ޗައިނާއާ އެކު ގުޅުން ވެސް ބަދަހި ނުވެ ގައުމު ވެއްޓުނީ ބޮޑު ދަރަންޏަކަށް: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ގުޅުން ވެސް ބަދަހި ނުވި ކަމަށާއި ރާއްޖެ ވެއްޓުނީ ބޮޑު ދަރަންޏަކަށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އިންޑިއާގެ "ލޮކް ސަބާ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޔާމީން ވެރިކަމަށް ވަޑައިގެން މަސައްކަތް ކުރެއްވީ ޗައިނާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކަމަށާއި ނަމަވެސް އެކަމެއް ވެސް ކާމިޔާބުނުވި ކަމަށް ވިދާޅުވި އެވެ.

ޗައިނާގެ ސަބަބުން ރާއްޖެ ވެއްޓިފައިވާ ދަރަނިން ސަލާމަތްވާން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން އެންމެ ހިތްހަމަނުޖެހުނު އެއް ކަމަކީ ޔާމީންގެ ސަރުކާރުން އިންޑިއާއާ މެދު ކަންތައް ކުރިގޮތް ކަމަށާއި އެ ގައުމަކީ ގިނަ ދިވެހިން ކިޔެވުމަށާއި ބޭސްފަރުވާއަށް ދާ ގައުމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅު ނޫން ނަމަ ކަންކަން ފަސޭހަވެގެން ނުދާނެ ކަމަށެވެ.

ޗައިނާއާ ރާއްޖެއާ އެފަދަ ގުޅުމެއް ނެތްކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޔާމީން މަސައްކަތްކުރެއްވީ ޗައިނާގެ ފައިސާ އިން ތަންތަން އިމާރާތްކުރުމަށް ކަމުގައި ވިއަސް ދެ ވަނަ ދައުރަކަށް މަގާމުގައި ދެމި ހުންނެވުމުގެ ފުރުސަތު ރައްޔިތުން ނުދިން ކަމަށް ވިދާޅުވި އެވެ. ތަރައްގީއަކީ ތަންތަން އިމާރާތް ކުރުން ނޫން ކަމަށާއި ތަރައްގީ ވާނީ އިންސާނުން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޗައިނާ އިން އެންމެ ފުރަތަމަ "ގަތީ" އޭރުގެ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އެއަށްފަހު ގާނޫނުތައް ބަދަލުކުރީ ކަމަށް ވިދާޅުވި އެވެ.

އިންޑިއާއާ ގުޅޭގޮތުން ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރަށް އުޖާލާ ކަމަށެވެ.

ރާއްޖޭގެ ސެކިއުރިޓީ ބިނާވެފައި ވަނީ އިންޑިއާގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާ ގުޅޭގޮތުން ކަމަށާއި އިންޑިއާ ވަރަށް ހަލުއި ސްޕީޑުގައި ކުރިއަރާއިރު އެއާ އެއް މިންވަރަށް ރާއްޖެ ވެސް ދާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.