ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާއެއް: އިދިކޮޅު

ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި މިހާރު ހިންގަނީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ތުހުމަތުކޮށްފި އެވެ.


ޕީޕީއެމާއި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށް ބުނެ، ޝަރުއީ ކޯޓުތަކުގައި ހިނގާ ވަކިވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ސަރުކާރުންނާއި ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރައްވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް، ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުން ބިރު ދައްކާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން އެމްޑީޕީ މެމްބަރުންގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. އަދި އޭނާ ވަގުތުން ސަސްޕެންޑް ކުރަން އެ މެމްބަރުން ގޮވައިލެއްވި އެވެ.

"ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އަދި ރިޔާސީ އިންތިހާބުގައި އެމްޑީޕީން އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރުމަށް ވެފައިވާ ވައުދަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ވަކި މަގްސަދެއް ހާސިލް ކުރުން ކަމުގައިވާ ނަމަ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެ އެވެ.

"ހަމަ އެއާ އެކު، ޖޭއެސްސީ އަކީ ސަރުކާރާއި އެމްޑީޕީން ސިޔާސީ ޓޫލެއްގެ ގޮތުގައި ބޭނުން ކުރާ އެ ޕާޓީ އަށް ނިސްބަތްވާ ބައެއްގެ ކޮންޓްރޯލް އޮވެގެން ހިންގާ ޖަގަހައެއްގެ ގޮތުގައި މިއަދު ވެފައި އޮތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ޕީޕީއެމް/ޕީއެންސީ

ކޯޓުތަކުގެ މިނިވަން ކަން ރައްކާތެރިކުރުމާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށް ދިނުމަކީ ދައުލަތުގެ އިދާރާތކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެ ތިބި އެންމެހައި މީހުންގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްކޮށްފައިވާ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ހަވާލާދީ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަތައް ފެތުރުމާއި ފަނޑިޔާރުންނާ ދެކޮޅަށް ހަގީގަތެއް ނެތް ދޮގު ތުހުމަތުކޮށް، ގާނޫނުއަސާސީން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މުސްތަގިއްލު ކަމުގެ މަބްދަ އަށް އެއްވެސް ބެލުމެއް ނެތި ސަރުކާރާއި އެމްޑީޕީން ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، މިއީ ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަގިއްލު ކަން ކަށަވަރު ކުރުމުގެ ގޮތުން ގާނޫނުއަސާސީގައި ކަނޑައަޅާ ބަޔާންވެފައިވާ ދުސްތޫރީ އުސޫލުތަކާ ހިލާފަށް ސަރުކާރުން ރާވައިގެން ހިންގާ ކަމެކެވެ.

"ހަމަ އެއާ އެކު، ޖޭއެސްސީ އަކީ ސަރުކާރާއި އެމްޑީޕީން ސިޔާސީ ޓޫލެއްގެ ގޮތުގައި ބޭނުން ކުރާ އެ ޕާޓީ އަށް ނިސްބަތްވާ ބައެއްގެ ކޮންޓްރޯލް އޮވެގެން ހިންގާ ޖަގަހައެއްގެ ގޮތުގައި މިއަދު ވެފައި އޮތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

އެހެންވެ، ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ޝަރުއީ ނިޒާމު ފުނޑާލުމަށް ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ޝަރުއީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތަށް ފުރުސަތު ދީގެން ނުތިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި އިރު، ޕީޕީއެމްގެ ވެރިކަމުގައި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެސް ތުހުމަތު ކުރެއްވި އެންމެ ބޮޑު އެއް ކަމަކީ އެ ސަރުކާރުގައި ވެސް ފަނޑިޔާރުގެ ތެރެއަށް އަތް ބާނައިގެން ހުކުމްތައް ނެރޭ ކަމެވެ.