ހައްޖު ކޯޕަރޭޝަނަށް 2 ވަނަ ކޯޓާއިން ލިބުނު ޖާގަ ބަހައިފި

ރާއްޖެއިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ދިން ދެ ވަނަ ކޯޓާއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ލިބުނު 500 ޖާގަ އެ ކޯޕަރޭޝަނުން ބަހައިފި އެވެ.


ހައްޖު ކޯޕަރޭޝަން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދެ ވަނަ ކޯޓާއިން ލިބުނު ޖާގަ ބަހާފައި ވާނީ އެ ކޯޕަރޭޝަނުން ހިދުމަތް ހޯދުމާ ބެހޭ އުސޫލުގައިވާ ގޮތަށް ތަރުތީބުން ކަމަށެވެ. ޖާގަ ލިބޭ މީހުންގެ ލިސްޓް ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓްގައި މިހާރު އާއްމުކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.

ހައްޖަށް ދިއުމަށް ޖާގަ ލިބޭ ފަރާތްތަކަށް ހައްޖު ކޯޕަރޭޝަނުން ލިއުމެއް ދޫކުރެ އެވެ.

ބަޔާނުގައި ބުނީ ދެ ވަނަ ކޯޓާއިން ޖާގަ ލިބުނު ފަރާތްތަކަށް އެސްއެމްއެސްއަކުން އެކަން އަންގާނެ ކަމަށާއި އެެއަށް ފަހު ދެ ދުވަސް ވާއިރު ލިއުން ބަލާ ނުގޮސްފި ނަމަ ގުޅައިގެން މައުލޫމާތު ސާފުކުރާނެ ކަމަށެވެ. ޖާގަ ބާތިލުކޮށް އެހެން ފަރާތަކަށް ދޭނީ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ނަމްބަރަށް ގުޅަން މަސައްކަތްކޮށް ނުގުޅޭ ހާލަތުގައި އިތުރު އެއް ދުވަހު ބެލުމަށް ފަހުގައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި މި އަހަރުގެ ދެ ވަނަ ކޯޓާއިން ލިބޭ ޖާގަ ގަބޫލު ނުކުރާ ނަަމަ އަންނަ އަހަރުގެ ކޯޓާއިން ޖާގަ ދޭނެ އެވެ.

މި އަހަރު މީހުން ހައްޖަށް ގެންދަން ސައުދީ އަރަބިއްޔާއިން ދިން ދެވަނަ ކޯޓާގައި ހިމެނެނީ 1000 ޖާގަ އެވެ. އޭގެ ތެރެއިން 500 ޖާގަ ހައްޖު ކޯޕަރޭޝަނަށް ދިނީ އެއީ އެ ކޯޕަރޭޝަނުން އެދުނު އަދަދު ކަމަށް ވާތީ އެވެ. އަނެއް 500 ޖާގަ ވަނީ އެހެން ކުންފުނިތަކުގެ މެދުގައި ބަހާލާފަ އެވެ.

ހައްޖަށް ދިޔުމަށް ސައުދީ އަރަބިއްޔާއިން އެންމެ ފުރަތަމަ ދިން 1000 މީހުންގެ ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް ދީފައިވަނީ 550 ޖާގަ އެވެ. އަދި އޭގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީން ވަނީ ރިޒާވްކޮށްފަ އެވެ. މަލީޝާ ޖަމާއަތަށް ފައިސާ ދައްކައި ހައްޖަށް ނުދެވުނު މީހުން، ދައުލަތުން ހައްޖަށް ގެންދިޔުމަށް ނިންމާފައިވަނީ އެ ޖާގައިގެ ތެރެއިންނެވެ.