ތެހެރާން (ޖޫން 22) - އަންހެން ސަޕޯޓަރުން ދަނޑަށް ވަނުމުގެ ހުއްދާ އީރާނުން އަލުން ދިނުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިވަޑައިގެންފި އެވެ.

ސާޅީސް އަހަރު ވަންދެން އީރާނުގައި މެޗުތައް ބަލަން އަންހެން ސަޕޯޓަރުން ދަނޑަށް ވަނުން މަނާކޮށްފައި އޮތުމަށް ފަހު މިދިޔަ އަހަރު އޮކްޓޫބަރު މަހުގައި އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު ބަލަން އަންހެން ސަޕޯޓަރުން ވަންނަން ހުއްދަދިނެވެ. އެ ފަހަރު އެތައް ސަތޭކަ އަންހެން ސަޕޯޓަރުން ދަނޑަށްވަދެ ޝުއޫރުފާޅުކުރަމުންދިޔަ އެވެ. އެކަމަކު އެ މެޗަށް ފަހު އަލުން އިރާނުން ވަނީ އަންހެން ފުޓްބޯޅަ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމައިފަ އެވެ.

މި މަހު ހަ ވަނަ ދުވަހު އީރާނުން އެ ގައުމުގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗު ބަލަން ދިޔަ އަންހެން ސަޕޯޓަރުން ދަނޑަށް ނުދެއްވި އެވެ. ސަލާމަތީ ބާރުތަކުން ވަނީ ދަނޑަށް ވަންނަން ދިޔަ ސަޕޯޓަރުން ހުއްޓުވައިފަ އެވެ.

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފީފާގެ ރައީސް އިންފަންޓީނޯ ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވަނީ އަލުން އަންހެން ސަޕޯޓަރުންނަށް އެ ފުރުސަތު ހުޅުވާލައިދިނުމަށެވެ. އިންފަންޓީނޯ ވިދާޅުވީ އީރާނުގެ ރައީސް ހަސަން ރޫހާނީއާ އެކު މިދިޔަ އަހަރު މާޗް މަހު ބޭއްވުނު ބައްދަލުވުމުގައި ގިނަ ކަންތައްތަކަށް އެއްބަސްވެވަޑައިގެންނެވުނު ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ އަންހެން ސަޕޯޓަރުންނަށް ގެއްލިފައި އޮތް ފުރުސަތު އަލުން ހުޅުވާލުން ކަމަށެވެ.

އީރާނުގެ ރައީސް ރޫހާނީ (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ މިދިޔަ އަހަރު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން. - ފޮޓޯ: އޭއެފްޕީ
އީރާނުގެ ރައީސް ރޫހާނީ (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ މިދިޔަ އަހަރު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން. - ފޮޓޯ: އޭއެފްޕީ

ދީނީ އަދި ސަގާފީ ސަބަބުތަކެއްގެ ތެރެއިން 1979 ވަނަ އަހަރަށް ފަހު އީރާނުން އަންްހެން ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމާފައިވާއިރު، ފިރިހެނުން ގޮތަށް މޭކަޕް ކޮށްގެން މެޗު ބަލަން ދަނޑަށް ވަންނަން މަސައްކަތްކުރި އަންހެން ސަޕޯޓަރުންތަކެއް ވަނީ އެތަކެއް ފަހަރު މަތިން ހައްޔަރުކޮށްފަ އެވެ.

އިންފަންޓީނޯ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕްގެ ކޮލިފައިން އޭޝިއާގައި ފެށުމުގެ ކުރިން އީރާނުގައި އަންހެން ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭ ގޮތް ހަދައިދިނުމަށެވެ.

"ފީފާގެ ވަރަށް ބޮޑު އެދުމެއް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އީރާނުގައި އަންހެން ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެގޮތަށް އިންތިޒާމުތައް ހަމަޖައްސައިދީ އެކަމުގެ ޔަގީންކަން ދިނުމަކީ،" އިންފަންޓީނޯ ފޮނުއްވި ސިޓީގައިވެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާގެ މެޗުތައް ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ. ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން އޮންނާނީ އަންނަ މަހު 17 ވަނަ ދުވަހު އެވެ. މިހާރު ފްރާންސްގައި ކުރިއަށްދާ އަންހެން ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން އީރާނުގައި އަންހެން ސަޕޯޓަރުން ދަނޑަށް ވަނުމުގެ ހުއްދަ އަށް އެދި އަންނަނީ އަޑުއުފުލަމުންނެވެ.

ގިނަ އަހަރުތަކެއް ވަންދެން އަންހެން ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް އޮތުމަށް ފަހު މިދިޔަ އަހަރު ޖެނުއަރީ މަހު ސައުދީ އަރަބިއްޔާ އިން ވެސް ވަނީ އެ ނިންމުން ބަދަލުކޮށް އަންހެން ސަޕޯޓަރުންނަށް މެޗުތައް ބަލަން ދަނޑަށް ވަނުމުގެ ފުރުސަތުދީފަ އެވެ.