އެމްޑީއެން އުވާލަން، މަޖިލިހުގެ މެމްބަރުން ގޮވާލައްވައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށް އެތައް ވާހަކަތަކެއް ލިޔުމާ ގުޅިގެން އެ ޖަމިއްޔާ އުވާލަން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންތަކެއް މިއަދު ގޮވާލައްވައިފި އެވެ.


އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި މެމްބަރުން ވަނީ އެމްޑީއޭ އަކީ ދެ ތިން މީހަކު ހިންގާ ޖަމިއްޔާއެއް ކަމަށް ވިދާޅުވެ، އެ ޖަމިއްޔާއާ މެދު ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.

ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ އެމްޑީއެން އިސްލާމް ދީނާ ދެކޮޅަށް ހިންގާ ހަރަކާތެއްގެ ގޮތުގައި އުފަންވެފައިވާ ކަމަށެވެ. އަދި ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ، މެމްބަރު ވިދާޅުވި ގޮތުގައި، ހައްދުފަހަނައަޅައި ދިއުމެވެ. އެ ނަޒަރުން ބަލާއިރު، އޭނާ ވިދާޅުވީ ރާއްޖޭގައި އޮތީ "އަނދިރި އެންމެ ދައުލަތެއް" ނޫން ކަމަށެވެ. އޭގެ ބަދަލުގައި "ރާއްޖޭގައި އަނދިރި ދެ ދައުލަތް އޮތް" ކަމަށް ވިދާޅުވި އެވެ.

"އަނދިރި ދައުލަތެކޭ" އިިސްމާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހަައްމަދު ނަޝީދު، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުންނަށް ޖެއްސި މިސާލު ކަމަށް ބެލެވެ އެވެ. އަދި "އަނދިރި ދެ ދައުލަތް" ކަމަށް އިޝާރަތްކުރެއްވީ، ބެލެވޭ ގޮތުގައި، ދީނީ ހަރުކަށިކަމުގެ އިތުރުން ލާދީނީ މީހުންގެ ހަރަކާތަށެވެ.

"އެމްޑީއެންއަކީ މިކަން ސިލްސިލާ ގޮތެއްގައި ފެނިދިޔަ ޖަމިއްޔާއެއް. މިއީ ބިރުހުރި ކަމެއް. މިކަން މިގޮތަށް ދާން ދޫކޮށްލައިގެން ނުތިބޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު މިއަދު މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅުއްވަނީ. --- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރާ ނަމަ، އެމްޑީއެން މިހާރު ވުޖޫދުގައި ވެސް އޮވެގެން ނުވާނެ އެވެ. އެހެންކަމުން ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން އެމްޑީއެންއާ މެދު ފިޔަވަޅު އަޅައި އެ ޖަމިއްޔާ އުވާލެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ހަޖޫ ޖަހަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ދީލާލައިގެން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ގައުމު ހަމަ މަގަށް އަޅުވާނެ ވެރިއަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ރައީސަށް އޭނާ ތައުރީފް ކުރެއްވި އެވެ. ދެން ވިދާޅުވީ ރާއްޖެ އަކީ އަމާން ތަނަކަށް ހަދައި، ދެ ވަނަ ބަޣާވާތެއް ގެންނަން ކުރާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށެވެ.

އެކަމަކު އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ރިޕޯޓާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރިޕޯޓްގެ މައްސަލާގައި ރައީސް އެއްޗެއް ވިދާޅުވާން ޖެހޭނެ އެވެ. އެކަމަކު ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެމްޑީއެންގެ މެމްބަރުންނާ އެކު ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެމްޑީއެންއާ މެދުގައި މުއައްސަސާތަކުން ފިޔަވަޅު އަޅާފައި ނުވާތީ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމްޑީއެންއަކީ މިހާރުން މިހާރަށް އުވާލާފައި އޮންނަން ޖެހޭ ޖަމިއްޔާއެއް ކަމަށެވެ.

"ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އަޅުގަނޑުމެންނާ ހިލާފު، ގަބޫލުކުރާ ގަބޫލުކުރުންތަކާ ހިލާފު މަގްސަދުތަކެއް، އިސްލާމް ދީނާ ހިލާފު މަގްސަދުތަކެއް. މިއަދުން މިއަދަށް މި ދެންނެވި ޖަމިއްޔާ އޮންނަން ޖެހޭނީ އުވިފައި. އެ ޖަމިއްޔާ ހިންގަން އިސްކޮށް ތިބި މީހުން ތިބެން ޖެހޭނީ ހައްޔަރުކުރެވިފައި،" ޝިޔާމް ވިދާޅުވި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް --- ފޮޓޯ: މަޖިލިސް

ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓުވަން ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިސްލާމް ދީނުގެ އަސާސްތައް ނުހިފެހެއްޓުމުގެ ނަތީޖާއަކީ ލާދީނީ ކަންކަން އާންމުވުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން އެމްޑީއެން، މި ޖަމާއަތް އުވާލަން. ރާއްޖޭގެ މި ފަސްގަނޑުގައި ލާދީނީ ސިޔާސަތުތަކުގެ ވާހަކަ ބިނާކޮށް، މިއީ ރޭވިގެން ހިނގާ ކަމެއް ކަން ސާބިތުވެއްޖެ، ރިޕޯޓު އަނބުރާ ގެންދިއުމަށް ފަހު އެތައް ފަހަރަކު ތަކުރާރުކޮށް އެކަންކަމަށް ބާރުދީ ވަނީ ވާހަކަ ދައްކާފައި،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ކަންކަމަކީ މައްސަލަތަކުގެ ގޮތުގައި ނުދެކޭ ނަމަ، މުސްތަގުބަލުގައި ރާއްޖެ އޮންނާނީ ބައިބައިވުމާއި ލޭއޮހޮރުވުންތަކެއްގެ ތެރޭގައި ކަމަށެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ އިހްސާސްތަކާއި ޝުއޫރުތައް ހޫނުވާ ގޮތަށް އެއްވެސް ބަޔަކު ރިޕޯޓެއް ނެރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ރިޕޯޓެއް ނަމަ، އެ "ބޭން" ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ގޮވާލެއްވީ ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުތައް ނުކުރުމަށެވެ.