އިއްޔެ ޓީ ޖެޓީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ހޯކްސް ކުންފުނީގެ ތެޔޮ ބައުޒަރުތައް ތިލަފުއްޓަށް ބަދަލުކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ތެޔޮ ބައުޒަރުތަކުން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދޭ އިރު ހުޅުމާލޭ ބަނދަރުގައި އޮތް ތެޔޮ ބަންކަރުން ވެސް އުޅަނދުތަކަށް ތެޔޮ ލިބޭނެ ކަމަށެވެ. ތެޔޮ ވިއްކުމުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި، ހޯކްސް އިން ވަނީ އަލިފާން ނިއްވުމުގައި ފުލުހުންނާއި ސިފައިން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.

އިއްޔެ މެންދުރު ފަހު 3:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ލޯންޗެއްގަ އެވެ. އެއަށްފަހު އެ ލޯންޗަށް ތެޔޮ އަޅަމުން ދިޔަ ބައުޒަރުގައި ރޯވެ، އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އިތުރު ތިން ބައުޒަރެއް ވެސް ވަނީ އަނދާ ހުލިވެފަ އެވެ.

މި ހާދިސާގައި ނުވަ މީހަކު ފިހިފައިވާ އިރު އެކަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. ފިހުނު މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ދެ ބިދޭސީންނެވެ.