އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން: ފުލުހުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް އޭނާ ޓަގު ބޯޓެއްގައި ފިލައިގެން ރާއްޖެއިން ބޭރުގައި ދަތުރުކުރަނިކޮށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އޭނާ ހިފަހައްޓައިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި އަދީބު އިއްޔެ ތަހުގީގަށް ހާޒިރުވާން އަންގައި، އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް އޭނާ ފިލައިގެން ރާއްޖޭން ބޭރަށް ދަތުރު ކުރަނިކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އަދީބު އަނބުރާ ރާއްޖެ ގެނައުމަށް ބޭރު ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާ ފިލުމަށް އެހީވި ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ، އަދީބު އެ ގައުމަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އަދި އިންޑިއާގެ ހުއްދައަކާ ވެސް ނެތި ކަމަށެވެ. އޭނާ އިންޑިއާ އަށް އެތެރެވާން ޓަގު ބޯޓުގެ ކްރޫއަކަށް ހެދިގެން ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައި ވެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަދީބު ދަތުރުކުރީ އިންޑިއާ އިން ބޮޑު ހިލަ ހުސްކުރުމަށް ފަހު އެނބުރި އެ ގައުމަށް ދިޔަ ބޯޓެއްގަ އެވެ. ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި އެ ޓަގު ބޯޓު ފާސްކުރީ ކަނޑުމަތިން ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

އަދީބުގެ މައްޗަށް ކުރިން އިއްވި ހުރިހާ ހުކުމްތަކެއް ބާތިލް ކޮށްފައި ވިިޔަސް، އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

އަދީބު ދާދިފަހުން ސަރުކާރުގެ ހުއްދައާ އެކު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު، އެނބުރި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.