގޮތަކަށްވެސް ބޭނުމެއް ނުވާނެ ވަޒީފާގަ ބަހައްޓާކަށެއް އެހެންންމަވެސް އެ އެއްޗެއްގެ ހުރި ވަރަކުންދޯ ހިނގާނީ 7 މަސްދުހުގެ މުސާރަޔައްވާ 40000 ލައްކަރުފިުޔާ މިހާ ތަނައްވެސް އެލިބުނީ
ޖަމްޝީދް
17 June 2019
ޔާމީނުހެން އިދިކޮޅު އެންމެންނާ ޖައްސާލާ އުސޫލެއް ނުގެންގުޅެޔެ.
އަސްތާ
17 June 2019
ލަދެއް ހަޔާތެއް ނެތީމަ ނުކުންނަނީ ދޯ، މިސަރުކާރުވެސް ހަރުދަނާވާންވެއްޖެ. ސޭތެއް ދެކެ ބިރުން ކަމެއް ކުރަން ނުކެރޭ ސަރުކާރު.
ހަސަދު
17 June 2019
ސަރުކާރަށް ނޭގެނީތޯ ސިޔާސީ ވަޒީފާތަކުގައި ތިބީ ކޮންބަޔެއްތޯވެސް.
ނޫނޭްް
18 June 2019
އަދި ނުބެލިގެން އުޅެނީ ސްޕީޑް ނުލިބޭތީ.
ބޮޑުމީހާ
17 June 2019
މަބުނީމެއްނުން ހުރިހާ ސިޔާސީ މީހުން ކިޔެވީ އެއްފޮތަކުންނޭ. ޑީޑީގެ އަންހެނުން އެމްބަސީގެ ސިޔާސީ މަގާމެއްގައި ހުންނަންވީ ކީއްވެ؟ ޔާމިން އެކައުންޓަށް ޖަމާވި މިލިއަންޑޮލަރު މައްސަލާގައި 3/4 ފަަހަރު ކޯޓަށް ގެންގޮސްފި. މީނަ އެކައުންޓަށް ވަންލާރި ހޯދިގޮތެއްވެސް ނޭގެ. ސްޕްރީމްކޯޓުން އެބައޮތްތަ މީނަ ވަޒީފާއިން ވަކިނުކުރަން ހުކުމެއްކޮށްފަ؟ ހުސް ޑްރާމާ މިކުޅެނީ