މިނިމަމް ވޭޖް ކަނޑައެޅުމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިންނާއި ސެލެރީ އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑުން ކުރި ދިރާސާތައް ނިމިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އައިއެލްއޯ އަށް 100 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ ދިރާސާގެ ދެ ރިޕޯޓު ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް މި ދިރާސާގައި އެ ދެ ފަރާތުން ނިންމި ގޮތެއް ފައްޔާޒު ވިދާޅެއް ނުވެއެވެ.
ފައްޔާޒު ވިދާޅުވީ ބޭނުން ވަނީ ވީހާ ވެސް އަވަހަށް މިނިމަމް ވޭޖް ކަނޑައެޅިގެން ދިއުން ކަމަށާއި އެހެންކަމުން ރިޕޯޓުތައް ވީހާ ވެސް އަވަހަށް ކެބިނެޓަށް ހުށަހަޅުއްވާނެ ކަަމަށެވެ. ކެބިނެޓުން އެ ރިޕޯޓުތައް ދިރާސާ ކުރުމަށްފަހު މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުއްމީދަކީ އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ސެޝަންގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށް. އަޅުގަނޑު މި ރިޕޯޓުތައް ކެބިނެޓުގެ ލަފަޔާ އެއްގޮތަށް މަޖިލީހަށް ހުށަހަޅަައި ރައްޔިތުންގެ ލަފާ ވެސް ހޯދާނަން." ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މި ރިޕޯޓުތައް ނިންމުމުގައި އޭނާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ. އޭނާ އަދާކުރެއްވީ އައިއެލްއޯ އާއި ސެލެރީ އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ދެމެދުގެ މެދުވެރިއެއްގެ މަގާމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިއެލްއޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އައިއެލްއޯއާ ގުޅިގެން މުވައްޒަފުންގެ ހައްގު ހޯދައިދިނުމަށާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް ސަރުކާރުން އިތުރު މަސައްކަތްތައް ކުރާނެ އެވެ.