ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖޭއެސްސީ އަށް

ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ އާއި ފަނޑިޔާރުންގެ އެއްވެސް ކަހަލަ ކޮރަޕްޝަންގެ މައްސަލައެއް އޮތްތޯ ބަލައި ޖޭއެސްސީ ބެލުމަށް އެދި އެވެ. އަދި ސުޕްރީމް ކޯޓުން ނެރުނު ތިން އަމުރުގެ ތެރެއިން ދެ އަމުރަކުން ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގެ ބާރު ކަނޑުވާލި މައްސަލަ ވެސް ޖޭއެސްސީން ބަލައި ގޮތެއް ނިންމުމަށް ފަހު މަޖިލިހަށް ހުށަހަޅައި ދިނުމަށް އާޒިމްގެ ހުށަހެޅުއްވުމުގައި އެދިވަޑައިގަތެވެ.

ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަންނަ ނަމަ ބާރުތައް ބޭނުން ކޮށްގެން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން މަޖިލިހަށް ހުށަހެޅުއްވި ގަރާރު ވެސް މިއަދުގެ ޖަލްސާ ގައި ފާސްކުރި އެވެ. އެ ގަރާރު ފާސްކުރީ ތިން ހުށަހެޅުމަކާ އެކު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި އެ އަމުރާ ހިލާފަށް އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުން ފަހުން ކުރި އަމުރެއްގައި ވަނީ އަމުރުކޮށްފަ އެވެ.

މިގެ އިތުރުން އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ޑީޑީގެ މައްސަލާގައި ޖޭއެސްސީގެ ނިންމުންތަކަށް ގޮތް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާނެ ކަމަށް ބުނެފަ އެވެ.

މަޖިލިހާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާ ގުޅިގެން ހިސާން ހުށަހެޅުއްވި ގަރާރުގައި ވަނީ ދެ އަމުރަކީ މަޖިލިހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭ ގޮތަށް ގާނޫނުއަސާސީއާ ހިލާފަށް ކުރި އަމުރުތަކެއް ކަމަށެވެ. އެހެންވެ، ގާނޫނީ އިމުގެ ތެރެއަށް ވަންނަން ސުޕްރީމް ކޯޓަށް އިރުޝާދު ދިނުމުގެ މުހިންމު ކަން ވެސް ގަރާރުގައި ފާހަގަ ކުރި އެވެ.