ގާޒީ އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ޖޭއެސްސީއަށް ގޮވާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރުމަށް ފަހު އެ ކޯޓް ހިންގެވުމާ ހަވާލުކޮށްފައިވާ ގާޒީ އަލީ ރަޝީދާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބެލުން ލަސްވަމުންދާ ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.


ގާޒީ އަލީ ރަޝީދުގެ މައްސަލަ ބަލަން ޕީޕީއެމް/ޕީއެންސީން ގޮވާލީ ޔާމީންގެ ޝަރީއަތް އަލީ ރަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ގާޒީންގެ ބެންޗަކުން ބަލަން ނިންމާފައި ވަނިކޮށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން ގާޒީ އަލީ ރަޝީދު ވަކި މީޑިއާއަކަށް މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެއީ ޖޭއެސްސީން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ބެލުން ޖޭއެސްސީން ލަސްކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެއީ ތައައްސުބުގެ ތެރެއިން އަމަލުކޮށްފައިވާ ގޮތް ކަަމަށް ވެސް ބުންޏެވެ.

ޔާމީންގެ ޝަރީއަތް ވަކި ގޮތަށް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ ކަމަށާއި އެކަން ގާޒީ އަލީ ރަޝީދަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ހައިލަމް ވިދާޅުވެފައި ވާތީ އަލީ ރަޝީދު ވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވެ ރާއްޖެޓީވީ އަށް އިންޓަވިއުއެއް ދެއްވައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން، ސިޔާސީ މީހަކު ނުވަތަ މީޑިއާ ގައި ދައްކާ ވާހަކަ އަކަށް ފަނޑިޔާރުން ރައްދު ދިނުމަކީ މަނާ ކަމެކެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، އިދިކޮޅުން ރޭ ބޭއްވި ބައްދަލުވުމުގައި: ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު މީޑިއާއާ ވާހަކަ ދެއްކެވި މައްސަލަ ޖޭއެސްސީން ބެލުން ލަސްވާތީ ޕީޕީއެމުން ކަންބޮޑުވޭ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"...ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުން އެއްކިބާވެ ތިބެ ކަންކަން ކުރަމުން ދާތީ އެކަން މި ކޯލިޝަނުން ކުށްވެރިކުރަމެވެ. މިކޯލިޝަނުން ދެކޭގޮތުގައި މިފަދަ ކަމެއް ހިނގައި ދިއުމުން އެ ފަނޑިޔާރަކު އަމިއްލަފުޅަށް ވެސް އެ މައްސަލައަކުން ތަަނާޒުލުވާން ޖެހޭނެ އެވެ." ބަޔާނުގައި ވެ އެވެ.

ޔާމީނަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް ނިމި، ހުުކުމްކުރަން އޮތީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަަދު ހައިލަމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރުމުން ޝަރީއަތް ކެންސަލްކުރީ އެވެ.

ޖޭއެސްސީން ހައިލަމަށް ފިޔަވަޅު އެޅީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ ކުރެހުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުުގައި ޗޭނު ޖަހާފައި ހުރެ އެވެ.

އާ ބެންޗަކާ އެކު ޔާމީންގެ ޝަރީއަތް އަލުން ފަށަން ނިންމާފައިވަނީ މި މަހުގެ 17 ގަ އެވެ.