ސަލަފް ޖަމިއްޔާ އުވާލަން ކުރާ މަސައްކަތް ހުއްޓާލަން އިދިކޮޅުން ގޮވާލައިފި

ޖަމިއްޔަތުލް ސަލަފަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، އެ ޖަމިއްޔާ އުވާލަން ކުރަމުން އަންނަ މަސައްކަތާ މެދު އިދިކޮޅު ކޯލިޝަން ޕީޕީއެމް އާއި ޕީއެންސީ އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ސަލަފް ޖަމިއްޔާ އަކީ ޓެރަރިޒަމާ ގުޅުން ހުރި ހަރަކާތްތައް ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ތުހުމަތުތައް ހުއްޓާލަން ގޮވާލާފައި ވެ އެވެ. އަދި އެ ޖަމިއްޔާ އަކީ ރާއްޖޭގައި އިސްލާމްދީނާ މެދު ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށް ބުނެފައި ވެ އެވެ.

ސެކިއުލަރިޒަމް އާއި އެހެން ދީންތައް ރާއްޖޭގައި ޕްރޮމޯޓްކުރަން އެމްޑީޕީން މަސައްކަތްކުރަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރި އެވެ. އަދި ސަލަފް ޖަމިއްޔާ އުވާލަން އެމްޑީޕީން މަސައްކަތްކުރަނީ އެކަމާ ދެކޮޅަށް އެ ޖަމިއްޔާއިން އަޑުއުފުލާތީ، އެކަން ހަޖަމު ނުވާތީ ކަމަށް ވެސް ބުނެފައި ވެ އެވެ.

މީގެ އިތުރުން ސަލަފް ޖަމިއްޔާއާ ގުޅޭ ގޮތުން ނަޝީދު ދޮގު ހައްދާފައިވާ ކަމަށާއި އެ މަނިކުފާނު މަސައްކަތްކުރައްވަނީ ވަކި ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރައްވަން ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައި ވެ އެވެ. އަދި ނަޝީދަކީ، ލާދީނީ ކަންތައްތައް ފަތުރަން ރައީސް އިބްރާހިމް ސޯލިހު ބޭނުންކުރައްވާ ޓޫލެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

ސަލަފް ޖަމިއްޔާ އުފެދުނީ ނަޝީދުގެ ވެރިކަމުގައި ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވި އެވެ. ނަމަވެސް ފަހުން އެނގިފައި ވަނީ، އެ ޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2006 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކަމަށެވެ.

ސަލަފް ޖަމިއްޔާ އިން ކުރާ މަސައްކަތަށް ޕީޕީއެމް އާއި ޕީއެންސީ އިން ހިތްވަރު ދޭ ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައި ވެ އެވެ.

އެ ޖަމިއްޔާ އަށް އިދިކޮޅު ކޯލިޝަނުން އެއްބާރުލުން ދިން ނަމަވެސް، ރައްޔިތުންގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ސަލަފް ޖަމިއްޔާ އަކީ ޖިހާދީ ފިކުރު ގެންގުޅޭ ޖަމިއްޔާއެއް ކަމަށެވެ.